ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 03:06
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް
ގެޓީ އިމޭޖަސް
ޑިއާސް އެއްބަސްވުން އާކުރުން
ސިޓީގެ އެއްބަސްވުން ޑިއާސް އާކޮށްފި
 
2027 ގެ ނިޔަލަށް ޑިއާސް ސިޓީގައި މަޑުކުރާނެ
 
ޑިއާސް ސިޓީއާ ގުޅުނީ މިދިޔަ އަހަރު ބެންފީކާ ދޫކޮށް

މެންޗެސްޓާ ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް އާކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ޑިއާސް ސިޓީއާ ގުޅުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބެންފީކާ ދޫކޮށް 65 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ސިޓީއާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތީ 2026 އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.

އެކަމަކު ހޯމަ ދުވަހުގެ ވަގުތެއްގައި ސިޓީން ވަނީ ޑިއާސްގެ އެއްބަސްވުން އާކުރިކަން އިއުލާން ކޮށްފައެވެ. ސިޓީއާއެކު ޑިއާސް ހެދި އައު އެއްބަސްވުމާއެކު، 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ޑިއާސް ބުނީ ސިޓީއަށް ކުޅުމަކީ އޭނާއަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ސިޓީއާއެކު ހޯދުނު ކާމިޔާބީތައް ފާހަގަކުރާ ކަމަށާއި، ސިޓީގައި މިހާރު އޮތް ސްކޮޑާއެކު އިތުރު ކާމިޔާބީތައް ހޯދުމަށްވެސް ބޭނުންވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ޑިއާސް ވަނީ މިހާތަނަށް އޭނާ ކުރިއަރުވަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ކުރަމުން އަންނަ މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.

ސިޓީގެ އެއްބަސްވުން ޑިއާސް އާކުރިއިރު، އޭނާ ވަނީ މިހާތަނަށް ސިޓީއަށް މި މެޗު ކުޅެދީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޑިއާސް ވަނީ ދިޔަ ސީޒަނުގައި ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ދާދި ފަހުން ޑިއާސް ވަނީ މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ.

ދިގު މުއްދަތަކަށް ސިޓީގެ އެއްބަސްވުން ޑިއާސް އާކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސްވެސް ދާދި ފަހުން ވަނީ އެއްބަސްވުން އާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް