ކ. މާލެ
|
17 އޯގަސްޓް 2021 | އަންގާރަ 16:20
ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ
ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ
ގެޓީ އިމޭޖަސް
ބާސާގެ ދަރަނި ބޮޑުވުން
ބާސާގެ ދަރަނީގެ ގޮތުގައި 1.35 ބިލިޔަން ޔޫރޯ
އެކި މީހުންނަށް ދޭން ޖެހޭ ފައިސާ ނުދައްކައި އެބަހުރި
މާލީ ހާލަތު އޮތްގޮތުން ބާސާއަށް މެސީ ދޫކޮށްލަން ޖެހުނު

މި ވަގުތަށް ބަލާއިރު ބާސެލޯނާގެ ދަރަންޏަކީ 1.35 ބިލިޔަން ޔޫރޯ ކަމަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާގެ ރައީސްގެ މަގާމާ ލަޕޯޓާ ހަވާލުވީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފަހަރު ބާސާގެ އިންތިޚާބު ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ކުލަބުގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ލަޕޯޓާ ބާސާއާ ހަވާލުވިއިރު އެ ކުލަބު ވަނީ މާލީގޮތުން އަޑިއަޅާލާފައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މާލީ ހާލަތު އޮތްގޮތުން ބާސާއަށް ޖެހުނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އެއްބަސްވުން އާނުކޮށް އޭނާ ދޫކޮށްލާށެވެ. އަދި މި ފަހަރު ބާސާއަށް އިތުރު ތިން ކުޅުންތެރިއަކު ރަޖިސްޓްރީކުރަން މަގުފަހިވީ ފަހު ވަގުތު އެ ޓީމުގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމުމުންނެވެ.

ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވީ މި ވަގުތަށް ބަލާއިރު ބާސެލޯނާގެ ދަރަންޏަކީ 1.35 ބިލިޔަން ޔޫރޯ ކަމަށެވެ. އަދި އެ ކުލަބު މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބާޓޮމެއު ކަމަށާއި، ބާސާގެ ރައީސްގެ މަގާމާ ހަވާލުވެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ 80 މިލިއަން ޔޫރޯގެ ލޯނެއް ނަގައިގެން ކުލަބުގެ މުވައްޒަފުންނަށް މުސާރަ ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ލަޕޯޓާ ވިދާޅުވީ ބާޓޮމެއުގެ ދައުރުގައި އެކި މީހުންނަށް ދޭން ޖެހޭ ފައިސާ ނުދައްކައި އެބަހުރި ކަމަށާއި، އެގޮތުން ބޭނުންނުހިފޭ ސްކައުޓުންނަށްވެސް ބާޓޮމެއު ބޭކާރު ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި ބާޓޮމެއު ވަނީ ދޮގު ހަދާފައި ކަމަށާއި، އޭނާ އަކީ މަކަރުވެރިއެއް ކަމަށްވެސް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި ބާޓޮމެއު ވިދާޅުވީ މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވައި، މިދިޔަ ސީޒަނުގެ ނިޔަލަށް ކުލަބުގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅު ކުރަން އޭނާ ޕްލޭން ކޮށްގެން ހުރި ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަންކަން އެހެން ނުވިނަމަ، މެސީއަށް ބާސާގައި މަޑުކުރެވޭނެ ކަމަށްވެސް ބާޓޮމެއު ވަނީ ވިދާޅުވެފައެވެ.

ބާސާގެ ރައީސްގެ މަގާމާ ދެވަނަ ފަހަރަށް ލަޕޯޓާ ހަވާލުވިއިރު، މާޗު މަހުގެ ތެރޭގައި ކަޓަލޯނިއާގެ ފުލުހުން ބާޓޮމެއު ހައްޔަރުވެސް ކުރިއެވެ. ބާޓޮމެއު ހައްޔަރުކުރިއިރު އޭނާގެ ދައުރުގައި ހަދާފައިވާ ގޯސްތައް ރަނގަޅުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ލަޕޯޓާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް