ރެއާލް މެޑްރިޑަށް ބަދަލުވާން ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އުމުރުން 22 އަހަރުގެ އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެމްބާޕޭގެ އުމުރުން 14 އަހަރުގައި އޭނާ ހޯދުމަށް ރެއާލުން ފުރަތަމަ މަސައްކަތް ކުރިއިރު، ދެވަނަ ފަހަރަށް މަސައްކަތްކުރީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރެވެ. އެކަމަކު 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.
ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ދާދި ފަހުން ޕީއެސްޖީން ވަނީ އެމްބާޕޭއަށް ހަ އަހަރުގެ އައު އެއްބަސްވުމެއް ހުށަހަޅާފައެވެ. އެކަމަކު ރެއާލަށް ބަދަލުވާން އެއްބަސްވުން އާނުކުރަން އެމްބާޕޭ ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އުމުރުން 34 އަހަރުގެ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ސޮއި ހޯދާފައެވެ. ރަސްމީކޮށް ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއަށް މެސީ ތައާރަފުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުލަބުގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިންވެސް ޕީއެސްޖީއަށް އެމްބާޕޭގެ އެއްބަސްވުން އާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މީގެ ކުރިން އެމްބާޕޭ ބޭނުންވީ ހުރިހާ މުބާރާތެއްގައި ވާދަކުރެވޭ ފެންވަރު ޓީމެއް ޕީއެސްޖީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްބާޕޭ މިހާރު ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި ފަހަރުގެ ހޫނު މޫސުމުގައި އެމްބާޕޭ ހޯދުމަށް ރެއާލުން އަލުން މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ދިން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ދެން އެ ޓީމުން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތްކުރާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި ރެއާލުގެ އިތުރުން ލިވަޕޫލާއި، ޔުވެންޓަސް އަދި ބާސެލޯނާއިންވެސް އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 173 މެޗުގައި 133 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.