ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 15:55
ޔޫއެސް އޯޕަންގެ ތެރެއިން ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ
ޔޫއެސް އޯޕަންގެ ތެރެއިން ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ
ގެޓީ އިމޭޖަސް
އޮސާކާ ބްރޭކެއް ނެގުން
ބްރޭކެއް ނަގައިގެން އޮސާކާ ޓެނިސް ކުޅުމާ ދުރަށް
 
ޔޫއެސް އޯޕަންގެ ތިންވަނަ ބުރުން އޮސާކާ ވަނީ ކަޓާފައި
 
ޓެނިސް މެޗެއް ދެން ކުޅޭނެ ދުވަހެއް ނޭނގޭ ކަމަށް ބުނި

ބްރޭކެއް ނަގައިގެން ޓެނިސް ކުޅުމާ ދުރަށް ދިޔުމަށް ޖަޕާނުގެ ޒުވާން ޓެނިސް ތަރި ނައޯމީ އޮސާކާ ނިންމައިފިއެވެ.

އުމުރުން 23 އަހަރުގެ އޮސާކާ އެންމެ ފަހުން ވާދަކުރީ މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައެވެ. އޭނާއަކީ މި މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިދިޔަ އަހަރުގެ ޔޫއެސް އޯޕަން އޮސާކާ ކާމިޔާބުކުރިއިރު، އޭގެ ކުރިން 2018 ވަނަ އަހަރުވެސް އޭނާ ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އެކަމަކު މި އަހަރުގެ މުބާރާތުގެ ތިންވަނަ ބުރުން މި ވަގުތު ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް އޮސާކާ ވަނީ ކަޓާފައެވެ. ހުކުރު ދުވަހު ކުޅުނު މެޗުން އޮސާކާ ބަލިވީ ދުނިޔޭގެ ރޭންކިންގެ 73 ވަނައިގައި އޮތް ކެނެޑާގެ ލޭލާ ފެނާންޑޭޒް އަތުން 2-1 ސެޓުންނެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސާކާ ބުނީ މި ފަހުން އޭނާއަށް ނަފުސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެގޮތުން މެޗަކުން މޮޅުވިޔަސް އުފާނުވާ ކަމަށެވެ. އެކަމަކު މެޗަކުން ބަލިވުމުން އެކަމާ ދެރަވާ ކަމަށާއި، މިއީ އާދައިގެ ކަމެއް ނޫން ކަމަށްވެސް އޮސާކާ ބުންޏެވެ.

އޮސާކާ ބުނީ މި ދަނޑިވަޅަކީ އޭނާގެ ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތެއް ނިންމަންވީ ދަނޑިވަޅު ކަމަށާއި، އެހެންކަމުން ޓެނިސް ކުޅުމުން ބްރޭކެއް ނަގަން ބޭނުންވާ ކަމަށެވެ. އެކަމަކު ޓެނިސް މެޗެއް ދެން ކުޅޭނެ ދުވަހެއް ބުންނަން ނޭނގޭ ކަމަށްވެސް އޮސާކާ ވަނީ ބުނެފައެވެ.

އޮސާކާ ޓެނިސް ކުޅުމުން ބްރޭކެއް ނެގިއިރު، މިހާތަނަށް ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އޮސާކާ ވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނުމަށްފަހު މި އަހަރުގެ ޖޫން މަހު ބޭއްވި ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މީޑިއާއާ ވާހަކަ ނުދައްކަން ނިންމާފައެވެ. އަދި އެ ގޮތަށް ކަންތައް ކޮށްގެން ދައްކަން ޖެހޭ ޖޫރިމަނާ ޗެރިޓީއެއްގެ ގޮތުގައި ދައްކާނެ ކަމަށްވެސް އޮސާކާ އެ ފަހަރު ބުންޏެވެ.

އެއާއެކު އެ މައްސަލަ ހޫނުވިއިރު، ފްރެންޗް އޯޕަންގެ އޮގަނައިޒިން ކޮމިޓީން ވަނީ އޮސާކާ 15،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި ޓެނިހުގެ ވަރުގަދަ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރެއްދީ ބަޔާނެއްވެސް ނެރުނެވެ.

ނަމަވެސް އެ އިންޒާރު ދިންތާ މާ ގިނައިރެއް ނުވެ އޮސާކާ ވަނީ ފްރެންޗް އޯޕަންއިން އަމިއްލައަށް ވަކިވާން ނިންމާފައެވެ. އެކަން އިއުލާންކޮށް އެ ފަހަރު އޮސާކާ ބުނީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓް ކުރަން ނިންމީ ނަފްސާނީ ދުޅަހެޔޮ ކަމަށް ސަމާލުވާން މެސެޖެއް ދިނުމަށް ކަމަށާއި، އެކަމަކު އެކަންތައް ދިޔައީ ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ފްރެންޗް އޯޕަންއަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ވަކިވުން ކަމަށާއި، އަދި އެ ނިންމުން ނިންމީ އޭނާގެ ސަބަބުން އިތުރު އުނދަގޫތަކެއް ނުވެ މުބާރާތަށް އެންމެން ފޯކަސް ކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވަނީ ބުނެފައެވެ.

މިހާތަނަށް އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އޮސާކާ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ސީނިއާ ކެރިއަރު ފެށީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައެވެ. ޓެނިހުގައި އޮސާކާ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އޭނާ އަކީ މި ވަގުތު ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އަންހެން ކުޅިވަރު ކުޅުންތެރިޔާއެވެ. އެގޮތުން މި އަހަރުގެ މެއި މަހު ފޯބްސް މަޖައްލާއިން ހާމަކުރި ގޮތުގައި އޮސާކާއަށް ވަނީ 37.4 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް