ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 14:59
ފުލުހުންގެ ލެބްގައި ރަޔާން މަސައްކަތް ކުރަނީ،
ފުލުހުންގެ ލެބްގައި ރަޔާން މަސައްކަތް ކުރަނީ،
ޕޮލިސް
އޯލެވެލް އިމްތިހާނުގައި ރަޔާން ހޯދި ކާމިޔާބީ
ކެމިސްޓްރީން އޭ ސްޓާ ހޯދި 10 އަހަރުގެ ރަޔާންއަށް ފުލުހުންގެ ތައުރީފް!
 
ރަޔާންގެ ހޯދި ކާމިޔާބީއަކީ އެންމެން ވެސް ފަހުރުވެރިވާފަދަ ކާމިޔާބީއެއް
 
ތައުލީމު ހާސިލްކުރަމުންދަނީ ހުރަވީ ސްކޫލްގެ ގްރޭޑް 5 ގައި
 
ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދީފައިވޭ

އުމުރުން އެންމެ 10 އަހަރުގެ ރަޔާން ރިޔާޒް އަބްދުލް ވާހިދު އައިޖީސީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާއެއް ހޯދުމުން ރަޔާންއަށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފިއެވެ.

ހުކުރު ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖީނިއަސް ރަޔާންއަށް ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ. ރަޔާންގެ މަސައްކަތައް ހިތްވަރުދީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައިލުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ލެބޯޓްރީގެ ބައެއް މަސައްކަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދީފައިވާއިރު، ރަޔާން ހޯދި ކާމިޔާބީއަކީ އެންމެން ވެސް ފަހުރުވެރިވާފަދަ ކާމިޔާބީއެއް ކަމަށް ފުލުހުން ސިފަކޮށްފައިވެއެވެ.

ހއ. އިހަވަންދޫއަށް ނިސްބަތްވާ ރަޔާން މިވަގުތު ތައުލީމު ހާސިލްކުރަމުންދަނީ ހުރަވީ ސްކޫލްގެ ގްރޭޑް 5 ގައެވެ.

ރަޔާންގެ ކާމިޔާބީއާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަދައްކަމުން ރަޔާންގެ މަންމަ އައިޝަތު ޔުމްނާ ބުނީ ރަޔާނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށެވެ. ރަޔާނަކީ ވަރަށް ތަފާތު ޚާއްސަ ހުނަރުތަކެއް ލިބިފައިވާ ކުއްޖެއްކަން ފާހަގަކޮށް ރަޔާންގެ މަންމަ ބުނީ ސައިންސްގެ ކަންކަން ދެނެގަތުމަށް ރަޔާންގެ ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ފޮތް ކިޔުމާއި، އިތުރު ކަންކަން ދެނަގަތުމުގެ ޝައުގުވެރިކަން ހުންނަކަމަށާއި ގްރޭޑް 1 އިން ފެށިގެން ވެސް ސައިންސަށް ޚާއްސަ ޝައުގުވެރިކަމެއް ހުރިކަން ޔުމްނާ ފާހަގަކުރިއެވެ. ކެމިސްޓްރީއަށް ޝައުގުވެރިކަން ފާޅުކުރަންފެށީ ގްރޭޑް 3 ހިސާބުން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ރަޔާން މަންމަ އަކީ ކެމިސްޓްރީ ޓީޗަރަކަށް ވާއިރު ސައިންސްގެ ކަންކަން އެނގުމަށް ރަޔާންގެ ޝައުގުވެރިކަން ހުންނަ ވަރުން ދޭތެރެ ދޭތެރެއިން ބައެއް އެއްޗެހި ކިޔަވައިދޭކަމަށް ޔުމްނާ ބުނެފައިވެއެވެ. އޭނާ ގެންގުޅޭ ފޮތްތައް ވެސް ރަޔާން ކިޔައި އުޅޭކަން ފާހަގަކުރިއެވެ. ރަޔާންގެ ޝައުގުވެރިކަން ކެމިސްޓްރީއަށް ދިޔައީ އެހިސާބުން ކަމަށް ވެދާނެ ކަމަށް އޭނާގެ މަންމަ ބުންޏެވެ. ރަޔާންގެ ޝައުގުވެރިކަން ކެމިސްޓްރީއަށް ދިޔަ ހިސާބުން އޭނާ އަމިއްލައަށް އިތުރު ކަންކަން ބަލައި ދިރާސާކޮށް، ކެމިސްޓްރީއާ ގުޅުންހުރި އިތުރު ކަންކަން ދެނެގަތުމަށް މަސައްކަތްކޮށްފައިވާކަމަށް ޔުމްނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
10%
90%
0%
0%
0%
0%
ކޮމެންޓް