ދެ ސްކޫލެއްގައި އިންޑިއާގެ އެހީގައި އިމާރާތްކުރި ކްލާސް ރޫމްތައް ހުޅުވައިފިއެވެ.
އިންޑިއާގެ އެހީގައި ކްލާސްރޫމް އިމާރާތްކުރީ، ރ.ކިނޮޅަހާއި ނ.ޅޮހީގައެވެ. ކިނޮޅަހާއި ޅޮހީ ސްކޫލުގައި އަލަށް އިމާރަތް ކުރި 6 ކްލާސްރޫމަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ އިންޑިއަން ގްރާންޓް އެސިސްޓެންޓް ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ކްލާސްރޫމްތަކެކެވެ.
މި ކްލާސްރޫމްތައް އިފްތިތާހު ކުރުމަށްޓަކައި ފޮރިން މިނިސްޓްރީގައި ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި، ސެކެޓްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ. އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، މި ދެ ސްކޫލުގެ ޕްރިންސިޕަލުންވެސް ބައިވެރވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ، ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މި ދެ ސްކޫލްގައި އިމާރާތްކުރި ކްލާސްރޫމްތަކާއެކު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކުރިން ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި އިމާރާތްތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައި ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށް އަޅާފައިވާ އިމާރާތްތަކެކެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެއް ދަންފަޅިއަށް ބަދަލުކުރަމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ، ޖާގައިގެ ދަތިކަންކަމުގައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ، ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށްވުމީ ލިބޭ ބޮޑު ފަޚުރެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާފަދަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުން އަބަދުވެސް އިންކަންދޭކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރ.ކިނޮޅަހާއި ނ.ޅޮހީ ސްކޫލުގައި ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތްކޮށްފައިވަނީ އިންޑިއާއިން 2019 އަހަރު ރާއްޖެއަށް ފޯރުކޮށްދިން 106 މިލިއަން ރުފިޔާގެ މާލީ އެހީގެ ތެރެއިންނެވެ. އެގޮތުން މި ދެ ސްކޫލުގައި ކްލާސްރޫމް އިމާރާތްކުރުމަށް މި އެހީގެ ތެރެއިން ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން މިއިން ކޮންމެ ސްކޫލެއްގައި 6 ކްލާސްރޫމް ހިމެނޭހެން 2 ބުރީގެ ބްލޮކެއް ވަނީ އިމާރާތްކޮށްފައިވެއެވެ.