ސަރުކާރުގެ ވިސްނުން ހުރީ ހއ. ފިއްލަދޫ އިޚުތިޞާޞްގެ ދަށުން ވަކިކުރި ދައްޕަރު ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން ކަމަށް ސަރުކާރުން ބުނެފިއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ ދައްޕަރުގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް ރޭވިފައިވާ ކަމަށެވެ. ކުރިން ވެސް ދައްޕަރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އެމަސައްކަތުގެ ތެރެއިން ބިން ހިއްކި ދެރަށް ގުޅިފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް އެރަށުގައި ފުޅާކޮށް، ޓޫރިޒަމްގެ އާ ޕްރޮޑަކްޓެއް ޑިވެލޮޕް ކުރުމަކީ އަމާޒެއް ކަމަށެވެ. ނަމަވެސް މިމައްސަލާގައި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ރައީސް އޮފީހުން އެކަމާއި ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކުރިންސުރެވެސް ދައްޕަރަކީ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައި ބިން ހިއްކިއިރުގައި ގުޅިފައި. މިކަމުގައި ވިސްނުން މިހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޑެކްޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް.ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު
ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަކީ މުހިންމު ކަމެއްކަން ސަރުކާރުން ގަބޫލު ކުރާކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއިން ދައްޕަރު ނެގުމާގުޅިގެން ކޮންމެވެސް ވަރަކަށް ކައުންސިލާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ރައީސް އޮފީހުން ކައުންސިލާ އެކަމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ސަރުކާރުން ތަރައްގީ ކުރުމަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ ލާމަރުކަޒު ކުރުން ކަމަށެވެ. ބޮޑެތި އިމާރާތްތައް އެޅުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަރވިސްތައް ލިބޭ ގޮތަށް ޚިދުމަތްތައްފުޅާ ވެގެންދިއުމަކީ ހަގީގީ ތަރައްގީ ކަމަށް މަބްރޫކް ސިފަކުރެއްވިއެވެ.
ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކުރުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ނިންމުމާ ދެކޮޅަށް ''ސޭވް ދައްޕަރު''ގެ ނަމުގައި މިހާރު ވަނީ ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.
ދައްޕަރަކީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މޫދާ ގުޅިފައިވާ ބޮޑު ކުޅިއެއް އެރަށުގައި އޮވެއެވެ. 2010 ވަނަ އަހަރު އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 18 މާޗް 2020ގައި ރައީސް ޞާލިޙު ވަނީ ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު ހިމަނުއްވާފައެވެ.