ޖަރުމަނު ކަޕުގެ ފުރަތަމަ ބުރުގައި ބުދަ ދުވަހުގެރޭ ފަސްވަނަ ޑިވިޝަނުގެ ބްރެމާ ކޮޅަށް ބަޔާން މިއުނިކް 12 ލަނޑު ޖަހައިފިއެވެ.
މިއީ މިދިޔަ 24 އަހަރު ތެރޭ ބަޔާނުން ކުޅުނު މެޗެއްގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެގޮތުން މީގެ ކުރިން ބަޔާނުން އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅަކީ 1997 ވަނަ އަހަރު ހަމަ މި މުބާރާތުގައި ޑީޖޭކޭ ވޯލްޑްބާގް އަތުން 16-1 ގެ ނަތީޖާއަކުން ހޯދި މޮޅެވެ.
ބްރެމާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗަކީ މީގެ ކުރިން މި މަހުގެ ހަ ވަނަ ދުވަހު ކުޅެން ތާވަލުކޮށްފައި އޮތް މެޗެކެވެ. އެކަމަކު އެ ފަހަރު ބްރެމާގެ ބައެއް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މެޗު ފަސްކުރަން ޖެހުނީއެވެ.
ގިނަ ބަދަލުތަކަކާއެކު ބަޔާނުން މި މެޗަށް ނުކުތްއިރު، އެ ޓީމުގެ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ-މޯޓިން ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި އޭނާ ހެޓްރިކް ފުރިހަމަކޮށްފައިވަނީ ފުރަތަމަ 35 މިނެޓުގެ ތެރޭގައެވެ. މި މެޗުގައި ބަޔާނުގެ އަނެއް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި ޖަމާލް މުސިއާލާ އާއި، މަލިކް ޓިލްމަން އާއި، މިކައިލް ކުއިސާން އާއި، ކޮރެންޓިން ޓޮލީސޯ އާއި، ބޯނާ ސާ އަދި ލެރޯއި ސާނޭއެވެ. ދެން ބަޔާނުން ކާމިޔާބުކުރި އަނެއް ލަނޑަކީ ފުރަތަމަ ހާފުގައި ބްރެމާގެ ޖޭން-ލޫކާ ވާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މި މެޗު ބްރެމާއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މި މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ އޫގޯ-މާރިއޯ ނޯބިލަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
މި މެޗުން މޮޅުވެ ޖަރުމަން ކަޕުގެ ދެވަނަ ބުރަށް ބަޔާން ދަތުރުކުރިއިރު، ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ.