ކ. މާލެ
|
21 އޯގަސްޓް 2021 | ހޮނިހިރު 07:34
އިންޑިޔާގެ މުމްބާއީގައި ކޮވިޑް ވެކްސިން ޖަހަން ބޭނުންކޮށްފައިވާ ސިރިންޖްތަކެއް ޑަސްބިނަށް ލާފައި
އިންޑިޔާގެ މުމްބާއީގައި ކޮވިޑް ވެކްސިން ޖަހަން ބޭނުންކޮށްފައިވާ ސިރިންޖްތަކެއް ޑަސްބިނަށް ލާފައި
ރޮއިޓަރސް
ޑީއެންއޭ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ
ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި
 
މިވެކްސިން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ހުރީ 66.6% ގައި
 
މިވެކްސިންގައި ތިން ޑޯޒް ޖަހާ
 
އުމުރުން 12 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ޖެހޭނެ

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން ކަމުގައިވާ ޒައިޑަސް ކަޑައިލާ އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފިއެވެ.

އުމުރުން 12 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ޖެހޭނެއެވެ. މިވެކްސިން ޖެހުމުގެ ހުއްދަ އިންޑިޔާގެ ޑްރަގް ރެގިޔުލޭޓަރ އިން ދީފައިމިވަނީ އެގައުމުގައި ކުރިޔަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމް ހަލުވިކުރުމުގެ ގޮތުންނެވެ. އިންޑިޔާއިން މަސައްކަތްކުރަމުން އަންނަނީ ޑިސެމްބަރ މަސް އަންނަންވާއިރަށް އެގައުމުގައި ވެކްސިން ޖަހަންޖެހޭ އެންމެންނަށް ވެކްސިން ޖެހުމަށެވެ. އަދި ޑިސެމްބަރ މަސް އަންނަންވާއިރު އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް މަދުވެގެން އެއް ޑޯޒް ޖެހުމަށް އިންޑިޔާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮވިޑްގެ އެހެން ވެކްސިން ތަކާއި ޚިލާފަށް ޒައިޑަސް ވެކްސިންގައި ތިން ޑޯޒް ޖަހަންޖެހެއެވެ.

މިވެކްސިން އުފައްދަމުން އަންނަ ކަޑައިލާ ހެލްތް ކެއަރ އިން މަސައްކަތް ކުރަމުން އަންނަނީ އަހަރެއްގެ މައްޗަށް 100 މިލިއަނާއި 120 މިލިއަނާ ދެމެދުގެ ޑޯޒް އުފެއްދުމަށެވެ. މިވެކްސިން އުފައްދާފައިވަނީ އިންޑިޔާގެ ޑިޕާޓްމަންޓް އޮފް ބައޯޓެކްނޮލޮޖީ އާއި ޒައިޑަސް ގުޅިގެންނެވެ. އަދި މިއީ އިންޑިޔާގެ ބަހާރަތް ބައޯޓެކުން އުފެއްދި ކޮވެކްސިން އަށްފަހު އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ކޮވިޑްގެ ދެ ވަނަ ވެކްސިނެވެ.

މިވެކްސިން އުފައްދާފައިވާ ކުންފުނިން ޖުލައި މަހު ހާމަކޮށްފައިވާ ގޮތުގައި މިވެކްސިން ކޮވިޑް ވައިރަސް އާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރެއެވެ. ވަކިން ޚާއްސަކޮށް ކޮވިޑްގެ އެކި މިޔުޓޭޝަންތަކާއި ދެކޮޅަށް މިވެކްސިން މަސައްކަތްކުރާ މިންވަރު ރަނގަޅުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކުންފުނިން ވަނީ 28،000 ވޮލަންޓިއަރުންނަށް ވެކްސިން ދީގެން ވެކްސިންގެ ކާމިޔާބު މިންވަރު ބެލުމުގެ ދިރާސާތައް ކުރިޔަށް ގެންގޮސްފައެވެ. މިދިރާސާތަކުން އެނގިފައިވާ ގޮތުގައި މިވެކްސިން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ހުރީ 66.6 އިންސައްތައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް