ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 06:09
ވެސްޓް ހޭމާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން
ވެސްޓް ހޭމާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވެސްޓް ހޭމް އަތުން ލެސްޓާއަށް ނާކާމިޔާބު
 
ލެސްޓާ އަތުން ވެސްޓް ހޭމް މޮޅުވީ 4-1 ގެ ނަތީޖާއަކުން
 
މެޗުގައި ވެސްޓް ހޭމުގެ އެންޓޯނިއޯ ވަނީ ރިކޯޑެއް ހަދާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލެސްޓާ ސިޓީ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވެސްޓް ހޭމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއަށް ސާއިދު ބެންރަހްމާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނާލްސްއެވެ.

އޭގެ ފަހުން މި މެޗުގައި ލެސްޓާއަށް މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ އަޔޯޒް ޕެރޭޒަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ޕެރޭޒަށް ރަތް ކާޑު ދެއްކީ ވެސްޓް ހޭމުގެ ފޯނާލްސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ ދެވަނަ ހާފުގައި ވެސްޓް ހޭމުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، ލެސްޓާގެ ފަހަތުން ހެދި ގޯޙެއްގެ ފައިދާ ނަގައި މެޗުގެ 56 ވަނަ މިނެޓުގައި ބެންރަހްމާ ވަނީ ވެސްޓް ހޭމުގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ވަނީ ލަނޑެއް ޖަހައި، ލެސްޓާއަށް ފަރަގު ކުޑަކޮށްދީފައެވެ.

އެކަމަކު މެޗުގެ ފަހު 10 މިނެޓު ތެރޭ ވެސްޓް ހޭމުގެ މިކޭލް އެންޓޯނިއޯ ވަނީ ދެ ލަނޑު ޖަހައި ވެސްޓް ހޭމުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ. މި މެޗުގައި އެންޓޯނިއޯ ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ވެސްޓް ހޭމަށް 49 ލަނޑު ޖަހައިދީފައެވެ. އެއާއެކު އެންޓޯނިއޯ ވެފައިވަނީ ޕްރިމިއާ ލީގުގައި ވެސްޓް ހޭމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.

މި މެޗުން ލެސްޓާ ބަލިވިއިރު، އެ ޓީމުން ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ލެސްޓާ ނުކުންނާނީ އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް