ސުލްހަވެރިކަމާއިއެކު، އެމެރިކާ ސިފައިން ކަނޑައެޅި ތާރީޚަށް އަފްޣާނިސްތާނުން ފޭބުމުން އެ ގައުމާއެކު ގުޅުން ބާއްވަން ބޭނުންވާކަމަށް އެގައުމުގެ ވެރިކަމާއި ހަވާލުވި ޠާލިބާން ޖަމާއަތުން ބުނެފިއެވެ.
ޠާލިބާންގެ ތަރުޖަމާން ޒަބީޙުﷲ މުޖާހިދު ބުނީ އެމެރިކާއިން އެ ގައުމުން ފޭބުމަކީ އަފްޣާނިސްތާނަށް އަރައިގަންނަން މަސައްކަތްކުރާ އެހެން ބާރުތަކަށް ލިބުނު ފިލާވަޅެއް ކަމުގައެވެ. އަދި ބަލި ގަބޫލުކޮށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުން އެއީ މުޅި އަފްޣާނަށް ލިބުނު ނަސްރެއް ކަމަށާއި، އެހެންކަމުން އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ކިޔާ ކަމަށް ޒަބީޙުﷲ ބުންޏެވެ.
އެމެރިކާގެ މައްޗަށް ކުރި ހޯދުނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އަފްޣާނު ރައްޔިތުންވި ގުރުބާނީތަކެއްގެ ސަބަބުންކަމަށާއި، އެކަމަށްޓަކައި ޠާލިބާނުގެ ހަނގުރާމަވެރިން ހިމެނޭގޮތުން އަފްޣާނު ރައްޔިތުންނަށް ޝުކުރުއަދާކުރާ ކަމަށް އޭނާ ބުންޏެވެ.
ޒަބީޙުﷲ އިތުރަށް ބުނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ސުލްހަވެރިކަމާއިއެކު ފޭބުމުން، އެގައުމާއެކު ރަނގަޅު ގުޅުންތަކެއް ބާއްވަން އަފްޣާނުން ބޭނުންވާ ކަމަށާއި، އެހެންކަމުން އެގައުމާއެކު ގުޅުން ބޭއްވުމުގެ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ދައުވަތު އަރުވާ ކަމަށެވެ.
ތާލިބާނުންނާއި އަފްޣާން އެހެން ޖަމާއަތްތަކުން ފާއިތުވި 20 އަހަރުތެރޭގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ދިން ދިފާއީ ހަމަލާތަކުގައި އެމެރިކާގެ 2200 އަށްވުރެގިނަ ސިފައިން މަރުވެ 20 ހާހަހަށްވުރެ ގިނަ ސިފައިން ޒަޚަމްވިކަމަށް އެމެރިކާގެ ރިޕޯޓްތައް ބުނެއެވެ.