ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ މެއި 6 ގެ ހަމަލާއަށްފަހު ރައީސް ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ އާދިއްތަ ދުވަހުގެ މެންދުރު 12:30 ގައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ހަމަލާގެ ތަހުގީގަށާއި ޝަރީއަތަށް, އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ފުލުހުންގެ ޓީމެއް އިނގިރޭސިވިލާތަށް ދިއުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ބަޔާން ނަގަން ދާންޖެހޭ ސަބަބު ވިސްނިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫންކަމަށާއި ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލިއެވެ. މި ރޭޒާފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގަތީ މެއި 13ވަނަ ދުވަހުއެވެ. ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސިވިލާތުންނެވެ.
މި ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދިވެސް ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވުމާއެކު, އެ ތަހުގީގު ނިމި، އެކަންރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ނުކުރަނީސް އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކާއި، އަދި އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިނުގެން މަޑު ކުރެއްވުމަށް ނިންމަވާފައެވެ.