ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 13:22
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ،
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ،
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ޒިނޭއާ ދުރުވޭ، އެއީ މުޖުތަމައު ފަސާދަވެދާނެ ސުންޕާ ކަމެއް: ޚުތުބާ
 
އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް
 
ކައިވެނީގެ އިމުގެ ތެރެއިން، މާތް ﷲ ރުހިވޮޑިގެންވާމަގުން ކަންކަން ކުރުމަށް ވަނީ ގޮވާލާފައި
 
ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ

އިސްލާމް ދީނުގައި ޒިނޭއާ ދުރުވުމަށް އަންގާފައިވަނީ އޭގެ ސުންޕާކަމުގެ ސަބަބުން ކަމަށާއި، އެއީ މުޖުތަމައު ފަސާދަވެގެންދާނެ ކަމެއް ކަމަށް ޚުކުރު ޚުތުބާގައި ބުނެފިއެވެ.

''ފާހިޝް އަމަލުތަކާ ދުރުހެލިވާށެވެ'' މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށާއި، އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާގެ އަތުން ކޮށް އުޅޭ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފުސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފުކޮށް ތާހިރު ކޮށްފި ނަމަ، އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާ ނަމަ، މުޖުތަމައު އިސްލާހުވެ، ބަލިތަކާ ދުރުވެ، ސިއްހަތަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. މާނައީ: މީސްތަކުންގެ އަތްތަކުން ހޯދައިގަތްކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރިބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢުވުމަށްޓަކައެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިންސާނަކަށް ވީތީ އޭނާގެ ކިބައިގައި ލައްވާފައިވާ ބޭނުންތަކާއި ޣަރީޒާ ތަކެއްވާ ކަމަށާއި، އެ ކަންކަމަށް އިޖާބަދޭނެ ޝަރުއީ ގޮތްތައް، މާތް ﷲ ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ޝަރުއީ ކައިވެނި ކަމަށާއި، އެއީ ޞއްޙަ ރައްކާތެރި ގޮތުގައި، ޖިންސީ ޣަރީޒާ ޙާސިލުކުރުމަށް ހަމަޖައްސަވާފައިވާ މަގު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ ބައެއް ފާފަތަކާ ގާތް ވެސް ނުވުމަށް މާތް ﷲ އަންގަވާފައިވަނީ، އެކަމުގެ ނުބައިކަމާއި، ދެ ދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުން ބޮޑުކަމުން ކަމަށެވެ.

ޚުތުބާގައި ބުނީ އެއްޗަކާ ގާތް ނުވާން ބުނެ އުޅެނީ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމަ ކަމަށާއި، ޒިނޭއާ ދުރުވުމަށް އަންގަވާފައި ވަނީ ވެސް އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމައު ފަސާދަވެ، ނަސްލު އޮޅުންބޮޅުންވާނެތީ ކަމަށެވެ. އަދި އީމާންކަން ނިގުޅައިގެން ދާނެކަމެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ. ކައިވެނިކުރުން ހުއްދަ ކޮށްފައިވާއިރު، ކައިވެނީގެ އިމުގެ ތެރެއިން، މާތް ﷲ ރުހިވޮޑިގެންވާމަގުން ކަންކަން ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާ މެދު ވިސްނާލާއިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށާއި، މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ، އިންސާނުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ. ޚުތުބާގައި ބުނީ ފާހިޝް އަމަލުތައް ބައެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ، ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރާ ބަލިމަޑުކަމާއި ވަބާތައް އެ ބަޔެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ނުބައި އަމަލު ހިންގި އުއްމަތްތަކަށް ވެގެންދިޔަ ގޮތް، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާއިރު، އެ ވާހަކަތަކުން ޢިބުރަތް ލިބިގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ ނުރައްކާތެރި ބަލިތަކާއި ވަބާތަކާއި، ބޮޑެތި އަހުލާގީ ކުށްތަކުން މުޖުތަމައު ސަލާމަތް ވާނީ، އިސްލާމްދީނުގެ އިންތަކުގައި ހިފަހައްޓައިގެން ކަމަށާއި، ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުން އިސްލާމްދީނުގައި މަނާ ކޮށްފައިވަނީ ފާފަވެރިވުމުގެ އިތުރުން އެކަންކަމުގެ ސަބަބުން ދިމާވާ އިޖުތިމާއީ، އަހުލާގީ މައްސަލަތަކާއި، ނުރައްކާތެރި ވަބާތަކާއި، ބަލިތަކުން ވެސް ފަރުދުންނާއި މުޖުތަމައު ރައްކާތެރި ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ރަޙިމުގެ ކެންސަރާއި، ލަދުވެތި ގުނަވަންތަކަށް ޖެހޭ ކިހުނު ބަލި ފަދަ ނުރައްކާތެރި އެތައް ބަލިތަކެއް ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެ ފަދަ ބައެއް ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކު ކޮށްލާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބޭސް ކުރިޔަސް ޝިފާ ލިބުން ލަސްވެ، ގުނަވަންތައް ހަލާކުވެ، އެންމެ ފަހުން މަރާ ކުރިމަތިލާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމް ދިވެހި މުޖުތަމައުގައި ދެ ޖިންސުގެ މީހުން ހިމެނޭ ގޮތަށް، އެކި ނަންނަމުގައި ހަށި ވިއްކުމުގެ ހަރާމް ވިޔަފާރި ހިންގާ ބަޔަކު އުޅޭ ކަމީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިން ބައިވެރިކޮށް އެކުދިންނަށް ޖިންސީ ގޯނާ ކުރާކަން ވެސް ފާހަގަ ކުރެވޭއިރު، މިފަދަ ފާހިޝް އަމަލުތައް އާއްމުވުމުން މާތް ﷲ ގެ ކޯފާއާއި، އަޒާބު އައި ގޮތާމެދު ވިސްނައި، ފާހިޝް އަމަލުތަކާ ދުރުހެލިވެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގަށް، ދިރިއުޅުން ބައްޓަން ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި ނުރައްކާތެރި ވަބާއިން ޒުވާނުންނާއި، މުޅި މުޖުތަމައު ސަލާމަތް ކުރުމަކީ، މައިންބަފައިންނާއި މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި، ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން، ޒުވާނުންނާއި، މުޖްތަމައު މި ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް، އާ ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
ފިކުރީ ހަނގުރާމާގައި ޒުވާނުންގެ ސިކުނޑިއަށް ކަލަކު ވޮޑިގެންނުވާކަން ވިސްނައިދިނުމަށް ދަނީ މަސައްކަތްކުރަމުން: ޚުތުބާ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ