ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 08:34
އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް
އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް
ރޮއިޓަރސް
އިސްރާއީލް މިސްރުގެ ގުޅުން
އިސްރާއީލްގެ ބޮޑުވަޒީރު މިސްރަށް ވަޑައިގެންފި
 
ބެނެޓް ވިދާޅުވީ ދެގައުމު އެކުގައި ކުރިޔަށް ދިޔުމުގައި މުހިންމު ފައުންޑޭޝަނެއް އެޅިގެން ހިނގައްޖެކަމަށް
 
ވާހަކަތައް މައިގަނޑު ގޮތެއްގައި ކުރިޔަށްދިޔައީ ސަލާމަތީ ކަންކަން އަދި އިގްތިޞާދީ ދާއިރާއަށް

އިސްރާއީލްގެ ބޮޑުވަޒީރުކަމަށް އަލަށް ވަޑައިގެންނެވި ނަފްތާލީ ބެނެޓް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ އާ ބައްދަލުކުރައްވައި އިސްރާއީލް-ފަލަސްތީނުގެ ގުޅުން އަދި މިސްރާއީ އިސްރާއީލްގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު މިސްރަށް އަހަރުތަކެއް ފަހުން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އިސްރާއީލްގެ ބޮޑުވަޒީރުކަަމަށް ބެނެޓް ވަޑައިގެންނެވީ ޖޫން މަހުއެވެ. އެއީ މެއި މަހު އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްދިޔަ ހަމަލާބަދަލުކުރުންތަކުގައި އިސްރާއީލަށް ކުރިމަތިވި ނާކާމިޔާބީއަށްފަހުއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު މިސްރަށް ވަޑައިގެންނެވުމުގެ ދައުވަތު މިސްރުގެ ރައީސް އަލް ސީސީ އަރުވާފައިވަނީ މިދިޔަ މަހުއެވެ. މީގެއިތުރުން މެއި މަހު ކުރިޔަށްދިޔަ 11 ދުވަހުގެ ހަމަލާބަދަލުކުރުންތައް ހުއްޓާލުމުގައި އިސްދައުރެއް އަދާކޮށްފައިވާ ގައުމަކީވެސް މިސްރެވެ.

މިސްރުމުގެ ޝަރުމުއް ޝެއިޚްގައި ކުރިޔަށްދިޔަ ބައްދަލުވުމާއި ގުޅޭގޮތުން ބެނެޓް ވިދާޅުވީ ވާހަކަތައް މައިގަނޑު ގޮތެއްގައި ކުރިޔަށްދިޔައީ ޑިޕްލޮމެޓިކް ގުޅުމާއި، ސަލާމަތީ ކަންކަން އަދި އިގްތިޞާދީ ދާއިރާއަށް ކަމަށެވެ. އިސްރާއީލަށް އެނބުރި ވަޑައިގެންނެވުމުގެ ކުރިން ވާހަކަދައްކަވަމުން ބެނެޓް ވިދާޅުވީ ދެގައުމު އެކުގައި ކުރިޔަށްދިޔުމުގައި މުހިންމު ފައުންޑޭޝަނެއް މިދަތުރުގައި އެޅިގެން ހިނގައްޖެކަމަށެވެ.

ބައްދަލުވުމާއި ގުޅޭގޮތުން މިސްރުގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ސަރަހައްދުގައި ސުލްހަ ގާއިމުވުމުގެ މުހިންމު ކަމުގެ މައްޗަށް ސީސީ އަލިއަޅުވާލެއްވިކަމަށެވެ. އަދި ފަލަސްތީނު ބިނާކުރުމުގައި ބައިނަލްއަގްވާމީ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށްވެސް ސީސީ އަލިއަޅުވާލެއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މެދުއިރުމައްޗަށް ސުލްހަ ގެނައުމާއި ޓޫ ސްޓޭޓް ސޮލިޔުޝަނެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި މިސްރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ސީސީ ވިދާޅުވިކަމަށް ބަޔާނުގައިވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައީ 2014 ވަނަ އަހަރުއެވެ. އަދި އަލުން މިވާހަކަތައް ފެށުމަކީ ނާދިރުކަމެއްގެ ގޮތުގައި މާހިރުން އަންނަނީ ސިފަކުރަމުންނެވެ. އިސްރާއީލްގެ އައު ބޮޑުވަޒީރު ބެނެޓް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އިންކާރުކުރައްވާފައެވެ.

މިސްރަކީ އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމެއް އެންމެ ފުރަތަމަ ގާއިމުކުރި އަރަބި ގައުމެވެ. 1979 ވަނަ އަހަރު މިސްރުން އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް ދެ ގައުމުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ސަލާމަތީ ކަންކަމާއި އިގްތިސާދީ ހަރަކާތްތައް ދެގައުމުގެ މެދުގައި ހިނގަނީ ވަރަށް މަދުންނެވެ.

އިސްރާއީލާއި ހަމާސް އާ ދެމެދު ބަދަލުކުރެވުނު ހަމަލާތައް ހުއްޓާލުމުގައި މިސްރުން އަދާކުރި ރޯލާއެކު އެސަރަހައްދުގައި ގުޅުން ގާއިމުކޮށް ވަރުގަދަވުމުގެ ފުރުސަތު މިސްރަށް ވަނީ ފަހިވެފައެވެ. ބެނެޓް މިސްރަށް ކުރެއްވި މިޒިޔާރަތާއެކު އިސްރާއީލާއި މިސްރާ ދެމެދު ދަތުރުފަތުރު ކުރުމުގެ މަގު އަވަހަށް ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

އޮކްޓޯބަރ މަހުން ފެށިގެން މިސްރާއި ތަލްއަވީވާ ދެމެދު ވައިގެ ދަތުރުފަތުރުކުރަން ފަށާނެކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރަކު އެންމެ ފަހުން މިސްރަށް ވަޑައިގަންނަވާފައިވަނީ 2011 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް