ބުންޑަސްލީގާގެ ތަށި ބަޔާން މިއުނިކުން އުފުލާލިއިރު، ކެޕްޓަން ފިލިޕް ލާމް އަދި ޒަބީ އެލޮންސޯ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
މި ދެ ލެޖެންޑުން ފުޓުބޯޅަ ކުޅުން ހުއްޓާލީ ލީގުގެ ފަހު މެޗުގައި ފްރެއިބާގް އަތުން ބަޔާން 1-4 ގެ ނަތީޖާއިން މޮޅުވި މެޗުންނެވެ.
ބަޔާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޔަން ރޮބެން އެވެ.
ފުރަތަމަ ހާފް 0-1 ގެ ނަތީޖާއިން ފްރެއިބާގްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެން ނިމުނިއިރު، ދެވަނަ ހާފްގައި ބަޔާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
އެގޮތުން 73 ވަނަ މިނެޓުގައި އާޓޫރޯ ވިޑާލް ވަނީ ބަޔާން އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕީޓާސެން ވަނީ ފްރެއިބާގް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ބަޔާން އަށް ލީޑު އިތުރަށް ފުޅާކޮށްދިނީ އިތުރުވަގުތުގައި ފްރޭންކް ރިބެރީ އަދި ކިމިޗް ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. މި ނަތީޖާއާއެކު ބަޔާން އިން ލީގުގެ ތަށި އުފުލާލީ 82 ޕޮއިންޓާއެކުގައެވެ.
މެޗަށްފަހު ބަޔާންގެ ދެ ކުޅުންތެރިން ކުޅުން ހުއްޓާލާފައިވާއިރު، ބަޔާން އިން ވަނީ އެ ދެ ކުޅުންތެރިންނަށް ހާއްސަ ކަންތައްތަކެއް އިންތިޒާމުކޮށްފައެވެ.
ލާމް ކުޅުން ހުއްޓާލިކަން މިދިޔަ ފެބްރުއަރީގައި އިއުލާންކުރިއިރު، އެލޮންސޯ ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފައިވަނީ މާޗު މަހުގައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ އެލޮންސޯއަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި ބަޔާން އަށް ގެނައި އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށާއި، އެލޮންސޯ އަކީ އޭނާ ދެކުނު ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.
ލިވަޕޫލް އިން ވިދާލި އެލޮންސޯ ވަނީ ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. އެގޮތުން އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު، އެލޮންސޯ ބަޔާން އަށް ބަދަލުވީ 2014 ވަނަ އަހަރެވެ.
އޭނާ ވަނީ ބަޔާންގައި ހޭދކުރި ތިން ސީޒަނުގައި އެޓީމަށް ކުޅުނު 117 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށް، ލީގު ތަށި ތިންފަހަރު، ޖަރުމަން ސުޕާކަޕް އަދި ޖަރުމަން ކަޕް އެއްފަހަރު އެޓީމާއެކު ކާމިޔާބުކޮށްފައެވެ.
ލާމްއާ ބެހޭގޮތުން ރުމެނިގާ ވިދާޅުވީ، އޭނާ ދެކޭގޮތުގައި ލާމް އަކީ ލެޖެންޑެއް ކަމަށާއި، އޭނާ މަތިން ކްލަބުން ވަރަށް ހަނދާންވާނެ ކަމަށެވެ.
ބަޔާންގެ ޒުވާން ޓީމުން ކެރިޔަރު ފެށި ލާމް ވަނީ އެޓީމަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީ 16 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު 8 ލީގު ތަށި ހޯދުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.
ޖަރުމަން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ލާމް ވަނީ ޖަރުމަން ކެޕްޓަން ބޭންޑު އަޅައިގެންވެސް ގިނަ ދުވަހު ކުޅެ އެތައް ބައެއްގެ ލޯބި ހޯދާފައެވެ.