ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި އުފެދިފައިވާ ސުވާލުތަކަށް ޗައިނާގެ އެހީތެރިކަން ނުލިބި ޖަވާބު ނުހޯދޭނެކަމަށް އެމެރިކާގެ ކަމާގުޅޭ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންގަވައިގެން އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ތަހުގީގުތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިތަހުގީގުގެ ރިޕޯޓް ޖޯ ބައިޑަން އަށް މިހާރު ވަނީ އަރުވާފައެވެ. އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ އިންޓެލިޖެންސް އިދާރާތައް ގަބޫލުކުރާ ގޮތުގައި ކޮވިޑް ވައިރަހާއި ޗައިނާގެ ލެބޯޓްރީތަކުގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަށް ޖަވާބެއް ލިބިގެންދާނީ ޗައިނާގެ ފަރާތުން އިތުރު މައުލޫމާތު ލިބިގެންނެވެ. އެނޫންގޮތަކަށް ކޮވިޑް-19ގެ އަސްލާ ގުޅޭގޮތުން ދައްކަމުން ގެންދާ ވާހަކަތަކަށް ޖަވާބެއް ނުހޯދޭނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓް ލިބިވަޑައިގަތުމާއި ގުޅޭގޮތުން ބައިޑެން ނެރުއްވާފައިވާ ބަޔާނުގައި ވަނީ ކޮވިޑް-19ގެ މިޕެންޑަމިކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ޗައިނާގައިވާ ކަމަށެވެ. އަދި ފެށުނީއްސުރެ ޗައިނާގެ ސަރުކާރުން އަންނަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރިޔަށްގެންދާ ތަހުގީގިތަކުގައި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކުރުމާއި ދެކޮޅު ހަދާ އެކމަށް ހުރަސް އަޅަމުންކަމަށް ބަޔާނުގައިވެއެވެ.
ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓަލިޖެންސުން ރިޕޯޓްގެ ސަމަރީ ހާމަކޮށްފައިވާއިރު މިރިޕޯޓާ ގުޅިގެން ޗައިނާ އާއި އެމެރިކާގެ ގޯސްވެފައިވާ ގުޅުން އިތުރަށް ގޯސްވާނެކަމަށް ބެލެވެއެވެ. އެމެރިކާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވަނީ ތަހުގީގުގެ ސަބަބުން އެމެރިކާގައި އުޅޭ އޭޝިޔާ ބައްރުގެ މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަހެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޗައިނާއިން އަންނަނީ ދޮގުކުރަމުންނެވެ.
އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަހަކީ ޖަނަވާރެއްގެ ފުށުން އިންސާނުންނާ ހަމައަށް އައިސްފައިވާ ވައިރަހެއް ކަމަށެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ އަސްލުކަމަށް ނިންމުމާމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
ތަހުގީގުގެ އެހެން ހިސާބެއްގައި އިންޓެލިޖެންސް އިދާރާއަކުން ބުނެފައިވަނީ ކޮވިޑް-19 އިންސާނުންނާ ހަމައަށް އައިސްފައިވަނީ ލެބޯޓްރީއެއްގައި ކުރިޔަށް ގެންދިޔަ އެކްސްޕެރިމަންޓަކުން ކަމަށް ވެދާނެކަމަށެވެ. ނުވަތަ ގެންގުޅުނު ޖަނަވާރަކުން ނުވަތަ ވުހާންގެ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީގައި ގެންގުޅުނު ސާމްޕަލްތަކަކުން ކަމަށްވެސް ވެދާނެކަމަށް ވަނީ ބުނެފައެވެ.
މިއިން އެއްވެސް ކަމެއް މިއީ މިކަން ހިނގިގޮތްކަމަށް ނިންމުމަށް ޗައިނާގެ ފަރާތުން އިތުރު މައުލޫމާތު ބޭނުންވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ބުނެފައިވެއެވެ.
މިރިޕޯޓާއެކު އަދި އެމެރިކާއިން ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ނާންނަކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ. ކޮވިޑްގެ ނުރައްކާތެރި ޕެންޑަމިކް ދުނިޔެއަށް ކުރިމަތިވި އަސްލު ސަބަބު ދެނެގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި މިފަދަ ޕެންޑަމިކެއް ދެވަނަ ފަހަރަށް އައިސްދާނެކަމަށް ބަލާ އެފަދަ ކަމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާނެކަމަށް ބައިޑަން ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވެފައިވަނީ ކޮވިޑް-19ގެ އަސްލާ ބެހޭ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ކޮވިޑްގެ އަސްލު އައި ގޮތެއް ނުނިންމާކަމަށެވެ. ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޑަބްލިޔުއެޗްއޯއިން އަންނަނީ ތައްޔާރުވަމުންނެވެ.
އެޕިޑެމޮލޮޖިކަލް އެކްސްޕާޓުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އެންމެ ފުރަތަމަ ވައިރަސް ޖެހުނު މީހުންގެ ޑާޓާތައް ބޭނުންވާއިރު އެ ލިބުމުގެ ފުރުސަތު އަންނަނީ ހަނިވަމުންނެވެ.