އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ކޭމްޕުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ގައުމީ ޓީމުން މިހާރު ވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލާފައެވެ.
ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާނެ ކަމަށެވެ. އަދި މި ކޭމްޕުގެ މައިގަނޑު ބޭނުމަކީ މެޗުތަކެއް ކުޅުން ކަމަށާއި، އެގޮތުން ގަތަރަށް ދިޔުމަށްފަހު ހަތަރު ވަރަކަށް މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މި ވަގުތު މެޗުތައް ފައިނަލްނުވި ނަމަވެސް، މި ކޭމްޕުގައި މަދުވެގެން ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެއް މެޗު ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ސުޒޭން މިހެން ބުނިއިރު، ގައުމީ ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު، އެ މެޗުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން އިތުރަށް ބުނީ ގަތަރުގައި ކުރާ ކޭމްޕުގެ މައިގަނޑު ބޭނުމަކީ ޓީމު އެކުލަވާލުން ކަމަށެވެ. އެގޮތުން ޓީމު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު އީގަލްސްއަށް ކަމަށާއި، އެހެންކަމުން އެ ދެ ޓީމުގައި ނުހިމެނޭ ކުޅުންތެރިންގެ ފިޓްނަަސް ރަނގަޅުކުރުމަކީވެސް އޮތް ޗެލެންޖެއް ކަމަށް ސުޒޭން ބުންޏެވެ.
ގަތަރުގައި ކޭމްޕުކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ.
އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.