ކ. ތުލުސްދޫގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި އެއްކޮށް ހުއްޓިފައިވާތީ އެ އޮފީސް ބަންދުކޮށްފިއެވެ.
ކަސްޓަމްސްއިން ބުނީ ތުލުސްދޫގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމުކުރެވިފައިވަނީ، ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުންދިއުމާ ގުޅިގެން މަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް އެ ޚިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް، މި ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްގީކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ޚިދުމަތް ހޯދުން އިތުރުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން އެއްގޮތަކަށް ވެސް ޚިދުމަތް ނުހޯދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެރަށުގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި އެއްކޮށް ހުއްޓިފައިވާކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ އެކްސްޕޯރޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ ކަމާގުޅޭ އެހެނިހެން ރަސްމީ އިދާރާތައް ވެސް މިހާރު ތުލުސްދޫގައި ގާއިމުވެ ޚިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ ތުލުސްދޫގައި މަސައްކަތް ކުރަމުންއައި އޮފިސަރުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ދެވޭނީ ކަސްޓަމްސްގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގެމަތީން ފޯރުކޮށްދެމުންދާ އޮފީހެއްގައި ޚިދުމަތްކުރެވިގެން ކަމުގައިވާތީވެ، އެ އޮފީހުގައި މަސައްކަތްކުރަމުން އައި އޮފިސަރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން، އެހެން ސެކްޝަންތަކަށް ބަދަލުކުރެވިފައި ކަމަށެވެ.
ތުލުސްދޫގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސް ބަންދުކޮށްފައިވަނީ އޮގަސްޓް 15ވީ އާދިއްތަ ދުވަހު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެ ފަރާތްތަކުގެ ލަފާގެ މަތިންނެވެ. އަދި އިމްޕޯރޓް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާކަން ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.