ކުރިއަށް އޮތް ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ގާތު ބުނެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ނުވަ އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ. އެކަމަކު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ރެއާލަށް އަލުން ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެލެގްރީ ބުނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ރޮނާލްޑޯ ނުގެންގުޅޭ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ރޮނާލްޑޯ އޭނާ ގާތު ބުނެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެލެގްރީ މިހެން ބުނިއިރު، ދާދި ފަހުން ރޮނާލްޑޯވެސް ވަނީ ރެއާލުގެ ޓްރާންސްފާއާ ގުޅޭ ވާހަކަތަކަށް ރައްދުދީފައެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ރޮނާލްޑޯ ބުނީ އޭނާގެ މުސްތަގުބަލާ މެދު ހިތުހުރި ގޮތަކަށް ލިޔާ ކަމަށާއި، އޭގެ ސަބަބުން އެ ލިޔުންތައް އަމާޒުވާ ކުލަބުތަކާއި އޭނާއަށްވެސް އޭގެ އަސަރުކުރާ ކަމަށެވެ. އަދި ރެެއާލާ ގުޅުވައިގެން ދައްކާ ވާހަކަތަކާ ބެހޭގޮތުން ބުނީ އެ ކުލަބުގައި އޭނާ ކުރި މަސައްކަތް ވަރަށް ރަނގަޅަށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެ ވާހަކަތަކާ ގުޅިގެން ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ރޮނާލްޑޯއަށް އަބަދުވެސް އިޚުތިރާމުކުރާ ކަމަށާއި، އެކަމަކު ރެއާލުން ރޮނާލްޑޯ ގެންނަން މި ވަގުތު މަސައްކަތް ނުކުރާ ކަމަށެވެ.
ޔުވެންޓަސްއަށް 2018 ވަނަ އަހަރު ރޮނާލްޑޯ ގެނައީ އަލެގްރީ ކޯޗުގެ މަގާމުގައި ހުއްޓައެވެ. އެކަމަކު މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް އަންދްރެއާ ޕިރްލޯ އިރުޝާދުދިން ނަމަވެސް، ޔުވެންޓަސްއިން ވަނީ ޕިރްލޯ ވަކިކޮށް އެ ޓީމުގެ ކޯޗުގެ މަގާމާ އަލުން އެލެގްރީ ހަމަޖައްސާފައެވެ.
ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ރޮނާލްޑޯއަށް އަދި މިހާތަނަށް ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.
އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 133 މެޗުގައި 101 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.