އަފްޣާނިސްތާނުގެ އަންހެނުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ޔުނިވަރސިޓީތަކަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށާއި ނަމަވެސް ކުލާސްތަކުގައި ތިބެންޖެހޭނީ ފިރިހެނުންނާ ވަކިންކަމަށާއި ލައިގެން ތިބެންޖެހޭނީ އިސްލާމީ ހެދުންކަމަށް، އަލަށް އެކުލަވާލާފައިވާ ޠާލިބާން ސަރުކާރުގެ އައު ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ އަބްދުލް ބާޤީ ހައްޤާނީ ވިދާޅުވެއްޖެއެވެ.
އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާއިން ތިބުމަށްފަހު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެގައުމުގައި ތިބި އެމެރިކާ އާއި ބޭރު ގައުމުތަކުގެ ފައުޖުތައް ވަނީ ފައިބާފައެވެ. އަދި އަފްޣާނިސްތާނުގައި ވަނީ އަނެއްކާވެސް ޠާލިބާން ސަރުކާރެއް ގާއިމުކޮށްފައެވެ. އަލަށް އެކުލަވާލި ސަރުކާރުގެ ބައެއް މަގާމުތައް ޠާލިބާނުން މިހާރު ހާމަކޮށްފައިވާއިރު ޠާލިބާނުން ބުނެފައިވަނީ ގައުމު ބިނާކުރަން ބޭނުންވަނީ ގައުމުގައި ހުރި އެއްޗަކުން ކަމަށެވެ. އަދި މީގެ 20 އަހަރު ކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ގޮތަށް މިފަހަރު ކަންތައްތައް ކުރަން ބޭނުންނުވާކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ އަންހެން ދަރިވަރުންނަށް ވީވަރަކުން ކިޔަވައިދެމުންދާނީ އަންހެން ޓީޗަރުންކަމަށެވެ. އަދި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ އަންހެން ޓީޗަރުންގެ އަދަދު ގިނަ ކަމަށެވެ. އެހެންކަމުން އަންހެން ދަރިވަރުންނަށް ކިޔަވައިދިނުމަށް އަންހެން ޓީޗަރުން ހޯދުމުގައި މާބޮޑު ދަތިތަކެއް ކުރިމަތިނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންހެން ދަރިވަރުންނަށް އަންހެން ޓީޗަރުން ހޯދުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވެސް މިނިސްޓަރ ހައްޤާނީ ވިދާޅުވިއެވެ.
އަންހެން ޓީޗަރުން ނުލިބޭކަމަށްވާނަމަ އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ހައްޤާނީ ވިދާޅުވިއެވެ. އަންހެން ޓީޗަރުން ނުލިބޭނަމަ ފިރިހެން ޓީޗަރުންނަށް ވެސް ކިޔަވައިދެވިދާނެ ކަަމަށާއި ނަމަވެސް ކިޔަވާކުދިން ތިބެންޖެހޭނީ ނިވާކޮށްގެން ކަމަށް ހައްޤާނީ ވިދާޅުވިއެވެ.
އަންހެނުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެތޯ އެއީ ޠާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެންމެ ބޮޑަށް އުފައްދަމުން އަންނަ ސުވާލެވެ. ސަބަބަކީ މީގެކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު އަންހެނުންނަށް އެއްގޮތަކަށް ވެސް އެ ފުރުސަތު ދީފައިނުވާތީއެވެ. މީގެއިތުރުން އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެތޯ އެއީ ދެވަނަ އަށް އެންމެ ބޮޑަށް އުފައްދަމުން އަންނަ ސުވާލެވެ.
ޠާލިބާނުންގެ އޮފިޝަލުން އެކަމާ ގުޅޭގޮތުން ބުނެފައިވަނީ އަންހެނުންނަށް ކިޔެވުމާއި މަސައްކަތްކުރުމުގެ ފުރުސަތު ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އެގައުމުގައި ކުރިއްސުރެ އޮންނަ ގޮތަށް ލިބޭނެކަމަށެވެ. ނަމަވެސް އަންހެނުން ހެދުން އަޅަންޖެހޭނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަމަށް ވަނީ ބުނެފައެވެ. މިނިސްޓަރ ހައްޤާނީ ވިދާޅުވީ ކިޔަވަންދާ އަންހެން ކުދިން ތިބެންޖެހޭނީ ނިވާކޮށްގެންކަމަށެވެ. ބުރުގާ އަޅައިގެން ނިވާކޮށްގެން ތިބުމަކީ މަޖުބޫރުކަމެއްކަމަށް ވިދާޅުވިނަމަވެސް ތިބެންޖެހޭނީ މޫނު އަޅައިގެން ކަމެއް ނުވަތަ ނޫންކަމެއް ވިދާޅުވެފައެއްނުވެއެވެ.
ޠާލިބާންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔުމާއެކުހެން އަފްޣާނިސްތާނުގެ ކުލާސްރޫމްތަކުގައި ކިޔަވައިދެމުން އަންނަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިކޮށްގެންނެވެ. ކުލާސްރޫމްތަކުގައި ވަކިން އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިތިއްބާފައިތިބޭއިރު މެދުން ހުންނަނީ ފޮތި ގަނޑެއް ދަމާފައެވެ.
ހައްޤާނީ ވިދާޅުވީ މި އުސޫލަށް އަފްޣާނިސްތާނުގެ ހުރިހާ ހިސާބެއްގައި ހުންނަ ސްކޫލްތަކުގައި ވެސް އަމަލުކުރަމުންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް މަސްތަކުގައި ކޮލެޖްތަކުގައި ކިޔަވައިދެމުން އަންނަ މާއްދާތައް ވެސް ބަލައި ދިރާސާކުރާނެ ކަމަށް ހައްޤާނީ ވިދާޅުވިއެވެ.