ކ. މާލެ
|
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 08:28
މި އަހަރުގެ ނިޔަލަށް ކޮންމެ ގައުމެއްގެ ވެސް އާބާދީގެ 40 އިންސައްތައަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން ދަނީ
މި އަހަރުގެ ނިޔަލަށް ކޮންމެ ގައުމެއްގެ ވެސް އާބާދީގެ 40 އިންސައްތައަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން ދަނީ
ރޮއިޓަރސް
ކޮވިޑް ވެކްސިން
މުއްސަނދި ގައުމުތަކުން ބޫސްޓަރ ޝޮޓް ދިނުން މަޑުޖައްސާލުމަށް ޑަބްލިއުއެޗްއޯއިން އެދިއްޖެ
 
މި އަހަރުގެ ނިޔަލަށް ބޫސްޓަރ ޝޮޓް މަޑު ޖައްސާލުމަށް އެދިފައިވޭ
 
5.5 ބިލިއަން ވެކްސިންގެ 80 އިންސައްތަ އެތެރެވެފައިވަނީ މުއްސަނދި ގައުމުތަކަށް
 
ކުންފުނިތަކުން މަހެއްގެ މައްޗަށް 1.5 ބިލިއަން ޑޯޒްގެ ވެކްސިން އުފައްދާ

މުއްސަނދި ގައުމުތަކުން ކޮވިޑް-19ގެ ބޫސްޓަރ ޝޮޓް ދިނުން މަޑުޖައްސާލުމަށް އަނެއްކާވެސް ޑަބްލިއުއެޗްއޯއިން އެދިއްޖެއެވެ.

ބޫސްޓަރ ޝޮޓް ދިނުން މަޑުޖައްސާލުމަށް އެދި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް އެދިފައި މިވަނީ، މީގެ ކުރިން ވެސް މިކަމަށް އެދުމުން ގައުމުތަކުން އިޖާބަ ނުދިމުންނެވެ. ޓެޑްރޯސް ވިދާޅުވީ، މި އަހަރުގެ ނިޔަލަށް ބޫސްޓަރ ޝޮޓް މަޑުޖައްސާލުމަށް އެދުނުނަމަވެސް ގައުމުތަކުން އެކަމަށް އިޖާބަ ނުދީ، ބޮޑެތި އަދަދުތަކުން އެ ގައުމުތަކަށް ވެކްސިން އެތެރެކޮށް ބޫސްޓަރ ޝޮޓް ދެމުން އަންނަ ކަމަށެވެ.

ބުދަ ދުވަހު ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެޑްރޯސް ވިދާޅުވީ، 2022 ވަނަ އަހަރާ ހަމައަށް ބޫސްޓަރ ޝޮޓް ދިނުން މަޑުޖައްސާލުމަށް އެދޭ ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ، ފާމަސޫޓިކަލް ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަަމަށެވެ. އަދި ބޫސްޓަރ ޝޮޓަށް އޮތް ޑިމާންޑާއެކު ވެކްސިން ސަޕްލައި ދެގުނަ އިތުރު ކަމަށެވެ. އެހެންކަމުން ކުދި ގައުމުތަކަށް ވެކްސިން ލިބުމުގައި ދަތިތަކެއް އަންނާނެ ކަމަށެވެ.

ފަގީރު ގައުމުތަކަށް ވެކްސިން ނުލިބޭނަަމަ ފިޔަވަޅު ނައަޅުއްވައި މަޑުން ނުހުރެވޭނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އެ ގައުމުތައް ވެކްސިނުން މަހުރޫމްވިޔަ ނުދެއްވާނެ ކަމަށާއި، އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުން ވެސް މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ވެސް ޓެޑްރޯސްވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޫސްޓަރ ޝޮޓް ދިނުން މަޑު ޖައްސާލުމަށް އެދިފައެވެ. ޓެޑްރޯސް ވިދާޅުވީ މިއަދު އަނެއްކާ މިއެެދެނީ އެ މުއްދަތު މި އަހަރުގެ ނިޔަލަށް ދަންމާލުމަށް ކަމަށެވެ. މި އަހަރުގެ ނިޔަލަށް ކޮންމެ ގައުމެއްގެ ވެސް އާބާދީގެ 40 އިންސައްތައަށް ވެކްސިން ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 5.5 ބިލިއަން ވެކްސިންގެ 80 އިންސައްތަ އެތެރެވެފައިވަނީ މުއްސަނދި ގައުމުތަކަށް ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ، މީގެ ކުރިން އައިސްފައިވާ ބަލިމަޑުކަމުގައި ވެސް ފަގީރު ގައުމުތަަކަށް ވެކްސިން ފޯރުކޮށްދެވުނީ، ވެކްސިން އުފައްދާ ކުންފުނިތަކުން އެކަމަށް މުހިއްމު ކަމެއްދީ ކުރި މަސައްކަތުން ކަމަށެވެ.

އަންގާރަ ދުވަހު އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފާމަސޫޓިކަލް މެނުފެކްޗަރސް އެންޑް އެސޯސިއޭޝަނުން ބުނެފައިވަނީ މަހެއްގެ މައްޗަށް 1.5 ބިލިއަން ޑޯޒްގެ ވެކްސިން އުފައްދަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް