އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން ޗެލްސީ މޮޅުވިއިރު، ސައުތެމްޓަނާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އާސެނަލުގެ ދަނޑުގައި ކުޅުނު ޑާބީ މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޗެލްސީން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރީސް ޖޭމްސް ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި ލުކާކޫ ލަނޑު ޖެހިއިރު، މިއީ އަލުން އަނބުރާ ޗެލްސީއަށް ބަދަލުވުމަށްފަހު ލުކާކޫ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ލުކާކޫގެ ސޮއި ހޯދާފައިވަނީ 98 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އެއާއެކު ލުކާކޫ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި އެ ޓީމުން އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މޭސަން މައުންޓް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޭމްސްއެވެ. އޭގެ ފަހުންވެސް ޗެލްސީއަށް ވަނީ މި މެޗުގައި އިތުރު ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ސައުތެމްޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ސައުތެމްޓަނުގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. ސައުތެމްޓަނުން ލީޑު ނެގި ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޕައުލް ޕޮގްބާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، އެ ޓީމުން ދެން ލީގުގައި މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އަދި އާސެނަލް އަތުން މޮޅުވި ޗެލްސީން ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.