ޗައިނާގެ ތައުލީމުގެ ނިޒާމުގެ ތެރޭގައި ސިޔާސީ ގޮތުން ކިޔަވައިދެވޭނެ ވިސްނުމަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގގެ ސިޔާސީ ވިސްނުންކަމުގައި އައު ގައިޑްލައިންގައި އެކުލަވާލާފައިވާ, ޗައިނާގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އައު ގައިޑްލައިންގެ ދަށުން " ޝީ ޖިންޕިން ތޯޓު" ކަރިކިޔުލަމްގެ ތެރޭގައި ހިމެނިގެން ދިޔުމުން ފުރާވަރުގެ ކުދިންނަށް މާރޒިސްޓް ތިއޮރީ އުނގެނުމަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މާޒިސްމްއަކީ ކާރލް މާކްސްއަށް ނިސްބަތްވާ ގޮތަށް އުފެދިފައިވާ ވިސްނުމެކެވެ. އެއީ ބޮޑަށް ޗައިނާގައި އޮންނަ ކޮމިޔުނިޒަމްގެ ނިޒާމު ކިޔައިދޭ ވިސްނުމެކެވެ.
ޗައިނާގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޕްރައިމަރީ ސްކޫލުން ފެށިގެން ޔުނިވަރސިޓީއާ ހަމައަށް މިވިސްނުން ކިޔައިދެވޭނެކަމަށެވެ.
މިއީ ޗައިނާގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ކޮމިޔުނިސްޓް ޕާޓީގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ކުރަން ފެށި ކަންތަކެވެ. މިކަމާގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ޖީލެއް އުފެއްދުމަށް މިއީ މުހިންމު, ބޭނުންތެރި ކަމެއްކަމަށެވެ.
އައު ގައިޑްލައިންގައި ލޭބަރ އެޑިޔުކޭޝަންގެ ބައިވެސް ވަނީ ހިމަނާފައެވެ. އެއީ މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމަށެވެ.
2018 ވަނަ އަހަރު ޗައިނާގެ ގާނޫނު އަސާސީ ގައިވެސް ވަނީ "ޝީ ޖިންޕިން ތޯޓު" ހިމަނާފައެވެ. އޭގެފަހުން ބައެއް ޔުނިވަރސިޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޒުވާނުންގެ މެދުގައިވެސް އަންނަނީ އެވިސްނުން ކުރިއަރުވަމުންނެވެ.
ޝީ ޖިން ޕިންގ ތޯޓުގައި މައިގަނޑު 14 ކަމެއް ހިމެނެއެެވެ. މީގެތެރޭގައި ކޮމިޔުނިސްޓްގެ އުސޫލުތަކަށް ބާރު އަޅާ ކަންކަން ހިމަނާފައިވެއެވެ.