ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 10:19
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ގެޓީ އިމޭޖަސް
ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުން
220 މިލިޔަން ޔޫރޯ ހުށަހެޅުމުންވެސް ޕީއެސްޖީން އެމްބާޕޭ ނުވިއްކި
 
ރެއާލުން ހުށަހެޅި ތިން ބިޑުވެސް ބަލައިގެންފައެއް ނުވޭ
 
ރެއާލުން ފަހުން ހުށަހެޅީ 220 މިލިޔަން ޔޫރޯގެ ބިޑެއް

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގަންގަން ރެއާލް މެޑްރިޑުން ހުށަހެޅި ތިންވަނަ ބިޑުވެސް ބަލައިނުގަންނަން ޕީއެސްޖީން ނިންމައިފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 22 އަހަރުގެ އެމްބާޕޭ ގަތުމަށް ރެއާލުން އެންމެ ފުރަތަމަ ހުށަހެޅީ 160 މިލިޔަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ބޯނަހާއެކު ޖުމްލަ 180 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހެޅިއިރު، މިއީ ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރަން މޮނާކޯއަށް ދެއްކި އަދަދާ ދާދި އެއް އަދަދެކެވެ.

އެކަމަކު ޕީއެސްޖީން އެ ބިޑުވެސް ބަލައިގެންފައި ނުވާއިރު، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ރެއާލުން ވަނީ އެމްބަޕޭ ގަންނަން ތިންވަނަ ބިޑެއް ހުޑަހަޅާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން އެންމެ ފަހުން ހުށަހެޅީ 220 މިލިޔަން ޔޫރޯގެ ބިޑެކެވެ. އެކަމަކު އެމްބާޕޭ ވިއްކާލަން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ބޭނުންނުވާތީ، އެ ބިޑުވެސް އެ ކުލަބުން ބަލައިގެންފައެއް ނުވެއެވެ.

މި ފަހަރުގެ ޓްރާންސްފާގައި އެމްބާޕޭ ގަންނަން ރެއާލުން ހުށަހެޅި ތިން ބިޑުވެސް ޕީއެސްޖީން ބަލައިގެންފައި ނުވާއިރު، އެމްބާޕޭ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު އެމްބާޕޭއަށް ލިބިގެންދާނެއެވެ.

އެކަމަކު ޕީއެސްޖީން އަދިވެސް އަންނަނީ އެމްބާޕޭގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ތިން ފަހަރެއްގެ މަތިން އެމްބާޕޭގެ އެއްބަސްވުން އާކުރަން އެ ޓީމުން މަސައްކަތް ކޮށްފައިވާއިރު، ރެއާލަށް ބަދަލުވާން ބޭނުންވާތީ ޕީއެސްޖީން ދާދި ފަހުން ހުށަހެޅި ހަ އަހަރުގެ އައު އެއްބަސްވުންވެސް ބަލައިނުގަންނަން އެމްބާޕޭ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާއިރު، މީގެ ކުރިން ރެއާލުން ހުށަހެޅި ފުރަތަމަ ބިޑާއެކު ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނީ ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާނަމަ އެކަން އެ ކުލަބުން ނުހުއްޓުވާނެ ކަމަށާއި، އެކަމަކު އޭނާއަށް ކުލަބު ބަދަލުކުރެވޭނީ ޕީއެސްޖީގެ ޝަރުތުތަކާ އެއްގޮތަށް ކަމަށެވެ.

މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 175 މެޗުގައި 135 ލަނޑު ޖަހާފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
0%
0%
0%
33%
33%
ކޮމެންޓް