ދަރަނި ކުޑަކުރަން ބާސެލޯނާއިން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ތިން ކުޅުންތެރިއަކު ވިއްކާލަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ މި ވަގުތަށް ބަލާއިރު ބާސެލޯނާގެ ދަރަންޏަކީ 1.35 ބިލިޔަން ޔޫރޯ ކަމަށް ވިދާޅުވެފައެވެ. އަދި ބާސާ މުސާރައިގެ ޖުމްލަ އަދަދު އުޅެނީ ލިބޭ އާމްދަނީއާ ބަލާއިރު 103 އިންސައްތައިގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ލަޕޯޓާ ބާސާއާ ހަވާލުވިއިރު އެ ކުލަބު ވަނީ މާލީގޮތުން އަޑިއަޅާލާފައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މާލީ ހާލަތު އޮތްގޮތުން ބާސާއަށް ޖެހުނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އެއްބަސްވުން އާނުކޮށް އޭނާ ދޫކޮށްލާށެވެ. އަދި މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގައި ބާސާއަށް ބަދަލުވި މެމްފިސް ޑިޕާއި އާއި، އެރިކް ގާސިއާގެ އިތުރުން ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު އަލްބޭނިއާގެ ރޭއި މަނާޖް ސްޕެނިޝް ލީގުގައި ރަޖިސްޓްރީކުރަން މަގުފަހިވީ ފަހު ވަގުތު އެ ޓީމުގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން އަންނަނީ އެ ޓީމުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ޕްލޭންތަކެއް ހަދަމުންނެވެ. އެގޮތުން މިހާރު އޮތް ދަރަނި ކުޑަކުރަން ބްރެޒިލުގެ ތަރި ފިލިއްޕޭ ކުޓީނިއޯ އާއި، ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް އަދި ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީ ވިއްކާލަން ބާސާއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ކުޅުންތެރިން ވިއްކާލައިގެން 200 މިލިޔަން ޔޫރޯ ހޯދުމަށްވެސް ބާސާއިން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ބާސާއިން އެ ޓީމުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުން އަންނައިރު، މީގެ ކުރިން މެސީ ވަނީ އޭނާގެ މުސާރަ 50 އިންސައްތައިން ކުޑަކޮށް އެއްބަސްވުން އާކުރުމަށްވެސް ނިންމާފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށް ބާސާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މެސީ ބާސާ ދޫކޮށްލީ ބައެއް ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްނުވެގެން ކަމަށް ބުނެ، މީގެ ކުރިން ބާސާގެ ބައެއް ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ ދެކޮޅަށް ޝުއޫރުފާޅުކޮށްފައެވެ. އެގޮތުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި އުމްޓީޓީ ހިމެނެއެވެ.
ބާސާއިން ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން މަސައްކަތްކުރަމުން އަންނައިރު، މުސާރަ އާއި ބޯނަހުން ވަކި އަދަދެއް އުނިކުރަން ޕީކޭގެ އިތުރުން އެ ޓީމުގެ އަނެއް ތިން ކެޕްޓަނުން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި، ސާޖީ ރޮބާޓޯ އަދި ޖޯޑީ އަލްބާވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.