ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ މޭޖާ ޖެނެރަލް ފާއިޒް ހަމީދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފާއިޒް ހަމީދުގެ ދަތުރުފުޅުގެ ބޭނުމަކީ ތާލިބާނުން އެކުލަވާލަން މަސައްކަތްކުރާ ސަރުކާރުގެ އޮނިގަނޑާ ބޭހޭ ގޮތުން ތާލިބާނުންނާ އަދި އަފްޣާނިސްތާނުގެ ސިޔާސީ އިސްފަރާތްތަކާ މަޝްވަރާ ކުރައްވައި މިކަމުގައި ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޕާކިސްތާނަކީ ކުރީއްސުރެ ތާލިބާނުންނާ ގުޅުން ބާއްވާ ގައުމެކެވެ. އަދި އަފްޣާނުގެ ކުރީގެ ވެރިންނާއި ސިޔާސީ ފަރާތްތަކާއި ޕާކިސްތާނުން ގުޅުން ބާއްވައެވެ.
އަފްޣާނިސްތާނުގައި އެކުލަވާލުމަށް މަސައްކަތް ކުރަނީ އެގައުމުގެ ހުރިހާ ނަސްލުތަކާއި ދީންތަކެއްގެ މީހުން ތަމްސީލުކުރާ ފަރާތްތައް ބައިވެރިކޮށްގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް ތާލިބާނުން ބުނެއެވެ. އެކަމަކު ކެބިނެޓުގައި ބައިވެރިކުރާނެ ފަރާތްތަކާއި މެދު ޚިޔާލުތަފާތުވުން ވަނީ ބޮޑުވެފައެވެ. އަދި ތާލިބާނުންގެ ތެރޭގައިވެސް ދެބަސްވުން އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، ޕާކިސްތާނަށް އެންމެ ރަނގަޅު ގޮތަކީ ތާލިބާނުން އެކުލަވާލާ ސަރުކާރަށް ޕާކިސްތާނުގެ ރުހުމާއި އެއްބާރުލުން ދިނުން ކަމަށެވެ. އޭރުން ޕާކިސްތާނުގައި ތިބި އަފްޣާންގެ ރެފިޔުޖީން އެނބުރި އަފްޣާނަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.