އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނި ނުކުރަން ނިންމައިފިއެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވެ، ވެކްސިން ޖަހާފައިވާ އާބާދީ އިތުރުވެފައިވާތީ، އަލަށް އެކުލަވާލައި ގްރީން ލިސްޓުގައި ރާއްޖެ ހިމެނޭނެކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު އެގައުމުން އާއްމުކުރި ގްރީން ލިސްޓްގައި ވެސް ރާއްޖެ ހިމަނާފައެއް ނެތެވެ.
ގްރީން ލިސްޓަކީ، އެ ގައުމަކަށް ދަތުރުކުރުން ރައްކާތެރި ގައުމުތައް ކަނޑައަޅައި ގައުމުތަކުންނެރޭ ލިސްޓެކެވެ.
ގްރީން ލިސްޓުގައި ރާއްޖެ ހިމެނިފައި ނެތުމުން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިޒަލް ވަނީ އެކަމުގެ ކަންބޮޑުވުން އަނެއްކާވެސް ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، މިފަހަރު އެކުލަވާލި ލިސްޓްގައި ވެސް ރާއްޖެ ހިމެނިފައި ނެތުމުން އެކަމާ ވަރަށް ދެރަވެއްޖެ ކަމަށާއި، ޔޫކޭގެ ރެޑް ލިސްޓަށް ލުމުގެ ކުރިން ކޮވިޑް ކޭސްތައް ހުރި އަދަދަށް ވުރެ މާ ދަށަށް ރާއްޖޭގެ ކޭސްތައް މިހާރު ދަށްވެފައިވާ ކަމަށެވެ. މިހާރު ގަވާއިދުން ޖީނޯމް ސީކްއެންސް ގަަވާއިދުން ހަދަމުން އަންނަ ކަމަށާއި، ޑޭޓާތައް ވެސް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ.
"ރެޑް ލިސްޓް"ގައި ރާއްޖެ ހިމަނާފައިވަނީ, އެ ގައުމެއްގައި ފެތުރެނީ ބަލީގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޖިނޯމިކް ސީކުއެންސިން ޓެސްޓު ނުހަދާ އޮތުމުންކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ މީޑިއާތަަކަށް މައުލޫމާތު ދީފައެވެ. މި މަހުގެ 21 ވަނަ ދުވަހު ނެރުނު ގްރީން ލިސްޓުގައި ވެސް ރާއްޖެ ހިމެނިފައި ނުވާތީ ވެސް ޑރ. ފަރަހަނާޒް ފައިޒަލް ވަނީ އެކަމުގެ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. އޭރުވެސް ވިދާޅުވީ، އިނގިރޭސިވިލާތުން ބޭނުންވާ ޖީނޯމް ސީކުއެންސް ޑާޓާތައް ލިބެން ހުންނާނެ ކަމަށެވެ.
ޑރ. ފަރަޙަނާޒް ވިދާޅުވީ، ޖިސެއިޑް ވެބްސައިޓުގައި މިހާރު އެ މައުލޫމާތުތައް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ހުރި ކޮވިޑު ކޭސްތަކުގެ އަދަދު ވެސް ދަށްކަން ފާހަގަ ކުރައްވައި ޑރ. ފަރަހަނާޒް ވިދާޅުވީ، ގިނަ ގައުމުތަކާ އަޅާކިޔާއިރު ރާއްޖޭގެ ވެކްސިން ޖެހުމުގެ ރޭޓު ވެސް މަތި ކަމަށެވެ. އެހެންކަމާއެކު މިހާރު ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި އިނގިރޭސިވިލާތް ހިމެނޭއިރު، އެ ގައުމުގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމެކެވެ. އެގޮތުން މިހާރު ވެސް ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އަންނަ މިންވަރަށް ފަތުރުވެރިން އަންނަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.