މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އިނގިރޭސި ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރި މެޗުން ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަލާހެވެ. މިއީ މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ސަލާހު ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އޭގެ ތެރެއިން 98 ލަނޑު ސަލާހު ކާމިޔާބުކޮށްފައިވަނީ ލިވަޕޫލާއެކުއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ފަބީނިއޯ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މި މެޗުގައި ލީޑްސްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމުގެ ޕަސްކާލް ސްޓްރައިކަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ޒުވާން މިޑްފީލްޑަރު ހާވޭ އެލިއޮޓަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން އެލިއޮޓުގެ ފައިގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއްވިއިރު، އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.
އެއާއެކު ލީޑްސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. ތިއާގޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެވަނައިގައި އޮތް ޗެލްސީއަށްވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ ފުލުން ހަތަރުވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާއެކުއެވެ.