ލީކުކޮށްލާފައިވާ އޯޑިއޯ ރެކޯޑިންގ ތަކަކީ، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު، ޑރ.މުޙައްމަދު ޖަމީލް އަޙުމަދު ޑައިރެކްޓް ކުރެއްވި ފިލްމެއް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ފަޑިޔާރުންގެ އަޑެއްނޫން ކަމަށާއި، ގާޒީ ސަމީރާ ގާޒީ ޢަލީ އާދަމްގެ އަޑަކީ މަދުރަސީ ދައުރުއްސުރެ ފަރިތަ އަޑުތަކެއް ކަމަށެވެ. އަދި ގާޒީ ފާއިޒުގެ އަޑަކީވެސް އެހާމެ ފަރިތަ އަޑެއްކަމަށެވެ. އެއީ، ޑރ. ޖަމީލް ޑައިރެކްޓްކުރި ފިލްމެއް ކަަމަށާއި، އެއަށް އަޑު އަޅުއްވާފައިވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް ކަމަށެވެ.
ލީކުކޮށްލާފައިވާ އޯޑިއޯ ރެކޯޑިންތަކުގެ މައްސަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެދުމަކަށް އަންގާރަ ދުވަހު ތިން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގަށް އޯޑިއޯ ސާމްޕަލް ދިނުމަށް ފަނޑިޔާރުން ރުހުން ދިފައިވަނީ ހޯމަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ, ހޯމަ ދުވަހު މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެދުވަހުގެ ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެކަމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް, ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލްކޯޓުގެ ގާޒީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަޙުމަދު ޝަކީލާ ސުވާލުކޮށް މައުލޫމާތު ސާފުކުރެވުނު ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދެ ފަނޑިޔާރުންވެސް ވަނީ ދޮގުކުރައްވާފައެވެ.
ލީކުވެފައިވަނީ, މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު މައްސަލަ ތާވަލުކުރިތަނާ ޔާމީނަށް ހުކުމްކުރެއްވި ފަނޑިޔާރަކާ ގުޅޭ އޯޑިއޯއެކެވެ.