ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ގެޓާފޭ އަތުން ހަނި ގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 97 ވަނަ ސިކުންތުގައި ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖީ ރޮބާޓޯއެވެ. އެކަމަކު މެޗުގެ 18 ވަނަ މިނެޓުގައި ގެޓާފޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޑްރޯ ރަމިރޭޒެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފްރެންކީ ޑިޔޮން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންްސްފާގައި އެ ޓީމާ އަލަށް ގުޅުނު ފޯވާޑް މެމްފިސް ޑިޕާއިއެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާގެ ގޯލު ބަލަހައްޓާފައިވަނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގެ ފުރަތަމަ ދެ ހަފުތާ ގެއްލުނު ޖަރުމަނުގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންއެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި ގެޓާފޭއިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ސްޓެގެން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުން ބާސާ މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެ ޓީމު ވަނީ އެތުލެޓިކް ބިލްބާއޯއާ އެއްވަރުވެފައެވެ. ނަމަވެސް މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެފައެވެ.