ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ވަރުގަދަ އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ފުރަތަމަ ފަހަރަށް ހިފަހައްޓައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 42-84 ޕޮއިންޓުންނެވެ. މި ނަތީޖާއިން ރާއްޖެ ބަލިވި ނަމަވެސް ރާއްޖެއިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މީގެކުރިން ރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗެއް ނިމިފައިވަނީ 100 ޕޮއިންޓަށްވުރެ ގިނަ ޕޮއިންޓް އިންޑިއާ ހޯދައިގެންނެވެ. އެހެންނަމަވެސް މިފަހަރު ރާއްޖެއިން ވަނީ ފަރަގު ކުޑަކޮށްފައެވެ.
ރާއްޖެ އިން މި މެޗު ފެށީ ޑިފެންސަށް އިސްކަންދީގެންނެވެ. އެގޮތުން ކެޕްޓަން ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) ފަދަ ކުޅުންތެރިން ހިމަނައިގެން މޮޅު ޑިފެންސެއް، އިސްކޮޅުން ދިގު އަދި ބިޔަ ކުޅުންތެރިން ހިމެނޭ އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ވަނީ ދައްކާފައެވެ.
މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، ރާއްޖެއަށް ހޯދިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެހެންނަމަވެސް އިންޑިއާއިން ވަނީ 22 ޕޮއިންޓް ހަމަކޮށްފައެވެ. މި ކުއާޓާގައި ރާއްޖެއިން ވަނީ ޓީމް ރޮޓޭޓްކޮށްފައެވެ. އެގޮތުން ފަހުން އެރި ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާ އިންޑިއާގެ އެޓޭކްތައް ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.
ފުރަތަމަ ކުއާޓާގައި ރާއްޖެއަށް މާގިނަ ޕޮއިންޓްތަކެއް ހޯދިފައިނުވި ނަމަވެސް ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ޕޮއިންޓްތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭ ސަޕޯޓަރުންގެ އެހީއާއެކު ދެވަނަ ކުއާޓާގައި ރާއްޖެއިން 15 ޕޮއިންޓް ހަމަކުރި އެވެ. އެހެންނަމަވެސް އިންޑިއާ އިން ވަނީ 46 ޕޮއިންޓް ހަމަކޮށްފައެވެ.
ތިންވަނަ ކުއާޓާގައި ރާއްޖެއިން 13 ޕޮއިންޓް ހޯދިއިރު، މި ކުއާޓާގައި ރާއްޖެއިން ވަނީ ޒުވާން ކުޅުންތެރިން ބޭނުންކޮށްފައެވެ. މުޅި މެޗުގައިވެސް ރާއްޖެއިން ޓީމު ރޮޓޭޓްކޮށްފައި ވާއިރު، ބަދަލުގައި އަރާ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ފަހު ކުއާޓާގައި ރާއްޖޭގެ އަފްލާހުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، އޭނާ ވަނީ މޮޅެތި އެޓޭކްތަކެއްކޮށްފައެވެ. ފަހު ކުއާޓާގައި އިންޑިއާއިންވެސް ވަނީ އެޓީމުގެ ބެންޗުގައި ހިމެނޭ ބައެއް ކުޅުންތެރިން ބޭނުންކޮށްފައެވެ.
މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ ކެޕްޓަން ޒިލާލުއެވެ. އޭނާ ވަނީ 12 ޕޮއިންޓް ހޯދައިދީފައެވެ.
މެޗުން ރާއްޖެ ބަލިވިނަމަވެސް ރާއްޖޭ ކުޅުންތެރިންގެ ފަރާތުން ފެނުނީ އުފާވެރިކަމެވެ. އެގޮތުން އޭޝިއާގެ 10 ވަނަ އަށް ރޭންކުކޮށްފައިވާ އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ދައްކާފައިވަނީ މޮޅު ކުޅުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިންޑިއާ ވަނީ އެޓީމު ބައިވެރިވި ހަތަރު ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއައުންނެވެ. އެޓީމު ވަނީ ފީބާ އޭޝިއާ ޗެމްޕިއަންޝޕުގެ ކުއާޓާ ފައިނަލުގައިވެސް ވާދަކޮށްފައެވެ. މީގެއިތުރުން އެޓީމުގައި ދުނިޔޭގެ ވަރުގަދަ ބާސްކެޓް ލީގުތަކަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ.
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާއެވެ. މި މެޗު ހޮނިހިރު ދުވަހުގެ ރޭ 21:00 ޖަހާއިރު ފަށާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. މި މެޗު ފަށާނީ ހަވީރު 16:00 ޖަހާއިރެވެ.