ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 00:42
އުދިނޭޒީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
އުދިނޭޒީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފުރަތަމަ މެޗުން ޔުވެންޓަސް އެއްވަރު
 
އުދިނޭޒީ އާއި ޔުވެންޓަސް އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
 
ލީގުގައި ޔުވެންޓަސް ދެން ނުކުންނާނީ އެމްޕޯލީއާ ދެކޮޅަށް

މި ސީޒަނުގެ އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ ޔުވެންޓަސް އެއްވަރުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވީ އުދިނޭޒީއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ޔުވެންޓަސްއިން ފަށާފައިވަނީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު ފުރަތަމަ ހާފުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި އޭގެ 10 މިނެޓު ފަހުން ހުއާން ކުއަޑްރާޑޯ ވަނީ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އުދިނޭޒީން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ޕެރޭރާއެވެ. މިއީ އޭރިއާ ތެރެއިން އުދިނޭޒީގެ ޓޮލްގޭ އާސްލާނަށް ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޖެރާޑް ޑެލޮފޫ ވަނީ އުދިނޭޒީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޔުވެންޓަސްއިން ރޮނާލްޑޯ ކުޅެން އަރުވާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް އެއްވަރުވިއިރު، މިއީ އެ ޓީމުގެ ކޯޗުގެ މަގާމާ އަލުން ހަވާލުވެ، ލީގުގައި މަސިމިލިއާނޯ އެލެގްރީ އިރުޝާދުދިން ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި އަންދްރެއާ ޕިރްލޯ ޔުވެންޓަސްއަށް އިރުޝާދުދިންއިރު، އެ ޓީމަށް ވަނީ ނުވަ އަހަރަށް ފަހު އިޓާލިއަން ލީގު ގެއްލިފައެވެ.

ލީގުގައި ދެން ޔުވެންޓަސްއިން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޔުވެންޓަސް ނުކުންނާނީ އެމްޕޯލީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް