މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު ގްރީން އަށް ލިބުނު 14 ޕޮއިންޓާއެކު ލީގުގެ ތިންވަނަ މަގާމުގައި ހަމަޖެހިލެވުނު އިރު، ޓީސީ ވަނީ ލިބުނު 11 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނަ މަގާމަށް ކުރިއަށްޖެހިލާފައެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް ވަހީދު (އިއްބެ) ފޮނުވާލި ހަމަލާ ގޯލުގެ މަތިން ދިޔައިރު، އޭގެ ތިން މިނެޓުފަހުން ގްރީންގެ ސޮބުލް ފޮނުވާލި ހިލޭ ޖެހުން ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މީގެ އިތުރުންވެސް މި ހާފުގެ ކުރީ ކޮޅު ދެޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިލްޔާއެވެ. މިއީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ޓީސީން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ލަނޑުޖެހުމަށް ގްރީންގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓް އަދި އިބްރާހިމް މަހުދީ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މި މެޗުގައި ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 77 ވަނަ މިނެޓުގައި ކޯނެލިއަސް އެވެ. މިލަނޑަކީ ގްރީންގެ ކީޕަރު ޓީސީގެ އައްޒާމަށް އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޓީސީގެ އިއްބެ އަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-3 އިން ޓީސީގެ މައްޗަށް ގްރީން ކުރި ހޯދައިގެންނެވެ.