ތާލިބާނުން އުފައްދާ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް މުއްލާ އަބްދުލްގައްޔޫމް ޒާކިރު ހަމަޖައްސައިފިއެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނެސްފައިވާއިރު އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގައި ހިމެނޭނެ ވަޒީރުންގެ މަގާމުތަކަށް މީހުން އައްޔަންކުރަން ވަނީ ފަށާފައެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ޑިފެންސް މިނިސްޓަރަކަށް އައްޔަނު ކޮށްފައިވާ މުއްލާ އަބްދުލްގައްޔޫމް ޒާކިރަކީ މީގެ ކުރިން ގުއެންޓަނާމޯބޭގައި ބަންދުގައި ހުރި މީހެކެވެ. އަދި އެއީ އެ ޖަމާއަތުގެ އިސްވެރިންނާ ގާތް މީހެއް ކަމަށް ވެސް އަލްޖަޒީރާގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު, އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތައް އެގައުމުން ފައިބަންދެން ޠާލިބާނުން އައު ސަރުކާރެއް ގާއިމެއް ނުކުރާނެ ކަމަށެވެ. މީގެއިތުރުން ޠާލިބާންގެ އޮފިޝަލުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ދެން އުފެދޭ ސަރުކާރެއް އޮންނާނެ ގޮތުގެ އޮނިގަނޑު ކުރިޔަށް އޮތް ހަފްތާތަކުގައި އެޖަމާޢަތުން ހާމަކުރާނެ ކަމުގައެވެ.
އައު ސަރުކާރުގައި އޮންނާނީ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަކި ޓީމެއް, އަދި އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ވަކި ޓީމެއްގެ ގޮތުގައި ކަމަށް ޠާލިބާންގެ އޮފިޝަލުން ވަނީ ބުނެފައެވެ. މީގެއިތުރުން ކުރީ ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވާ ކަމާބެހޭ މާހިރުން ވެސް ބައިވެރިކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އައު ސަރުކާރުގައި އޮންނާނީ ހުޅަނގުން ސިފަކުރާފަދަ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށާއި, ނަމަވެސް ހުރިހާ އެންމެންގެ ޙައްޤުތައް ވެސް ރައްކާތެރިކުރާނެ ކަމަށް އެޖަމާޢަތުގެ އޮފިޝަލް ވަނީ ބުނެފައެވެ. ކުރިޔާ ޚިލާފަށް މިފަހަރު ޠާލިބާނުން ފެންނަނީ ތަފާތު ސިޔާސަތުތަކާއެކުގައެވެ. އެމީހުން ބުނަމުން އަންނަނީ, ބޭނުންވަނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށްކަމަށެވެ.
އަނެއްކޮޅުން ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމަށްފަހު, މިހަފުތާގައި މަސައްކަތަށް ނިކުތް ސަރުކާރުގެ ބައެއް މުވައްޒަފުން އޮފީސްތަކަށް ދިޔުމަށް ޠާލިބާނުން ވަނީ ހުރަސްއަޅާފައިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ މުވައްޒަފުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންނަށް އޮފީހަށް ވަނުމަށް ހުރި މަގުތައް ޠާލިބާނުން ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް ޠާލިބާނުން އަންގާފައިވަނީ އައު ސަރުކާރު އުފެދި އައު މިނިސްޓަރުންނާއި ޑިރެކްޓަރުން އައްޔަނުކުރެވެންދެން އޮފީހަށް ނައިސް ތިބުމަށެވެ.
ނަމަވެސް އެހެން ބައެއް އޮފީސްތަކުގެ މުވައްޒަފުން އޮފީސް ކާޑު ދެއްކުމުން މަސައްކަތަށް ދިޔުމުގެ ހުއްދަ ދީފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.