ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 16:01
މިއީ 1953 އަހަރުގެ ހައްޖު މޫސުމުގައި މައްކާއަށް ދިޔަ ހައްޖާޖީން
މިއީ 1953 އަހަރުގެ ހައްޖު މޫސުމުގައި މައްކާއަށް ދިޔަ ހައްޖާޖީން
ނެޝަނަލް ޖޯގްރަފިކް
ހާޝިމު ވަންހަ
ހާޝިމު ވަންހައަކީ ކޮބާ!
ހާޝިމު ވަންހައަކީ ކީރިތި ރަސޫލާ އެ ޢާއިލާއަކުން ވަޑައިގެންނެވި ޢާއިލާ

ހާޝިމު ވަންހައަކީ ކޮބާ!

ހާޝިމު ވަންހައަކީ ކީރިތި ރަސޫލާ އެ ޢާއިލާއަކުން ވަޑައިގެންނެވި ޢާއިލާއެވެ. ޤުރައިޝު ވަންހައިގެ ދަރިފަސްކޮޅުތަކުގެ ތެރެއިން އެއް ދަރިފަސްކޮޅެވެ. އެންމެ މާތް ދަރިފަސްކޮޅެވެ. ހާޝިމަކީ ޢަބްދު މަނާފުގެ ދަރިކަލެކެވެ. ހާޝިމުގެ ތިއްބެވީ ދެބޭފުޅުންނެވެ. އެއީ ޢަބޫ ޠާލިބާއި އަސަދެވެ. ދެން ހާޝިމު ވަންހަ އައިސްފައިވަނީ މިދެބޭކަލުންގެ ދަރިނަސްލުންނެވެ.

ކީރިތި ރަސޫލާގެ ޢާއިލާ ހާޝިމު ވަންހައިން އައިގޮތް

ޙަދީޘުފުޅެއްގައި ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައި ވެއެވެ. {إِنَّ اللَّهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَعِيلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ وَاصْطَفَانِي مِنْ بَنِي هَاشِمٍ} މާނައީ: މާތްﷲ އިބްރާހީމުގެފާނުންގެ ދަރިކަލުން އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅުން ކިނާނަތުދަރިކޮޅު ހޮއްވެވިއެވެ. އަދި ކިނާނަަތު ދަރިކޮޅުގެ ތެރެއިން ޤުރައިޝުވަންހަ އިޚްތިޔާރު ކުރެއްވެވިއެވެ. ޤުރައިޝު ވަންހައިން ހާޝިމުވަންހަ ހޮއްވެވިއެވެ. އަދި ހާޝިމު ވަންހަގެ ތެރެއިން ތިމަން ކަލޭގެފާނު އިޚްތިޔާރު ކުރެއްވެވިއެވެ. (މިއީ މުސްލިމާއި ތިރްމިޛީގެ ރިވާޔަތެކެވެ.)

ކީރިތި ރަސޫލާގެ ކާފައާއ މުންނަގެ ކައިވެނިފުޅު

ކީރިތި ރަސޫލާގެ މުންނާފުޅަކީ ފާޠިމާ ބިންތި ޢަމްރެވެ. އެކަމަނާއަކީ މަޚްޒޫމުގެ ފުތް ޢިމްރާމްގެ ފުތް ޢާއިޛްގެ ފުތް ޢަމްރުގެ ދި ފާޠިމާއެވެ. އެކަމަނާގެ ލަޤަބަކީ، އަލްމަޚްޒޫމިއްޔާ، އަލްޤުރަޝިއްޔާއެވެ. އެކަމަނާ ކައިވެނި ބެއްލެވީ ރަސޫލާގެ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނާއެވެ. ޢަބްދުލް މުއްޠަލިބުގެ ތިއްބެވީ 14 ފިރިހެން ބޭފުޅުންނާއި 6 އަންހެން ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރެއިން ކީރިތި ރަސޫލާ ރަސޫލު ކަމާއިގެން ވަޑައިގެންނެވިއިރު ތިއްބެވީ، އަބޫ ލަހަބާއި ޙަމްޒާއާއި އަބޫ ޠާލިބާއި ޢައްބާސެވެ.

(ހ) އަބޫ ލަހަބުގެ ތިބީ ތިން ފިރިހެން ދަރިންނެވެ. އެއީ ޢުތުބާއާއި މުތުޢިބެވެ. މިބޭކަލުން އިސްލާމްވީ ފަތުޙު މައްކާގައެވެ. ދެން ޢުތައިބާއެވެ. މީނާވަނީ ކީރިތި ރަސޫލާގެ ބަދުދުޢާ ޖެހި ސިންގާއެއްގެ އަތްދަށުން މަރުވެފައެވެ.

(ށ) ޙަމްޒަތުގެފާނުންގެ ހަތްބޭފުޅުން ތިއްބެވިއެވެ. އޭގެތެރެއިން ފިރިހެން ތިންބޭފުޅުންގެ ތެރެއިން ދިރިހުންނެވީ ޔަޢުލާއެވެ. އެހެނަސް ޔަޢުލާއަށް ލިބިވަޑައިގަތްހާ ބޭފުޅުން ތުއްޕުޅު އިރު އަވަހާރަވީއެވެ. އެހެންކަމުން ޙަމްޒަތުގެފާނުންގެ ޢާއިލާ ދެމިގެނެއް ނުދިޔައެވެ.

(ނ) ޢައްބާސްގެފާނަށް ލިބިވަޑައިގަތީ 10 ފިރިހެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުންނެވެ. އޭގެ ތެރޭން އެންމެ ދޮށީ އަލްފަޟްލެވެ. އެންމެ މަޝްހޫރީ ޢަބްދުﷲ އިބްނި ޢައްބާސެވެ. ފަޟްލުގެ ހުރީ އެންމެ އަންހެން ބޭފުޅެކެވެ. ޢަބްދުﷲގެ 5 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުން ތިއްބެވެ.

ކީރިތި ރަސޫލާގެ މުންނައަށް ލިބިވަޑައިގަތް ބޭފުޅުން

ޢަބްދުލް މުއްޠަލިބުގެ ކިބައިން ފާޠިމާ ބިންތި ޢަމްރަށް ލިބިވަޑައިގަތީ ތިން ބޭފުޅުންނެވެ. އެއީ، ޒުބައިރުއާއި އަބޫ ޠާލިބުއާއި ޢަބްދުﷲއެވެ.

(ހ) ޢަބްދުﷲ އަށް ލިބިވަޑައިގަތީ ކީރިތި ރަސޫލާ އެކަންޏެވެ.

(ށ) ޒުބައިރަކީ ޢަބްދުލް މުއްޠަލިބުގެ އެންމެ ދޮށީ ދެވަނަ ދަރިކަލުންނެވެ. ކީރިތި ރަސޫލާއާ ބައްދަލުވިއެވެ. ނަމަވެސް ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުގެ ކުރިން އަވަހާރަ ވެއްޖެއެވެ. ޒުބައިރުގެ 9 ބޭފުޅުން ތިއްބެވެ. އޭގެ ތެރެއިން ތިން ބޭފުޅުން ވަނީ އިސްލާމް ދީން އައުމުގެ ކުރިން އަވަހާރަ ވެފައެވެ. އަނެއް ހަބޭފުޅުން އިސްލާމްވެ ވަޑައިގަތެވެ. ފިރިހެންބޭފުޅަކަށް ހުންނެވީ ޢަބްދުﷲ އިބްނިއް ޒުބައިރު އެކަންޏެވެ. އެކަލޭގެފާނަށް ބޭފުޅަކު ލިބިވަޑައިގަތް ކަމެއް އެނގޭކަށް ނެތެވެ.

އަބޫ ޠާލިބު

(ނ) އަބޫ ޠާލިބަކީ ޢިއްޒަތްތެރި ޝަރަފުވެރި މާތް ބޭކަލެކެވެ. ޤުރައިޝުވަންހައިގެ އިސް ބޭކަލެކެވެ. މަޑުމައިތި ރިވެތި އަޚްލާޤުގެ ވެރިއެކެވެ. ޢަބްދުލް މުއްޠަލިބުގެފާނު އަވަހާރަވުމުން އެކަލޭގެފާނުންގެ ވަޞިއްޔަތާ އެއްގޮތަށް ކީރިތި ރަސޫލާ ބަލައި ބޮޑުކުރެއްވީ އަބޫ ޠާލިބެވެ. އަބޫ ޠާލިބަކީ އޭރު ދުނިޔޭގައި ހުންނެވި ކީރިތި ރަސޫލާގެ ހަމައެކަނި ޙަޤީޤީ ބޮޑުބޭބެއެވެ. ދެން ތިއްބެވީ އެއްބަފާ ބޮޑުބޭބެއިންނެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގަތުމުން އަބޫ ޠާލިބު އެކަލޭގެެެެފާނު ޙިމާޔަތް ކުރައްވައި މުދަލާއި ޖާނުން ޤުރުބާންވެ ވަޑައިގަތެވެ. ރަސޫލާގެ ދިފާޢުގައި ފަސްޖެހި ވަޑައިގަތުމެއްނެތި އަބަދުމެ އުޅުއްވީ އެކަލޭގެފާނުންގެ އައްޑަނައެއްގެ ގޮތުގައެވެ. ދެން އަބޫ ޠާލިބުގެފާނު އަވަހާރަވުމުން ކީރިތި ރަސޫލާގެ މައްޗަށް ޤުރައިޝުންގެ ދުއްތުރައުތައް އިންތިހާއަށް ބޮޑުވެގެން ދިޔައެވެ.

އަޞްލު ބަނީ ހާޝިމު ވަންހަ

ޙާޝިމުގެ ބޭފުޅުންގެ ތެރެއިން ފިރިހެން ބޭފުޅުންނަށް ދިރި ތިއްބެވީ ކީރިތި ރަސޫލާގެ ކާފާފުޅު ޢަބްދުލް މުއްޠަލިބާއި ޢަލީގެފާނުންގެ މާފާފަޅު އަސާދެވެ. އަސަދުގެ ހަތަރު ބޭފުޅުން ތިއްބެވެ. އޭގެ ތެރެއިން ފާޠިމާ ބިންތި އަސަދު ކައިވެެނި ބެއްލެވީ އަބޫ ޠާލިބާއެވެ. އެދެބޭކަލުންނަށް ހަ ބޭފުޅުން ލިބިވަޑައިގަތެވެ. ދެ އަންހެން ބޭފުޅުންނާ ހަތަރު ފިރިހެން ބޭފުޅުންނެވެ. އެހެންކަމުން ޙާޝިމުގެ ދެބޭފުޅުން ކަމުގައިވާ ޢަބްދުލް މުއްޠަލިބާއި އަސަދާއި ދެބޭކަލުންގެ ޢާއިލާ ގުޅިގެން އަޞްލު ޙާޝިމުވަންހަ އުފެދެނީ އަބޫ ޠާލިބުގެ ގޭގައެވެ. އެބަހީ އަބޫ ޠާލިބުގެ ބޭފުޅުންނާއި ކާފަ ބޭފުޅުންނެވެ. އަބޫ ޠާލިބުގެ އަނބިކަނބަލުންނާއި އެންމެހައި ބޭފުޅުންވަނީ އަބޫ ޠާލިބުގެ ޙަަޔާތްޕުޅުގައި އިސްލާމްވެ ވަޑައިގެންފައެެވެ. އެއީ ޠާލިބާއި ޖަޢުފަރާއި ޢުޤައިލާއި ޢަލީއެވެ. އަންހެން ބޭފުޅުންނަކީ ފާޚްތާއާއި ޖުމާނާއެވެ. މިބޭކަލުންނާއި މިބޭކަލުންގެ ބޭފުޅުންނަކީ އަޞްލު ހާޝިމުވަންހައެވެ. ދެން ހާޝިމު ވަންހައިގެ ތެރޭގައި ހިމެނެނީ ޢައްބާސްގެފާނާއި އެކަލޭގެފާނުންގެ ބޭބޭފުޅުންނެވެ. ވަންހަ ދެމިގެންދާނީ ފިރިހެން ދަރިންގެ ފަރާތުން ކަމަށްވާތީ މިތާގައި އަންހެން ބޭކަނބަލުންގެ ނަންފުޅުތައް ކުރުކޮށްލުމުގެ ގޮތުން އަޅުގަނޑު ނުގެނައީއެވެ.

އަބޫ ޠާލިބު އަވަހާރަވީ މުސްލިމެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ؟

އަބޫ ޠާލިބު އަވަހާރަވީ ހިޖުރައިގެ 3 އަހަރު ކުރިން ޢާމުލް ޙުޒުނިއޭ ކިއުނު އަހަރުގައެވެ. އެކަލޭގެފާނުން އަވަހާރަވީ މުސްލިމެއްގެ ގޮތުގައިތޯ ނުވަތަ ކާފަރެއްގެ ގޮތުގައިތޯ މިއީ ޢިލްމުވެރިންގެ މެދުގައި ބަހުސު ކުރެވޭ މައްސަލައެކެވެ. އެހެންކަމުން މިމައްސަލަ ދިރާސާ ކޮށްލަން އަޅުގަނޑު ޤަޞްދު ކުރީމެވެ.

އަހުލު ސުއްނަތުގެ ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ އަބޫ ޠާލިބު އަވަހާރަވީ ކާފަރެއްގެ ގޮތުގައި ކަމަށެވެ. އެހެނަސް ސުއްނީ ބައެއް ބޭކަލުން ވިދާޅުވަނީ އެކަލޭގެފާނު އަވަހާރަވީ މުސްލިމެއްގެ ގޮތުގައި ކަމަށެވެ. ޝިޔަޢީ އިލްމުވެރިންވެސް ބުރަވެ ވަޑައިގަންނަވަނީ މި ދެވަނަ ރައުޔު ޞައްޙަ ކަަމަށެވެ. މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚު ޝަޢުރާވީއާއި ޝައިޚު ބޫޠީއާއި ޝައިޚު ޢަލީ ޖުމްޢާއާއި ޝައިޚު ޣަޒާލީއާއި ޑރ. ޤަޞްޟާވީ ފަދަ މުޙައްޤިޤުންނާއި އެނޫންވެސް ވަރަށް ގިނަ ޢިލްމުވެރިން މިރައުޔަށް ބުރަވެ ވަޑައިގަންނަވައެވެ.

އަޅުގަނޑަށް ބުރަވެވެނީ މިރައުޔު އެންމެ ޞައްޙަ ކަމަށެވެ. ސަބަބަކީ އަބޫ ޠާލިބުގެފާނު އިސްލާމް ދީން ދިފާޢުކުރައްވަން ކުރެއްވި ބުރަ މަސައްކަތުގެ ބޮޑުކަމާއި އިސްލާމް ދީނާ އެކަލޭގެފާނާހުރި ގާތްކަމެއްގެ ބޮޑުކަމާހުރެ އަޞްލަކީ އެއީ ކަމަށް ވާތީއެވެ. އަދި އެކަލޭގެފާނަކީ މުސްލިމެއް ނޫންކަމަށް އަންނަ ދެރިވާޔަތުން ޣައިރު މުސްލިމެއް ކަމަށް ހެކިލިބުނު ކަމުގައި ވިއަސް އެ ދެރިވާޔަތުގައި ޝައްކު އުފެދޭތީ އިންޞާފުވެރި ގޮތަކީ އެދެރިވާޔަތް ދޫކޮށްލުމެވެ. އެހެންކަމުން އެދެރިވާޔަތާމެދު ކުޑަކޮށް ބަހުސު ކޮށްލާނަމެވެ.

1 -ފުރަތަމަ ރިވާޔަަތަކީމާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން އިމާމު މުސްލިމާއި ތިރްމިޛީ ނެރުއްވި ޙަދީޘެކެވެ. {حَدَّثَنَا يَزِيدُ بْنُ كَيْسَانَ عَنْ أَبِي حَازِمٍ الْأَشْجَعِيِّ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِعَمِّهِ قُلْ لَا إِلَهَ إِلَّا اللَّهُ أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ قَالَ لَوْلَا أَنْ تُعَيِّرَنِي قُرَيْشٌ يَقُولُونَ إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لَأَقْرَرْتُ بِهَا عَيْنَكَ فَأَنْزَلَ اللَّهُ  إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ قال الترمذي: هَذَا حَدِيثٌ حَسَنٌ غَرِيبٌ لَا نَعْرِفُهُ إِلَّا مِنْ حَدِيثِ يَزِيدَ بْنِ كَيْسَانَ} މާނައީ: އަބޫހުރައިރާ ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ބޮޑުބޭބޭގެ ގާތު ވިދާޅުވިއެވެ. ބޮޑުބޭބޭއެވެ! ނިކަން ޝަހާދަތް ވިދާޅުވެބައްލަވާށެވެ! ތިމަންކަލޭގެފާނު ޤިޔާމަތް ދުވަހުން މާތް ﷲގެ ޙަޟުރަތުގައި ބޭބެއަށްޓަކައި މުސްލިމެއް ކަމުގައި، ހެކިވެރިވެ ވަޑައިގަންނަވާހުށީމެވެ. އަދި ކަލޭގެފާނަށްޓަކައި ޝަފާޢަތްތެރިވެ ވަޑައިގަންނަވާހުށީމެވެ. ޖަވާބުގައި އަބޫޠާލިބުގެފާނު ވިދާޅުވިއެވެ. ކޮއިފުޅާއެވެ! ޤުރައިޝުވަންހައިގެ މީހުންގެ ފަރާތުން ތިމަންނައަށް ލަދު ހުތުރު ބަސް ނާންނާނެނަމަހީ ތިމަން، ކޮއްކޮގެ ކުރިފުޅުމަތީގައި ތިޔަ މަގު އިޚްތިޔާރު ކުރީމުހެވެ. އެހެނެއްކަމަކު އެމީހުންގެ މަލާމާތަށް ތިމަންނައަށް ކެތެއް ނުކުރެވޭނެއެވެ. މިއާގުޅިގެން އަބޫޠާލިބާ ބެހޭގޮތުން މާތް ﷲ މިއާޔަތް ބާވައިލެއްވިއެވެ. {إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ} މިއެވެ. އިމާމު ތިރްމިޛީ ވިދާޅުވަނީ މިއީ ޙަސަން ޣަރީބު ޙަދީޘެއް ކަމަށެވެ.

މިޙާދީޘާ ދިރާސާ ކުރެވޭހިނދު ސާބިތުވާ ބައެއް ނުކުތާތަކާއި އުފެދޭ ބައެއް ސުވާލުތައް

(ހ) ރާވީ ޔަޒީދަށް ބަރޯސާ ނުވުން:

އިިމާމު މުސްލިމު މިޙަދީޘު ރިވާކުރެއްވި ކަމުގައި ވިއަސް އިމާމު ތިރްމިޛީގެ ބަސްފުޅުން މިއީ ޟަޢީފު ޙަދީޘެއްކަން ދޭހަވެއެވެ. މިހެނީ ޔަޒީދު އިބްނި ކީސާނާ ބެހޭގޮތުން އިމާމު އަބޫ ޙާތިމާއި އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ ކުށްކުރަށްވާ ކަމަށެވެ. އިމާމު ޔަޙްޔާ އިބްނި ސަޢީދު ވިދާޅުވަނީ ޞާލިޙެއް ކަމުގައިވިއަސް ބަރޯސާ ނުކުރެވޭ ކަމަށެވެ.

(ށ) އަބޫ ހުރައިރާއަށް ޙާދިޡާ އެނގިވަޑައިގަތް ގޮތް އެނގެން ނެތުން:

ޙާދިޡާގެ ރާވީއަކީ އަބޫ ހުރައިރާ އެވެ. އަދި އަބޫ ހުރައިރާ އިސްލާމްވެ ވަޑައިގަތީ ހިޖުރައިން 7 ގައި ކަމަށް ވެފައި ޔަމަނުން މަދީނާއަށް އެކަލޭގެފާނު ވަަޑައިގަތީ ހިޖުރައިން 8 ގައި ކަމަށް ވީހިނދު ހިޖުރައިގެ 3 އަހަރުކުރިން މައްކާގައި ހިނގި ޙާދިޡާއެއް އަބޫހުރައިރާއަށް އެނގިވަޑައިގަތް ގޮތް އެނގޭން ޖެހެއެވެ. އެވާހަކަ ރިވާޔަތުގައި ނެތެވެ.

(ނ) ރިިވާޔަތުގެ ސަނަދުގައި ނާޞިބީން ތިބުން:

މިވާހަކައަކީ ޢަލީގެފާނުންގެ ޢާއިލާއި އާލުބައިތުންނާ ގުޅުންހުރި ތާރީޚީ ވާހަކައަކަށް ވީހިނދު ރިވާޔަތުގައި ނާޞިބީން ތިއްބެވުމަކީ، ޢާލުބައިތުން، ޚާއްޞަކޮށް ޢަލީގެފާނަށް ބަދުބަސް ބުނުމުގެ ގޮތުން އުމަވީ ވެރިންގެ ނުފޫޒު ފޯރާފައިވާ ކަމެއްކަމުގައި ޝައްކު ކުރެވޭތީ ނާޞިބީންގެ ރިވާޔަތެއް މިޙާލަތުގައި ޤަބޫލު ނުކުރެެވޭނެއެވެ. (ނާޞިބީންނަކީ ޢަލީގެފާނާއި އާލުބައިތުންނާއި ހާޝިމީން ދެކެ ނުރުހޭ މީހުންނެވެ. އެބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ.)

2 - ދެވަނަ ރިވާޔަަތަކީ މާތް ﷲ ރުއްސުންލެއްވި އަލްމުސައްޔިބުގެ ކިބައިން އެކަލޭގެފާނުންގެ ދަރިކަލުން އިމާމު ސަޢީދު އިބްނުލް މުސައްޔިބުގެ ކިބައިން އިމާމު ބުޚާރީއާއި މުސްލިމު ނެރުއްވި ރިވާޔަތެކެވެ. އެއީ: {عَنْ سَعِيدِ بْنِ الْمُسَيَّبِ عَنْ أَبِيهِ قَالَ لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ دَخَلَ عَلَيْهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعِنْدَهُ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيْ عَمِّ قُلْ لَا إِلَهَ إِلَّا اللَّهُ أُحَاجُّ لَكَ بِهَا عِنْدَ اللَّهِ فَقَالَ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ يَا أَبَا طَالِبٍ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ فَنَزَلَتْ  مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ} މާނައީ: މާތް ﷲ ރުއްސުންލެއްވި މުސައްޔަބު ވިދާޅުވި ކަމުގައި ރިވާވެގެން ވެއެވެ. އަބޫޠާލިބުގެފާނު މަރުގެ އާލާސްކަންފުޅު ކުރިމަތިވެ، އެއާލާސްކަންފުޅުގައި އެކަލޭގެފާނު އޮންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ކީރިތި ރަސޫލާ ވަޑައިގަތެވެ. އެހިނދު އެތާގައި އަބޫޖަހުލާއި ޢަބްދުﷲ އިބްނު އަބީ އުމައްޔާމެން ތިއްބެވެ. ލޮބުވެތި ރަސޫލާ، އަބޫޠާލިބުގެފާނުގެ އަރިހު ދެންނެވިއެވެ. ބޮޑުބޭބޭފުޅާއެވެ! ޝަހާދަތް ވިދާޅުވެލައްވާށެވެ! ތިމަންކަލޭގެފާނު ޤިޔާމަތްދުވަހުން މާތްﷲގެ ޙަޟުރަތުގައި ބޭބެއަށްޓަކައި ހެކިވެރިވެ ވަޑައި ގަންނަވާހުށީމެވެ. އަދި ޝިފާޢަތަށް އެދި ދަންނަވާނަމެވެ.

މިއަޑުފުޅު އަހާފައި އަބޫޖަހުލާއި ޢަބްދުﷲ އިބްނު އަބީ އުމައްޔާ ބުނަންފެށިއެވެ. އަބޫޠާލިބެވެ! ތިޔަ އުޅުއްވަނީ ބައްޕާފުޅުގެ މިއްލަތް ދޫކޮށްލައްވަންތޯއެވެ؟ މިގޮތަށް ކީރިތި ރަސޫލާ، އަބޫޠާލިބުގެ އަރިހުގައި ތަކުރާރުކޮށް މިއެދުންފުޅު ހުށަހެޅުއްވިއިރު، އެކަލޭގެފާނު މިބަސްފުޅު ހުށަހަޅުއްވާ ކޮންމެ ހިނދަކު އަބޫޖަހުލުމެން އެކަމާ އިދިކޮޅަށް އަބޫޠާލިބުގެފާނަށް ވަސްވާސް ދެމުން ދިޔައެވެ. އެންމެފަހު އެކަލޭގެފާނު އެމީހުންގެ ގާތު ވިދާޅުވީ، ތިމަން ކަލޭގެފާނު ހުންނަވާނީ ޢަބްދުލް މުއްޠަލިބުގެ ފާނުންގެ މިއްލަތުގައި ކަމަށެވެ. އަދި ޝަހާދަތް ވިދާޅުވަން އިންކާރު ކުރެއްވިއެވެ.

މިބަސްފުޅު ވިދާޅުވުމުން ކީރިތި ރަސޫލާ ޙަދީޘުކުރެއްވިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. މާތް ﷲ ތިމަން ކަލޭގެފާނަށް މަނާ ނުކުރައްވާހައި ހިނދަކު ކަލޭގެފާނަށްޓަކައި ފާފަފުއްސެވުމަށް އެދި، އެއިލާހަށް ދަންނަވާހުށީމެވެ. އެއަށްފަހު މަތިވެރި މާތް ﷲ ގެ ޙަޟުރަތުން މިވަޙީ ބަސްފުޅު ބާވައި ލެއްވުނެވެ. {مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ} މާނައީ: މުޝްރިކުންނަށްޓަކައި ފާފަފުއްސެވުމަށް އެދި ދުޢާކުރުމަކީ ނަބިއްޔާގެ ޝާނާ ޚިލާފުކަމެކެވެ. އަދި އެއީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެމުޝްރިކުންނަކީ ތިމާމެންގެ ގާތްތިމާގެ މީހުންކަމުގައި ވިއަސް ވެހެވެ. އެމީހުންނަކީ ނަރަކަވެރިންކަން ޔަޤީންވުމަށް ފަހު ދެން އެފަދަ ކަމެއް ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ މިއެވެ.

ﷲގެ ރަސޫލާއާ މުޚާޠަބުކުރައްވައި، އަބޫޠާލިބާ މެދު ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. {إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ } މާނައީ: އެމީހަކު ދެކެ ކަލޭ ރުހޭ މީހަކަށް، ކަލެއަށް ތެދުމަގެއް ނުދެވޭނެކަން ކަށަވަރެވެ. ދަންނާށެވެ! ﷲ ތެދުމަގު ދެއްވަނީ އެއިލާހު ތެދުމަގު ދެއްވުމަށް އިރާދަކުރައްވާ މީހަކަށެވެ. އަދި ދަންނާށެވެ! ތެދުމަގު ލިބުމަށް އެކަށީގެންވާ ބަޔަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގަންނަވަނީ ހަމަ އެއިލާހެވެ. މިއެވެ.  

މިޙާދީޘާ ދިރާސާ ކުރެވޭހިނދު ސާބިތުވާ ބައެއް ނުކުތާތަކާއި އުފެދޭ ބައެއް ސުވާލުތައް

(ހ) ޙަދީޘުގެ ރިވާޔަތާއި ދިރާޔަތް ޞައްޙަވާންޖެހުން:

މީޙަދީޘަކީ އިިމާމު ބުޚާރީއާއި މުސްލިމު ނެރުއްވި ރިވާޔަތަކަށް ވީހިނދު ސަނަދުގެ ގޮތުން ޞައްޙަ ރިވާޔަތަކަށް ވިއަސް ޙަދީޘުގެ މަތަނަށް ވިސްނާލާއިރު "ދިރާޔަތު"ގެ ގޮތުން ޙަދީޡާމެދު ބަލާލަން ޖެހެއެވެ. ދެއިމާމުން ނެރުއްވުމުން ސަނަދުގެ ގޮތުން ޙަދީޘު ޞައްޙަވަނީއެވެ. ނަމަވެސް ޙަދީޘުގެ މަތަން ނުވަތަ ޙަދީޘުގައި ބުނެވޭ އެއްޗެއް އެއީ ސަލާމަތް ބުއްދި ޤަބޫލުކުރެވޭ އެއްޗަކަށް ވެސް ވާންޖެހެއެވެ. މިހެނީ ޙަދީޘު ޢިލްމު ބުނާގޮތުން، ޙަދީޘުގެ ރާވީންނާއި ރިވާކުރެވޭ އެއްޗަކީ ޤަބޫލުކުރެވޭ ނުވަތަ ރައްދު ކުރެވޭ އެއްޗަކަށް ވާންޖެހޭ ހިނދު ހަމައެކަނި ރާވީން ޞައްޙަތޯ ބަލައިގެން ފަރުޖައްސާލުމުން މަޤްޞަދު ޙާޞިލު ނުވެއެވެ.

(ށ) އަބޫ ޠާލިބު އަވަހާރަވީ ގޮތުގެ ޙާދިޡާ މުސައްޔަބަށް އެނގިވަޑައިގަތް ގޮތް އެނގެންޖެހޭ:

މާތް ﷲ ރުއްސުންލެއްވި އަލްމުސައްޔަބު އިބްނި ޙަޒަނަކީ ޤުރައިޝުވަންހައިގެ ބޭކަލެކެވެ. ނަވެސް ހާޝިމީއެއް ނޫނެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަންނަވަނީ ބައިޢަތުއް ރިޟުވާނުގެ ޙާދިޡާގައެވެ. މިތާގައި އުފެދޭ ސުވާލަކީ އަބޫ ޠާލިބު ބޭފުޅުންނާއި ޢާއިލާގެ މީހުން ތިބިހިނދު މިފަދަ ސިއްރު، ޢާއިލީ ވާހަކައެއް އެއިން ބޭކަލެއްގެ ކިބައިން ރިވާނުވެ މާދުރު ބޭކަލަކު ކަމުގައިވާ މުޞްޢަބުގެ ކިބައިން ރިވާވުމީ ރިވާޔަތުގެ ޞައްޙަ ކަމާމެދު ޝައްކުއުފެދޭ ކަމެކެވެ. އަދި އެވާހަކަ މުޞްޢަބު ދެކެވަޑައިގަތީތޯ ނުވަތަ އަޑު އެއްސެވީތޯ ނުވަތަ ޢާއިލީ މީހަކު ބުނީތޯ މިއިން އެއްވެސް ވާހަކައެއް ސާފުވާން ނެތެވެ. އަނެއްކޮޅުން މިޙާދިޘާ ހިިނގިއިރު މުޞްޢަބަކީ އަރަނުފޯދޭ ޅަޢުމުރުގެ ބޭކަލަކަށްވީހިނދު މިކަން އެނގިވަޑައިގަންނަވާނެ ގޮތެއް ނޯންނާނެއެވެ.

(ނ) އަބޫ ޠާލިބު އަވަހާރަވި ޙާދިޡާ:

އަބޫ ޠާލިބު އަވަހާރަވީ ހިނދު ކަންހިނގިގޮތް ބޮޑަށް އެނގޭނީ ޢާއިލާގެ މީހުންނަށާއި އަބޫ ޠާލިބުގެ ބޭފުޅުންނަށް ކަމަށް ވީހިނދު އެއިން އެއްވެސް ބޭކަލެއްގެ ކިބައިން ޙާދިސާއަށް އިޝަރަތެއްހައި މިންވަރުވެސް ނެތިފައި، މިކަން އެނގިވަޑައިގެންފައި ވަނީ ޢާއިލީގޮތުން މާދުރު ބޭކަލަކަށާއި އެވަގުތު ޔަމަނުގައި އުޅުއްވި ބޭކަލަކަށްވީހިނދު ޢަލީގެފާނާ އިދިކޮޅަށް ހިންގަމުންދިޔަ އުމަވީ ދައުލަތުގެ ސިޔާސީ ނުފޫޒު މި ދެރިވާޔަތަށް ވެސް ވަދެފައި އޮތްލެއް ބޮޑުކަން މިއިން އެބަ ދޭހަވެއެވެ.

(ރ) ރިިވާޔަތުގެ ސަނަދުގައި ނާޞިބީން ތިބުން:

މިރިވާޔަތަކީ ހަމައެކަނި އަލްމުސައްޔަބުގެ ކިބައިން ސަޢީދު އިބްނިލް މުސައްޔަބު ރިވާކުރައްވާފައިވާ ރިވާޔަތަކަށް ވެފައި، ދެވަނަ އެހެންމަގަކުންވެސް ރިވާޔަތް އައިސްފައި ނެތުމާއި ރިވާޔަތުގެ ރާވީންގެ ތެރޭގައި ނާޞިބީން ތިބުމީ ރިވާޔަތުގެ އިތުބާރު ގެއްލޭ ކަމެކެވެ. އެހެންކަމުން ސަނަދުގެ ގޮތުން ރިވާޔަތް ޞައްޙަ ވިޔަކަަސް ދިރާޔަތުގެ ގޮތުން ރިވާޔަތް ޞައްޙައެއް ނުވެއެވެ.

3 - އަބޫ ޠާލިބު އަވަހާވީ ކާފަރެއް ކަމުގައި ހެއްކެއްގެ ގޮތުން މިރައުޔުގެ ބޭފުޅުން ބަޔާންކުރައްވާ އެހެން ރިވާޔަތެއްވެސް އެބައޮވެއެވެ. އެއީ އަބޫ ޠާލިބުގެ ކޮއްކޯފުޅު ޢައްބާސްގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން ޢަބްދުﷲ އިބްނި ޢައްބާސްގެ ކިބައިން އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި ވެއެވެ. {عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَهْوَنُ أَهْلِ النَّارِ عَذَابًا أَبُو طَالِبٍ وَهُوَ مُنْتَعِلٌ بِنَعْلَيْنِ يَغْلِي مِنْهُمَا دِمَاغُهُ} (މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިކަމަށް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ނަރަކަވެރިންގެ ތެރޭން އެންމެ ލުއި ޢަޛާބެއް ލިބޭނެ އެކަކީ އަބޫ ޠާލިބެވެ. އޭރު އެކަލޭގެފާނު ވާހުށީ އަނގުރު ފައިވާން ޖޯޑަކަށް އަރައިގެންނެވެ. ފައިވާން ޖޯޑުގެ ހޫނުކަމާހުރެ ސިކުނޑި ހުންނާނީ ކެކިއަރައަރައެވެ.)

މިރިވާޔަތް އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައި ވަނީ، އިތުރަށް މިބަޔާއެކުގައެވެ. {عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَذُكِرَ عِنْدَهُ عَمُّهُ فَقَالَ لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ} (މާނައީ: ކީރިތި ރަސޫލާގެ ޙާޟިރުގައި އެކަލޭގެފާނުންގެ ބޮޑުބޭބޭގެ ވާހަކަ ޢައްބާސްގެފާނު ދެންނެވުމުން ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނު ﷲގެ ޙަޟުރަތުން އުއްމީދު ކުރަށްވަނީ ޤިޔާމަތް ދުވަހުން އެކަލޭގެފާނަށް ތިމަން ކަލޭގެފާނުންގެ ޝަފާޢަތްތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ. (ދެން ޙަދީޘުގެ ބާކީ އޮތީ އިބްނި ޢައްބާސްގެ ރިވާޔަތުގައި އޮތް ފަދައިންނެވެ.) އަދި ޞައްޙަމަގުން

އިމާމު ޛަހަބީ އައްސިޔަރުގެ 26/189 ގައި ނެރުއްވާފައި ވެއެވެ. {مَا تَرْجُو لِأَبِي طَالِبٍ قَالَ كُلَّ الْخَيْرِ مِنْ رَبِّي} (މާނައީ: އަބޫ ޠާލިބާމެދު ކަލޭގެފާނު އުއްމީދު ކުރައްވަނީ ކިހިނަކުން ތޯއެވެ؟ އެހިނދު ޙަދީޘު ކުރެއްވިއެވެ. އެކަލޭގެފާނަށްޓަކައި ތިމަން ކަލޭގެފާނުންގެ ވެރި އިލާހުގެ ޙަޟުރަތުން ހުރިހާ ހެވަކަށް އުއްމީދު ކުރައްވަމެވެ.) 

މިޙަދީޘާމެދު ވިސްނާލާއިރު ދޭހަވާ ނުކުތާ

(ހ) އަބޫ ޠާލިބަކީ ކާފަަރަކު ނޫންކަން:

މިޙަދީޘާއި އެނޫންވެސް މިމާނަ ދޭހަވާ އެހެން ޙަދީޘުތަކަށް ރަނގަޅަށް ވިސްނާލުމުން އެއަކުން އަބޫ ޠާލިބަކީ ކާފިރެއްކަން ސާބިތު ނުވެއެވެ. އެއީ އެނގި ސާބިތުވާ އެއް ކަމަކީ އަބޫ ޠާލިބު ކާފަރަކު ނޫންކަމެވެ.

(ށ) ނަރަކައިގެ އެންމެ ދަށު ދަރަޖައިގެ ޢަޛާބު:

މިޙަދީޘާއި އެނޫންވެސް މިމާނަ ދޭހަވާ ގޮތުގައި ނަރަކާގައި ތަފާތު ދަރަޖައިގެ ޢަޛާބު ލިބޭކަމާއި އެންމެ ދަށު ދަރަޖައިގެ ޢަޛާބަކީ ފައިގެ ކުޑަހުޅާހަމައަށް އަލިފާން ހިފާފައި ހުންނަ ހުރުމެވެ. މިޢަޛާބު ލިބޭނީ ހަމައެކަނި އަބޫ ޠާލިބަކަށް ނޫނެވެ. މުސްލިމު ފާފަވެރިންގެ ތެރެއިން ﷲ އިރާދަ ކުރަށްވާ އަޅަކަށެވެ. އަދި އަބޫ ޠާލިބަށް ނަރަކައިގެ އެންމެ ދަށު ދަރަޖައިގެ ޢަޛާބު ލިބޭނެ ކަމުގެ ޚަބަރަކީ އެކަލޭގެފާނަކީ މުސްލިމެއްކަން އަންގައިދޭ ޚަބަރެކެވެ.

(ނ) ރަސޫލާގެ ޝަފާޢަތްތެރިކަން ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު:

މިޙަދީޘުފުޅަކީ އިދިކޮޅު ބޭކަލުންގެ ރައުޔަށް ކުރިމަތިވާ ވަރަށް ބޮޑު ރައްދެކެވެ. ނަރަކައިގައި މުސްލިމުންނަށް ދެވޭނެ އެންމެ ލުއި ޢަޛާބަކީ ކޮބައިކަން ބަޔާން ކުރެއްވުމާއެކު އަބޫޠާލިބަށް ވެސް އެކަލޭގެފާނުންގެ ކުށްތަކަށް ނަރަކައަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ ނަރަކާގައި ލިބިވަޑައިގަންނަވާނީ މިލުއި ޢަޛާބު ކަމާއި އެހެނަސް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަނީ ތިމަންކަލޭގެފާނުންގެ ޝަފާޢަތުގެ ޒަރީޢާއިން މާތް ﷲ އެކަލޭގެފާނު މިންޖު ކުރައްވާނެ ކަމުގެ އުފާވެރި ބަސްފުޅެވެ.

4- ބަޔާންވެދިޔަ ތިން ޙަދީޘަކީ އަބޫ ޠާލިބު އަވަހާރަވީ ކާފަރެއްގެ ގޮތުގައި ކަަމަށް އެރައުޔަށް ތާއީދު ކުރައްވާ ބޭކަލުންގެ ގެންނެވި ތިން ޙަދީޘާއި އެއަށް ދެވޭ ރައްދެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވީ މުސްލިމެއްގެ ގޮތުގައިކަން ސާބިތުކޮށްދޭ ހެކިތަކެއްވެސް އެބަހުއްޓެވެ. އެއީ:

(ހ) އަބޫ ޠާލިބުގެ ޢާއިލާގެ އެންމެހައި ބޭފުޅުންނަކީ މުސްލިމުން ކަމުގައިވުން:

އެއް ދަލީލަކީ އަބޫ ޠާލިބުގެ ޢާއިލާގެ އެންމެހައި ބޭފުޅުންނަކީ މުސްލިމުން ކަމުގައިވުމެވެ. ޚާއްޞަކޮށް އެކަލޭގެފާނުންގެ އަނބިކަނބަލުން ފާޠިމާ ބިންތި އަސަދަކީ އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތް ބޭފުޅުންގެ ތެރެއިން ކަނބަލެކެވެ. ބުނެވޭގޮތުން ދެވަނައަށް އިސްލާމްވެ ވަޑައިގަތް އަންހެން ކަނބަލަކީ އެކަމަނާއެވެ. ކަން މިހެން އޮތްއިރުވެސް އެދެބޭކަލުންގެ ކައިވެނި ކީރިތި ރަސޫލާ ފަސްޚު ނުކުރައްވައި އޮތްކަމީ ދެބޭކަލުންގެ ދީން އެއް ދީނެއްގެ ގޮތުގައި އޮތްކަމުގެ ހެއްކެކެވެ.

(ށ) އަބޫ ޠާލިބު ސިއްރުން ޝަހާދަތް ވިދާޅުވުން:

މާތް ﷲ ރުއްސުންލެއްވި ޢައްބާސްގެފާނުންގެ ކިބައިން ރިވާވެގެންވާ ގޮތުގައި، ކީރިތި ރަސޫލާ އަބޫ ޠާލިބުގެ އަރިހު ތައުޙީދުގެ ކަލިމަ ވިދާޅުވާށޭ، އޭރުން ތިމަން ކަލޭގެފާނު ﷲގެ ޙަޟުރަތުން ކަލޭގެފާނަށް ޝިފާޢަތްތެެރިވެ ވަޑައިގަންނަވާނަމޭ ވިދާޅުވުމުން އެވަގުތު (އަބޫ ޖަހުލުމެންނަށް ލަދުން) އަބޫޠާލިބު އެމީހުންގެ ކުރިމަތީގައި އެކަމާ އިންކާރު ކުރެއްވީއެވެ. އެހެނަސް އަނެއް ފަރާތަށް އެނބުރިވަޑައިގެން ކަލިމަ ވިދާޅުވިއެވެ.

މިވާހަކަ މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން އިމާމު އިބްނި އިސްޙާޤާއި ބައިހަޤީއާއި ޠަބަރާނީ ރިވާކުރައްވާފައި ވެއެވެ. {قَالَ فَنَظَرَ الْعَبَّاسُ إِلَيْهِ وَهُوَ يُحَرِّكُ شَفَتَيْهِ فَأَصْغَى إِلَيْهِ فَقَالَ يَا ابْنَ أَخِي وَاللَّهِ لَقَدْ قَالَ أَخِي الْكَلِمَةَ الَّتِي أَمَرْتَهُ أَنْ يَقُولَهَا} (މާނައީ: އިބްނި ޢައްބާސް ވިދާޅުވެފައި ވެއެވެ. އެހިނދު އަބޫ ޠާލިބު އަނެއް ފަރާތަށް މޫނު އަނބުރާލެއްވިއެވެ. ޢައްބާސްގެފާނު ހުންނެވީ އެކަލޭގެފާނަށް ބަލަހައްޓަވައި ގެންނެވެ. އޭރު އެކަލޭގެފާނުންގެ ތުންފަތްޕުޅު ޙަރަކާތް ކުރައްވަނީއެވެ. ޢައްބާސްގެފާނު އަބޫޠާލިބުގެ ބަސްފުޅަށް ކަންފަތްޕުޅު ދެއްވައިގެން އަޑު އެއްސެވިއެވެ. ދެން ކީރިތި ރަސޫލާގެ އަރިހު ދެންނެވިއެވެ. ބޭބެ ދަރިކަލުންނޭވެ! ﷲ ގަންދީ ބުނަމެވެ. ތިމަންގެ އަޚު އަބޫ ޠާލިބު އެކަލޭގެފާނުންގެ އަރިހު ވިދާޅުވުމަށް ކަލޭގެފާނު އެންގެވި ކަލިމަ އެއޮތްގެން ވިދާޅުވަނީއެވެ.)

މިރިވާޔަތް ރިވާކުރެއްވުމަށް ފަހު އަޅުގަނޑު ޙައިރާން ކޮށްފަނި ބަސްފުޅެއް، އިމާމު ޛަހަބީ އެކަލޭގެފާނުންގެ އައްސިޔަރުގެ 26/189 ގައި ވިދާޅުވެފައި ވެއެވެ. {فَكَانَ الْعَبَّاسُ ذَلِكَ الْوَقْتَ عَلَى جَاهِلِيَّتِهِ وَلِهَذَا إِنْ صَحَّ الْحَدِيثُ لَمْ يَقْبَلِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رِوَايَتَهُ وَقَالَ لَهُ لَمْ أَسْمَعْ} (މާނައީ: އޭރު ޢައްބާސްގެފާނަކީ ޖާހިލިއްޔައިގެ ބޭކަލަކަށްވީތީ ޙަދީޘު ޞައްޙަ ވިކަމުގައި ވިއަސް ކީރިތި ރަސޫލާ ޢައްބާސްގެފާނުންގެ ރިވާޔަތް ޤަބޫލުފުޅު ނުކުރެއްވިކަން އެނގެއެވެ. އެހެންކަމުން ޖަވާބުގައި ތިމަން ރަސޫލާ އަޑުފުޅު ނާއްސަވާކަމަށް ޙަދީޘު ކުރެއްވި ކަމަށެވެ.) މިތާގައި އަޅުގަނޑު ޙައިރާންވި ކަމަކީ ޢައްބާސްގެފާނު މުސްލިމަކަށް ނުވާތީ އެކަލޭގެފާނުންގެ ބަސްފުޅު ޞައްޙަ ނުވެފައި، މުސައްޔަބާއި އަބޫހުރައިރާ އިސްލާމްވެ ވަޑައިގަތުމުގެ ކުރީގެ ވާހަކަ ބަޔާންކުރެއްވުމުން އެބޭކަލުން އެބަސްފުޅުތައް އަޅުގަނޑުމެންގެ ގާތު ޤަބޫލުވެވޭ ބަސްފުޅުތަކަށް ވުމެވެ.  

މިޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫންކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވި ކަމުގައި ވިއަސް އޭގެ ތަފާތު މަގުތައް އެއްކޮށްލުމުން ޞައްޙައިގެ ދަރަޖައަށް ވާޞިލުވެއެވެ. އިމާމު އިބްނި ޙަޖަރު އަލްފަތުޙުގެ 7/232 ގައި މިޙަދީޘު ބަޔާންކުރެއްވުމަށް ފަހު ވިދާޅުވެފައި ވެއެވެ. "މި ޙަދީޡަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. ނަމަވެސް މިޙަދީޘުގެ މަގުތައް އެއްކޮށްލުމުން ޞައްޙަ ޙަދީޘެއް ކަމުގައި ބެލިކަމުގައި ވިއަސް މިއަށްވުރެ ޞައްޙަ ޙަދީޘެއް މިއާ ފުށުއެބައަރައެވެ." އިމާމު އިބްނި ޙަޖަރު ނުސީދާކޮށް މިއޮތީ މިޙަދީޡަކީ ޞައްޙަ ޙަދީޘެއް ކަމުގައި އެއްބަސްވެ ވަޑައިގެންފައެވެ. ދެން މިއާ ފުށުއަރާ މިއަށް ވުރެ ޞައްޙަ ޙަދީޘެއް އޮތްކަމަށް އިބްނި ޙަޖަރު އިޝާރަތް ކުރައްވަނީ ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ސަޢީދު އިބްނި މުސައްޔަބުގެ ރިވާޔަތަށެެވެ. އެރިވާޔަތާއި އަބޫ ހުރައިރާގެ ރިވާޔަތުގެ މަތަނު ޟަޢީފު ކަމުގައި އަޅުގަނޑު ވަނީ ކުރީގައި ބަޔާންކޮށްފައެވެ. އެހެންކަމަށް ވާނަމަ ދެން މައްސަލަ ޙައްލު ކުރުމަށް އޮތީ މަތީގައި ބަޔާންވެދިޔަ ޢައްބާސްގެފާނުންގެ ރިވާ އެކަންޏެވެ.

މިތާގައި އިބްނި ޙަޖަރު މިޙަދީޘާ އިދިކޮޅަށް ގެންނެވި އެހެން ޙަދީޘެއްވެސް އެބައޮތެވެ. އެއީ އިމާމު ނަސާއީއާއި އަބޫދާއޫދާއި އިބްނި އަބީ ޝައިބާއާއި ބައިހަޤީއާއި އަޙްމަދު ޢަލީގެފާނުންގެ ކިބައިން ނެރުއްވާފައިވާ ޙަދީޘެކެވެ. {عَنْ عَلِيٍّ قَالَ لَمَّا مَاتَ أَبُو طَالِبٍ أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ إنَّ عَمَّكَ الشَّيْخَ الضَّالَّ (وَفِي رِوَيَةٍ: الْكَافِرَ) قَدْ مَاتَ فَقَالَ انْطَلِقْ فَوَارِهِ وَلَا تُحْدِثَنَّ حَدَثًا حَتَّى تَأْتِيَنِي فَانْطَلَقْتُ فَوَارَيْتُهُ} (މާނައީ: ޢަލީގެފާނު ވިދާޅުވަނީ، އަބޫ ޠާލިބު އަވަހާރަ ވުމުން ކީރިތި ރަސޫލާގެ އަރިހަށް އައިސް ތިމަން ދެންނެވީމެވެ. ކަލޭގެފާނުންގެ ބޮޑުބޭބެ، މަގުފުރެދިފައިވާ، މުސްކުޅި، ކާފިރުމީހާ، މަރުވެއްޖެއެވެ. އެހިނދު ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އަވަހަށް ދާށެވެ. ހަށިކޮޅު ރީއްޗަށް ނިިވާކުރާށެވެ. އަދި ތިމަން ކަލޭގެފާނަށް ނާންގައި އިތުރު އެހެން ކަމެއް ނުކުރާށެވެ. ދެން ތިމަން ގޮސް އޭނާގެ ހަށިގަނޑު ނިވައިކޮށް، ރަސޫލާގެ އިރްޝާދުގެމަތިން ކަންތައް ކުރީމެވެ.) ފުރަމަމަ މިއީ ޟަޢީފު ޙަދީޘެކެވެ. މިޙަދީޘު ޟަޢީފު ކަމަށް އިމާމު ބައިހަޤީގެ ކިބައިން އިބްނި ޙަޖަރު އައްތަލްޚީޞުގެ 2/234 ގައި ވިދާޅުވެފައި ވެއެވެ.

أَسْتَغْفِرُ اللَّهِ. أَسْتَغْفِرُ اللَّهِ. އެވެ. މިއީ އުމަވީ ވެރިންގެ ހިތުގައި އާލުބައިތުންނަށް އޮތް ރުޅިވެރިކަމުގެ މިސާލެކެވެ. ޙަސަދަވެރިކަމުގެ ވެސް ކޮޅުން ލާފައެވެ. ޝައްކެއްނެތި މިއީއަކީ ސަލާމަތް ބުއްދި ހުރި، ކިރިޔާވެސް ތިމާގެ މައިންބައިން ދެކެ ކުޑަވެސް ކުލުނަވެރިކަމެއް އޮތް މީހެއްގެ ދުލުން ތިމާގެ ބައްޕައާމެދު ދައްކަފާނެ ކަހަލަ ވާހަކައެއް ނޫނެވެ. އެކަމަކު މިބުނަނީ ޢަލީގެފާނު ވިދާޅުވި ކަމަށެވެ. ޝައްކެއްނެތި ޢަލީގެފާނު ބަދުނާމުކޮށް އެކަލޭގެފާނުންގެ ނަންފުޅުގައި ދައްކާފައި މިހިރީ އަޅުގަނޑުމެންގެ މިޒަމާނުގެ ބަހުރުވައިން ނަމަ ޕާޓޭންވެސް ނުދައްކާ ކަހަލަ ވާހަކައެވެ. އޭގެ އިތުރުން ކީރިތި ރަސޫލާގެ އަބުރުފުޅަށްވެސް އަރައިގަނެވުނީއެވެ. އެހެންނާ މައިންބައިން ކާފަރުން ކަމުގައި ވިއަސް އެދެމީހުންނަށް ކަމޭހިތުމަށާއި މާތްބަހުން ވާހަކަ ދެއްކުމަށް ލުޤްމާނު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަނީ އަމުރުފުޅު ކުރައްވައި އިރްޝާދު ދެއްވާފައެވެ. {وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا} (މާނައީ: ދުނިޔެމަތީ ކުލުނުވެރިކަމާއި ހެޔޮގޮތުގައި އެ ދެމީހުންނާއެކު މުޢާމަލާތްކޮށް ބަސްމޮށެ އުޅޭށެވެ.)

ޙަޤީޤަތުގައި މިޙަދީޘުގެ އަޞްލު ރިވާޔަތަކީ އިމާމު އިބްނި ސަޢުދާއި އަލްވާޤިދީ ޢަލީގެފާނުންގެ ކިބައިން ރިވާކުރަށްވާ މިރިވާޔަތެވެ. މިއީ ޞައްޙަ ރިވާޔަތެކެވެ. ބައެއް ބޭކަލުން ޟަޢީފުކަމަށް ވެސް ވިދާޅުވެއެވެ. އިބްނި ޙަޖަރު އައްތަލްޚީޞުގައި (2/234) މިރިވާޔަތް ގެންނެވުމަށްފަހު ވަކި އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އޭގައި އަންނަނީ، {عَنْ عَلِيٍّ قَالَ لَمَّا أَخْبَرْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَوْتِ أَبِي طَالِبٍ بَكَى ثُمَّ قَالَ لِي اذْهَبْ فَاغْسِلْهُ وَكَفِّنْهُ قَالَ فَفَعَلْتُ} (މާނައީ: ޢަލީގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. (ބައްޕަ) އަބޫ ޠާލިބު އަވަހާރަވުމުން ކީރިތި ރަސޫލާގެ އަރިހަށް އައިސް ތިމަން އެޚަބަރު އެރުވީމެވެ. އެހިނދު ކީރިތި ރަސޫލާ ކީރިތި ކުރެއްވިއެވެ. ދެން ޙަދީޘު ކުރެއްވިއެވެ. (ތިމަން ކަލޭގެފާނު އެބަވަޑައިގަންނަވަމެވެ.) އަވަހަށް ގޮސް ހިނަވައި ކަފުންކުރާށެވެ. ދެން ރަސޫލާ ވަޑައިގަތް އިރު ތިމަން އެކަންތައްކޮށް ނިންމާލައިފީމެވެ.)

- ކޮމެންޓް
16 ސެޕްޓެންބަރ 2021 | ބުރާސްފަތި 11:29
މުހައްމަދު
ކަލޭ ތީ ދީނީ އިލްމު ވެރިޔަކާއިމެދު އަހަރެންނަށް ސުވާލު އުފެދޭ!