ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 17:16
ރާއްޖޭގެ އުއްމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން
ރާއްޖޭގެ އުއްމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން
އެތްލެޓިކްސް އެސޯސިއޭޝަން
ހިމްނާ ގައުމީ ރިކޯޑު އާކުރުން
400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހިމްނާ އާކޮށްފި
ހިމްނާ ގައުމީ ރިކޯޑު އާކުރީ 0.28 ސިކުންތުގެ ކުރިއެރުމަކާއެކު
ހިމްނާ ރިކޯޑު އާކުރީ 58.90 ސިކުންތުން ރޭސް ނިންމައިގެން

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އުއްމީދީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އާކޮށްފިއެވެ.

އަމިއްލަ ރިކޯޑު އުމުރުން 19 އަހަރުގެ ހިމްނާ އާކޮށްފައިވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައެވެ. ބުދަ ދުވަހު ކުރިއަށްދިޔަ ރޭހުގެ ހީޓް ދޭއްގައި ހިމްނާ ވާދަކުރިއިރު، އޭނާ ރޭސް ނިންމާފައިވަނީ 58.90 ސިކުންތުންނެވެ. މީގެ ކުރިން ހިމްނާ މި ރިކޯޑު ހަދާފައިވަނީ 2019 ވަނަ އަހަރު އޮތް އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައެވެ. އެ ފަހަރު އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ. އެހެންކަމުން ހިމްނާ ގައުމީ ރިކޯޑު އާކޮށްފައިވަނީ 0.28 ސިކުންތުގެ ކުރިއެރުމަކާއެކުއެވެ.

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހިމްނާ އާކުރިއިރު، މިއީ މި ރިކޯޑު އޭނާ އާކުރި ތިންވަނަ ފަހަރެވެ. އެގޮތުން 2019 ވަނަ އަހަރުގެ ކުރިން 2018 ވަނަ އަހަރު އޭނާ ވަނީ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މީގެ އިތުރުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑުވެސް ގާއިމުކޮށްފައެވެ.

މި ފަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ހިމްނާ ވާދަކުރިއިރު، އޭނާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ބައިނަލްއަގުވާމީ ނުވަ މުބާރާތެއްގައި ހިމްނާ ވާދަކުރިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އެއީ 2018 ވަނަ އަހަރު ފިންލެންޑުގައި ކުރިއަށްދިޔަ މުބާރާތެވެ. މީގެ އިތުރުން ހިމްނާ ވަނީ 2019 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ހިމްނާ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ ދުވުމުގެ އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ ބޮޑު ގޭމްސްއެއްގެ އިވެންޓެއްގެ ފައިނަލުން ހިމްނާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

- ކޮމެންޓް