ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގަން އެ ޓީމުގެ ފޯވާޑް މާޓިން ބްރެތުވެއިޓަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރޭގައި ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މެޗުގެ ވަނަ މިނެޓުގައި ބިލްބާއޯގެ އޮއިޔާން ސަންސެޓް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ލީޑު ނަގާފައެވެ. އިކާ މުނިއައީން ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނީގޯ މާޓިނޭޒެވެ.
އެކަމަކު މެޗުގެ 75 ވަނަ މިނެޓުގައި ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ސާޖީ ރޮބާޓޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޑިޕާއިއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ބާސާއިން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އެރިކް ގާސިއާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ކާޑު ދެއްކީ ބިލްބާއޯގެ އިނާކީ ވިލިއަމްސްއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި މެޗުން ބާސާ އެއްވަރުވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މިދިޔަ ހަފުތާގައި ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެފައެވެ. ލީގުގައި ބާސާއިން ދެން މެޗެއް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ބާސާ ނުކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ.