އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލުކަމަށްވާ ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުންގެ ތެރެއިން ދެ މީހުން އިސްރާއީލްގެ އުތުރުގެ ސިޓީއެއް ކަމުގައިވާ ނަޒާރަތުން ހައްޔަރުކޮށްފައިވާކަމަށް އިސްރާއީލް ފުލުހުން ބުނެފިއެވެ.
ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އިސްރާއީލްގެ އަސްކަރިއްޔާއިން އެގައުމުގެ އުތުރުގެ ސަރަހައްދުގައި އަންނަނީ ކުރަމުންނެވެ. ނަޒާރަތަކީ އަރަބް ސިޓީއެކެވެ.
އިސްރާއީލްގެ ޖަލުން ފިލި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ފަސް މީހުންނެވެ. އަނެއް މީހާއަކީ ފަތަހަ ޕާޓީއަށް ނިސްބަތްވާ މީހެކެވެ. ހޯމަ ދުވަހު މިމީހުން ޖަލުން ފިލާފައިވަނީ އެމީހުން ތިބި ގޮޅީގެ ފާހާނައިން ބިންގަރާސް ކޮނެގެންނެވެ.
ހައްޔަރުކުރި ދެ މީހުންނަކީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ދެ މީހުންނެވެ. އިސްރާއީލްގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދެމީހުން ހައްޔަރުކޮށްފައިވަނީ ނަޒާރަތުގައި ދިރިއުޅެމުންދާ ބަޔަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެއީ މިދެމީހުން ކާއެއްޗެކަށް އެދުނު ބަޔެއްކަމަށްވެއެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތަކަށް ދެމީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ވަކިވަކިން ދެ ވެހިކަލެއްގައެވެ. އަދި ހައްޔަރުކުރަން އުޅުމުން ގަދަދައްކާފައިނުވާ ކަމަށް ފުލުހުންގެ ސްޕޯކްސްވުމެން ވުނެފައިވެއެވެ.
ދެ މީހުން ހައްޔަރުކުރިތާ މަދު ގަޑިއިރު ތަކެއް ފަހުން ގައްޒާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެހަމަލާތައް ވަނީ އިސްރާއީލުން މިސައިލުން ދިފާއުވުމަށް ލާފައިވާ އަޔަން ޑޯމް އިން އިސްރާއީލުގެ ތެރެއަށް ވެއްޓުމުން ސަލާމަތްކޮށްދީފައެވެ. ރޮކެޓް ހަމަލާގެ ސަބަބުން ގެއްލުމެއްވީ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ދެ މީހުން ހައްޔަރުކުރުމާއި ގުޅިގެން އިސްލާމިކް ޖިހާދުގެ ސްޕޯކްސްމަން ބުނެފައިވަނީ އެ ދެމީހުންގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުންކަމަށެވެ.
ޖަލުން ފިލި ހައިގައިދީންނާމެދު އިސްރާއީލުން އަންނަނީ ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވަމުންދާކަމަށް ނުވަތަ ދޭނެކަމަށް އިސްރާއީލުން ބުނެއެވެ.
އެމީހުން ހައްޔަރުކުރުމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ފޫގަޅާފައިވާއިރު އެމީހުން ޖަލުން ފިލި ގޮތުގެ ފުރިހަމަ ތަހުގީގެއްކުރާނެކަމަށްވެސް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ޖަލުންފިލި މީހުންގެ ތެރޭގައި ފަތަހައިގެ އަލްއަގްސާ ބްރިގޭޑްގެ ކުރީގެ ކޮމާންޑަރ ޒަކަރިޔާ ޒުބެއިދީ ހިމެނެއެވެ. ޒުބެއިދީ އިސްރާއީލް ސިފައިން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތުގައެވެ.