މިހާ ހިސާބަސް ހޯދުނު ހޯދުންތަކުން ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތަފާސްހިސާބުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ކަމަށް މިހާތަނަށް ހޯދުނު ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ 63754 މީހުން އުޅޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެކްސްޕެޓް އޮންލައިން ސިސްޓަމް އައުމުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އަދަދަު ސާފު ނުވާ ކަމަށެވެ. އެ ތަފާސްހިސާބުތައް ބެލެހެއްޓިފައި ނެތްކަމަށެވެ. އަދި ކުރީގެ ބައެއް ލިޔެކިޔުންތަކުގައި 70،000 މީހުން ރާއްޖޭގައި އުޅޭ ކަމަށް ފެންނަން އޮތް ކަމަށެވެ. އޭގެތެރެއިން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން 1000ހާ މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ދޫކޮށްދާ މީހުންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމާއި، އިމިގްރޭޝަނުން ފުރާއިރު ކެންސަލޭޝަން ލިންކް ނުވެ އޮންނާތީ، ރާއްޖޭގެ ބޯޑަރ ދޫކޮށް ދާމީހާ އަޕްޑޭޓް ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރެކޯޑްތައް ރަނގަޅު ނޫން ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރވަނީ 2013 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދޭތެރޭގައި ރާއްޖެއަށް އެތެރެވި ބަންގްލަދޭޝް އަދި އިންޑިއާ މީހުންގެ ތަފާސް ހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ.
2013 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ރާއްޖެއަށް އެތެރެވެފައިވާ ބަންގްލަދޭޝް މީހުން
- 2013 - 14000 މީހުން
- 2014 - 18800 މީހުން
- 2015 - 26000 މީހުން
- 2016 - 2200 މީހުން
- 2017 - 8000 މީހުން
- 2018 - 27000 މީހުން
- 2019 - 11000 މީހުން
- 2020 - 89 މީހުން
- 2021 - 24 މީހުން
2013 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ރާއްޖެއަށް އެތެރެވެފައިވާ އިންޑިއާ މީހުން
- 2013 - 4000 މީހުން
- 2014 - 4500 މީހުން
- 2015 - 6500 މީހުން
- 2016 - 8300 މީހުން
- 2017 - 14800 މީހުން
- 2018 - 500 މީހުން
- 2019 - 11000 މީހުން
- 2020 - 5000 މީހުން
- 2021 - 7000 މީހުން
2013 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ދޫކޮށްފައިވާ ކޯޓާ
- 2013 - 25،00 ކޯޓާ
- 2014 - 32400 ކޯޓާ
- 2015 - 42600 ކޯޓާ
- 2016 - 44800 ކޯޓާ
- 2017 - 39800 ކޯޓާ
- 2018 - 57000 ކޯޓާ
- 2019 - 42000 ކޯޓާ
- 2020 - 11000 ކޯޓާ
- 2021 - 14000 ކޯޓާ
މިނިސްޓަރ ވިދާޅުވީ، ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވޭ ކަމަށާއި، މިނިސްޓަރުކަމާ ހަވާލުވިއިރު އެއްވެސް މައުލޫމާތެއް އެނގޭ ވަރު ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކުރެވުނު މަސައްކަތުން ސިސްޓަމްތައް ހަމައަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.
ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކުރި ކަމަށާއި، ކޮވިޑާ ހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލި ކަމަށާއި، 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔަކަމަށެެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފިކަމަށެވެ.