ވިކްޓްރީ ސްޕޯޓަސްކުލަބާ ދެކޮޅަށް ކުޅޭ މެޗް ފަސޭހަ ނުވާނެ ކަމަށާއި، ވިކްޓްރީއަކީ ރާއްޖޭގައި އޮތް އެންމެ މޮޅު އެއް ޓީމުކަމަށް މާޒިޔާގެ ކޯޗް މާޔަން ސެކުލޯސްކީ ބުނެފިއެވެ.
އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ވިކްޓްރީ ބައްދަލުކުރާ މެޗުގެ ކުރިން ހޮނިހިރު ދުވަހު އެފްއޭއެމް ހައސްގައި ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މާޔަން ސެކުލޮސްކީ ބުނީ، ވިކްޓްރީއަކީ އާދައިގެ ޓީމެއް ކަމަށް ނުދެކޭ ކަމަށާއި، އެޓީމުގައި ހުރީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ތިބި ބައެއް މޮޅެތި ކުޅުންތެރިންވެސް އެޓީމުގައި ތިބިކަމަށް ކޯޗް ވަނީ ފާހަގަ ކޮށްފައެވެ.
ކޯޗް ބުނީ މާޒިޔާއިން މެޗަށް ނިކުންނައިރު ކުޅުންތެރިންގެ ވަރުބަލިކަމާއި، ކުދކުދި އަނިޔާގެ މައްސަލަ އެބަ ހުރި ކަމަށެވެ. މާޒިޔާއިން އޭއެފްސީ ކަޕްގައި މޯހަން ބަގާން އާއި ދެކޮޅަށް ކުރިހޯދި މެޗައްފަހު ވާހަކަ ދައްކަމުން ކޯޗް ވަނީ، މާޒިޔާގައި ތިބި ގައުމީ ޓީމަށް ނިސްބަތްވާ 5 ކުޅުންތެރިއަކަށް އަނިޔާވެފައި ވާކަމަށް ބުނެފައެވެ. މިކަމާ ގުޅޭގޮތުން ކޯޗު ބުނީ، އެ ކުޅުންތެރިން އަނިވާވި ކަމުގައި ވިޔަސް މާޒިޔާއަށް ކުޅުންތެރިން ބަދަލުކޮށްގެން ކުޅެވިދާނެ ކަމަށާއި، އޭގެ ގެއްލުން ވާނީ ރާއްޖޭގެ ގައުމީ ޓީމަށް ކަމަށެވެ.
އެގޮތުން މާޒިޔާއިން ފުލުފުލުގައި މެޗުތަށް ކުޅެން ޖެހުމުން އެކަމާ ގަވައިދުން ކަންބޮޑުވުން ފާލުކުރާ މައިގަނޑު އެއް ސަބަބަކީވެސް މިއީކަމަށް ކޯޗު ވަނީ ބުނެފައެވެ. ކޯޗު ބުނީ، ކޮންމެ 4 ދުވަހަކުން 1 ދުވަހު މެޗު ކުޅެން ޖެހޭނަމަ، މެސީ އަދި ރޮނާލްޑޯއަށްވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެ އުނދަގޫ އިހުސާސް ވާނީ ހަމައެކަނި ކުޅުންތެރިންނަށް ކަމަށެވެ. އަދި މިގޮތަށް ކުޅޭނަމަ އާންމުކޮށް އަނިޔާގެ މައްސަލަތަށް ދިމާވާނެ ކަމަށާއި، އެ ކުޅުނތެރިން ރިކަވާ ކުރަން އުނދަގޫ ވާނެ ކަމަށެވެ.
މާޒިޔާއިން ލީގުގެ ފުރަތަމަ ބުރު ނިންމާލާފައިވަނީ 100 ޕަސެންޓް މޮޅާ އެކީގައެވެ. އެޓީމުން ވަނީ ފުތރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައިވެސް ވާދަކުރަމުން އަންނަ މާޒިޔާ މިހާތަނަށް އަދި މިސީޒަނުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރު އެފްސީ އާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެވެ.
މާޒިޔާ އަދި ވިކްޓްރީ ބައްދަލުކުރާ މެޗް އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.