އަފްޣާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން ކާބުލްގެ އެއަރޕޯޓަށް ދިޔުމާމެދު ވަކި އެއްޗެއް އަންގަންދެން އެއަރޕޯޓަށް ނުދިޔުމަށް އެމެރިކާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައިފަހުން ހަފްތާއެއް ވާން ކައިރިވެފައިވާއިރު އެތައް ހާސް ބަޔަކު އަންނަނީ އަފްޣާނިސްތާން ދޫކޮށް ދިޔުމަށް މަސައްކަތްކުރަމުންނެވެ. އެއާއެކު ކާބުލްގެ އެއަރޕޯޓަށް ދާން އޮންނަ މަގުތަކާއި އެއަރޕޯޓް ވަނީ ތޮއްޖެހިފައެވެ. އަދި ޠާލިބާނުން އަންނަނީ އެކި ހިސާބުތަކުގައި ޗެކްޕޮއިންޓްތައް ހަދައިގެން މީހުން ޗެކްކުރުމުގެ ކަންކަން ކުރިޔަށް ގެންދަމުންނެވެ.
އެމެރިކާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް މިގޮތަށް އިރުޝާދު ދީފައިމިވަނީ ޠާލިބާންގެ ކޯ ފައުންޑަރ މުއްލާ ބިރާދަރު، އައު ސަރުކާރު އެކުލަވާލުމުގެ ވާހަކަތައް ދެއްކުމަށް ހޮނިހިރު ދުވަހު ކާބުލްއަށް ދިޔަތަނާ ވެސް މެއެވެ.
އެއަރޕޯޓް ހިމެނޭ ސަރަހައްދުގައި މީހުން ތޮއްޖެހިފައިވާއިރު ޠާލިބާނުން އަންނަނީ އެއްވެސް ޑޮކިޔުމެންޓެއް ނެތި އުޅޭ މީހުން އަނބުރާ ގެއަށް ދިޔުމަށް އަންގަމުންނެވެ. އާދިއްތަ ދުވަހުގެ ފަހުން މިހާތަނަށް 12 މީހަކު ރަންވޭގައި މަރުވެފައިވާކަމަށް ޠާލިބާނުންނާއި ނޭޓޯގެ އޮފިޝަލުން ވަނީ ބުނެފައެވެ.
އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ކާބުލް އެއަރޕޯޓްގެ ގޭޓް ކައިރީގައި ސެކިޔުރިޓީ ބަލަހައްޓަމުން އަންނައިރު ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް އެމެރިކާ ރައްޔިތުންނަށް އެއަރޕޯޓަށް އައުމަށް އަންގަންދެން އެއަރޕޯޓަށް ނައިސް ތިބުމަށް އެދޭކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވާގޮތުގައި ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭގައި އެމެރިކާގެ 2500 މީހުން ވަނީ އަފްޣާނިސްތާނުން ބޭލިފައެވެ. އަދި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ކޮންމެ ރައްޔިތަކު އެގައުމުން ބޭލެންދެން އެމަސައްކަތްކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އެކަމުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް އައިއިރު އެމެރިކާއަށް 17000 މީހުން އަފްޣާނިސްތާނުން ބޭލިފައިވާކަމަށާއި އޭގެތެރޭގައި 2500 އެމެރިކާ މީހުން ހިމެނޭ ކަމަށް ޕެންޓަގަންގެ މޭޖަރ ޖެނެރަލް ވިލިއަމް ޓޭލަރ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ކާބުލްގައި ތިބީ އެމެރިކާގެ ކިހާ ރައްޔިތުންނެއްކަމެއް ސާފުނުވާކަމަށް ވެސް ޕެންޓަގަން އިން ވަނީ ބުނެފައެވެ.
އަނެއްކޮޅުން އެއަރޕޯޓް ހުންނަ ސަރަހައްދުގައި ކާރުބާރު ބޮޑުވުމުގެ ސަބަބުން ހޮނިހިރު ދުވަހު ކާބުލް އެއަރޕޯޓަށް ދިޔުމަށް ހަމަޖެހިފައިވާ ސްވިޒެލެންޑްގެ ޗާޓަރ ފްލައިޓެއް ވަނީ ކާބުލް އެއަރޕޯޓަށް ދިޔުން ފަސްކޮށްފައެވެ.
އެކަމާ ގުޅިގެން ސްވިސްގެ ފެޑެރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއަރޒުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާބުލް އެއަރޕޯޓް ހުންނަ ސަރަހައްދުގެ ސެކިޔުރިޓީ ކަންކަން ފާއިތުވި ގަޑިއިރުތަކުގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވުމާއި ހަމަނުޖެހުންތަކަށް މަގުފަހިވާފަދަ ކަންކަން ހިނގަމުންދާކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.