ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 07:43
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
ރޮއިޓަރސް
އިޒްރޭލުގެ ޖަލުން ފަލަސްތީނުގެ ގައިދީންތަކެއް ފިލު
އިޒްރާއީލުގެ ޖަލުން ފިލި މީހުންގެ އާއިލާ މީހުން ހައްޔަރު ކުރަނީ
މި މައްސަލައިގައި އާއިލާގެ ހަ މީހަކު ވަނީ ހައްޔަރުކޮށްފައި
ޖަލުތަކުގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް ބުނޭ

އިޒްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލުކަމަށްވާ ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުންގެ އާއިލާ މީހުންގެ ތެރެއިން ބައެއް ފަރާތްތައް ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލުން ފިލުމަށް ރޭވި "މާސްޓަރމައިންޑް" ކަމަށް ބެލެވޭ މަޙްމޫދު އަރްދާޙްގެ ދެ ބޭބެއިން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން މަޙްމޫދު އަރްދާޙްގެ ތިމާގެ މީހެއް ކަމަށްވާ ޑރ. ނިދާލް އަރްދާޙް އާއި ޖަލުން ފިލި މުނާދިލް އިންފިއާތުގެ ބައްޕަ އާއި އިތުރު މީހަކު ވެސް ހައްޔަރު ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އިޒްރާއިލު ސިފައިން ބުނީ ބުދަ ދުވަހު ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ތަފްސީލެއް އިސްރާއީލު ސިފައިން ދީފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޖަލުން ފަލަސްތީނުގެ ހަ ގައިދީން ފިލުމާއެކު އިސްރާއީލުން އެގައުމުގެ ދުޝްމަނުންގެ ސިކުނޑިއަށް ވައްދާފައިވާ "ސެކިއުރިޓީ ލެޖެންޑް"ގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި މިއީ އިސްރާއީލުގެ އަމަނާއި ސަލާމަތަށް ނުރައްކަލެއްކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް އިސްރާއީލުގެ ޖަލުތަކުގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖަލްބޫއު ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުން ހޯދުމަށް އެގައުމުގެ ސިފައިންނާއި އަސްކަރިއްޔާއިން ކުރި މަސައްކަތް ވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

އަނެކޮއްޅުން، ޖަލުންފިލި ގައިދީން ބިންގަރާސް ކޮނެފައިވަނީ ފިލްމުތަކުން ވެސް ނުފެންނަހާ ފުރިހަމައަށް ކަމަށް އެގައުމުގެ ޖަލު އޮފިސަރަކު މީޑިއާއާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް