ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 08:25
އެއްބަސްވުމައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ޔޫރަޕިއަން ޔޫނިއަންއިން އެހީވުން
އީޔޫއިން ރާއްޖެއަށް ގްރާންޓުގެ ގޮތުގައި 2 މިލިއަން ޔޫރޯ ހަދިޔާކުރަނީ
 
ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތްތަކަށް އިސްކަންދޭނެ
 
0.6 މިލިއަން ޔޫރޯ ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށް
 
1.4 މިލިއަން ޔޫރޯ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅިފައިވާ ދާއިރާތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ''އީޔޫ ސަޕޯޓް ފޯ ރޯޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން މޯލްޑިވްސް'' ޕްރޮޖެކްޓަށް ގްރާންޓުގެ ގޮތުގައި 2 މިލިއަން ޔޫރޯ ހަދިޔާކުރުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު ބޭއްވި ހަފްލާގައި މި ޕްރޮޖެކްޓް އެގްރިމަންޓްގައި ސޮއި ކުރައްވާފައިވަނީ ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޑެނިސް ޗައިބީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މަނިކެވެ.

މިޕްރޮޖެކްޓުގެ މަޤްސަދަކީ ކޮވިޑު-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިޕްރޮޖެކްޓުގެ ދަށުން 1.4 މިލިއަން ޔޫރޯ، ހިލޭ އެހީގެ ގޮތުގައި ކަނޑައެޅިފައިވާ ދާއިރާތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 0.6 މިލިއަން ޔޫރޯ ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. ވިޔަފާރީގެ ހިންގުމާއި، ފައިނޭންޝަލް މެނޭޖްމަންޓް، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުން އަދި ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކޮށް 'ނިއުނޯމަލް' އަށް ރުޖޫއަވުމަށް ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްގެ ޒަރިއްޔާއިން ފަރުމާ ކުރެވިގެންދާ އޮންލައިން ޓްރެވަލް އެޖެންސީގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ ފައިދާތައް ރާއްޖޭގެ އިގުތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް އެހީތެރިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޝްތިހާރު ވެގެންދާނެ ކަމަށެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިންގުމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މިފަދަ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް މާލީ އެހީތެރިކަމަށް ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މި ސިނާއަތުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ގެސްޓްހައުސްތަކާއި ސަފާރީ އޮޕަރޭޓްކުރާ ފަރާތްތައް ހިމެނޭ ކަމަށާއި، އަދި މިފަދަ ކުދި ވިޔަފާރިތަކުން އިޤްތިޞާދީ ދަތި ހާލަތްތަކަށް ތައްޔާރުވެ ފައިސާ ރައްކާކުރެވިފައި ނުވާއިރު، ސަރުކާރުން ފަހިކޮށްދީފައިވާ ރިލީފް ޕްރޮގްރާމްގެ އިތުރުން، ފަސޭހައިން ފައިނޭންސް ލިބޭނެގޮތްތައް ހަމަޖެހިފައި ނުވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ އީޔޫއިން ފަންޑް ކުރާ މިޕްރޮޖެކްޓް ފަރުމާކުރެވިފައިވަނީ، ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތްތަކަށް އިސްކަންދީގެން ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން 600 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮވިޑު-19 ގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ވިޔަފާރި އަލުން އާރާސްތުކުރުމަށް އެހީތެރިވެދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން އޮޕަރޭޓް ކުރުމުގެ ސައްހަ ލައިސެންސެއް ޑިސެމްބަރު 2019 ނުވަތަ ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020 ގައި އޮތް ފަރާތްތަކަށް މި އެހީއަށް އެދި ހުށަހެޅުމަށް ޝަރުތުހަމަވާނެއެވެ.

މިޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އީޔޫ އަކީ ޒަމާނުއްސުރެ ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވެދޭ ބައިވެރިއެއް ކަމަށެވެ. އަދި މި ލިބުނު އެހީތެރިކަމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރެވޭނެ ކަަމަށެވެ.

މި ޕްރޮގްރާމްގައި ހިމެނޭ އޯޓީއޭ ސިސްޓަމް ވެގެންދާނީ ގިނަ ދުވަސްވީ އިންތިޒާރަކަށް ފަހު މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަލަށް ގުޅޭ ފަރާތްތަކަށް ނުހަނު ފައިދާ ހުރިމަސައްކަތަކަށް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

އީޔޫގެ ފަރާތުން އެމްބެސެޑަރ ހިޒް އެކްސެލެންސީ ޑެނިސް ޗައިބީ ވިދާޅުވީ އީޔޫ އިން ރާއްޖޭގެ ސަރުކާރާ ގުޅިގެން ގައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު ހިއްސާ އޮންނަ ފަތުރުވެރިކަމުގެ ދާއިރާއަށް، ފެންޑަމިކްގެ ސަބަބުން ދަތުރުކުރުން މަނާވެގެން ދިޔުމުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތް ތަކުގައި ބައިވެރި މިވަނީ އުފަލާ އެކު ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބައެއް ބައިތައް މިހާލަތުން އަރައިގަނެފައިވާއިރު، އަދިވެސް ބައެއް ބައިތައް ވަނީ މިކަމުން އަރައި ނުގަނެވިފައި. އަޅުގަނޑުމެން ގެސްޓްހައުސް އަދި ސަފާރީ އުޅަނދު ހިންގާ ވިޔަފާރީތަކަށް އިސްކަންދިނުމުގެ ބޭނުމަކީ ރާއްޖޭގެ މުޖުތަމަޢަށް ސީދާ ގޮތުން މަންފާ ކުރާނެ އަދި ޚާއްޞަކޮށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރިތަކަށް މިއެހީގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރުން. މިގޮތުން ކުރިއަށް ގެންދާ ކަންކަމަކީ ދެމެހެއްޓެނިވި، ތިމާވެއްޓަށް އަމާޒުކުރެވޭ، އަދި ޓޫރިސްޓުންނަށް ރާއްޖޭގެ ތަފާތު އަދި މުއްސަނދި ސަޤާފަތް ހާމަވެގެންދާނެ ފުރުޞަތުތަކަށް ވެގެންދާނެ
އެމްބެސެޑަރ ހިޒް އެކްސެލެންސީ ޑެނިސް ޗައިބީ

މި އެހީއަކީ އީޔޫގެ ފަރާތުން ކޮވިޑު-19 އާ ގުޅިގެން ރާއްޖެއަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން ހިމެނިގެންދެވޭ އެހީއެކެވެ. އެގޮތުން ދީފައިވާ އެހީތަކުގެ ތެރޭގައި، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދު މިހާރުއޮތް ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދީފައިވާ 20 މިލިއަން ޔޫރޯގެ ލޯނާއި، ސިއްހީ ދާއިރާއަށް ޚާއްސަކޮށް ފޯރުކޮށްދިން 1 މިލިއަން ޔޫރޯގެ ހިލޭ އެހީ ވެސް ހިމެނެއެވެ. އަންގާރަ ދުވަހު އިފްތިތާހުކުރި މި ޕްރޮޖެކްޓަކީ އީޔޫގެ ފަރާތުން މިވަގުތު ހިންގަމުންދާ އެހެން ޕްރޮޖެކްޓްތަކާ ގުޅިފައިވާ އެފަދަ ޕްރޮޖެކްޓްތަކަށް ބާރުދޭ ޕްރޮޖެކްޓެކެވެ. އެގޮތުން ޓޫރިޒަމް ސެކްޓަރުން ކަނޑަށް ދޫކުރާ ކުނި މަދުކުރުމުގެ ގޮތުން ހިންގޭ ޕްރޮޖެކްޓް، ސްވިޗް އޭޝިޔާ ޕްރޮގްރާމް "ޕްރޮމިސް" (3މިލިޔަން ޔޫރޯ) އާއި މި ޕްރޮގްރާމްއާ ގުޅިގެން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަކީ ދިވެހި ސަރުކާރު 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިޤްތިޞާދީ ކުރިއެރުމަށް ހިންގާ ޚާއްސަ ޕްރޮޖެކްޓްތަކުގައި މިކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް