އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުން އަންހެނުންނާ މެދު އަމަލުކުރާނެ ކަމަށް ވައުދުވި ގޮތާއި ޚިލާފަށް އަމަލުކުރަމުން އަންނަ އދން ބުނެފިއެވެ.
އދ ގެ ހިޔުމަން ރައިޓްސް ހައި ކޮމިޝަނަރ މިޝޭލް ބަޝްލެޓް ވިދާޅުވީ އަފްޣާނިސްތާނު މިހާރު އޮތީ ވަރަށް އައު ހާލަތު ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެ ފަދަ ނުރައްކާތެރި ހިސާބެއްގައި ކަމަށެވެ.
ޖެނީވާގައި ކުރިޔަށްދިޔަ ހިޔުމަން ރައިޓްސް ކައުންސިލްގައި ވާހަކަދައްކަވަމުން މިޝޭލް ވިދާޅުވީ ފާއިތުވި ތިން ހަފުތާގައި ތާލިބާނުން މަސައްކަތްކޮށްފައިވަނީ އަންހެނުން މަންޒަރުން ގެއްލުވާލުމަށް ކަމަށެވެ. ތާލިބާނުން އަލަށް އެކުލަވާލި ސަރުކާރުގައި އެއްވެސް އަންހެނަކު ހިމެނިފައިނުވާތީ އެކަމުގެ ކަންބޮޑުވުން މިޝޭލް ފާޅުކުރެއްވިއެވެ. އަދި ސަރުކާރުގެ ބޮޑު ބައެއް ޕަޓާނުންނަށް ދީފައިވުންވެސް ފާހަގަކުރެއްވިއެވެ.
މިޝޭލް އިތުރަށް ވިދާޅުވީ ބައެއް ހިސާބުތަކުގައި އުމުރުން 12 އަހަރުން މަތީގެ އަންހެންކުދިންނަށް ސްކޫލަށް ދިޔުން މަނާކޮށްފައިވާކަމަށެވެ. އަދި އަންހެނުންނަށް ގޭގައި ތިބުމަށް އަންގާފައިވާކަމަށެވެ. މީގެއިތުރުން ކުރިން ތާލިބާނުން އެއްބަސްވެފައިވާ ގޮތަށް އެމެރިކާގެ ބާރު އޮތްއިރު އަފްޣާނިސްތާނުގެ ސަރުކާރުގައި މަސައްކަތްކުރި މީހުންނަށް ހިމާޔަތާއި އެމްނެސްޓީގެ ހިމާޔަތްހޯދުން ފަދަ ކަންކަމަށް ހުރަސް އަޅަމުންދިޔުމާއި ގެތަކަށް ގޮސް މީހުން ހޯދުމުގެ މަސައްކަތް ތާލިބާނުން ކުރަމުންދާދިޔުން މިޝޭލް ވަނީ ފާހަގަކުރައްވާފައެވެ.
މިޝޭލް އިތުރަށް ވިދާޅުވީ އެމެރިކާގެ ކުންފުނިތަކުގަޔާއި ސަލާމަތީ ބާރުތަކާއެކު މަސައްކަތްކުރި އަފްޣާނިސްތާނުގެ މީހުން ހޯދުމަށް ތާލިބާނުން ތަކުރާރުކޮށް މަސައްކަތްކުރަމުން އަންނަކަމުގެ މައުލޫމާތު އދށް ލިބިފައިވާކަމަށެވެ. އަދި އދގެ ބައެއް އޮފިޝަލުންނަށް އަމާޒުކޮށްދޭ ހަމަލާ އާއި އިންޒާރުތައް އިތުރުވެފައިވާކަމަށްވެސް މިޝޭލް ވިދާޅުވިއެވެ.
މީގެއިތުރުން އަފްޣާނިސްތާނުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ ބައެއް މީހުން ތާލިބާނުން މަރާލާފައިވާކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށްވެސް މިޝޭލް ވިދާޅުވިއެވެ.
އަފްޣާނިސްތާނުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި ކަންކަން މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މިޝޭލް ގޮވާލެއްވިއެވެ. އަދި އެކަމަށް އދން ވީ އެންމެ އަވަހަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ގޮވާލައްވާފައެވެ.