ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާސެލޯނާ އާއި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ފެށުން ރަނގަޅުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ރެއާލް ސޮސިއެޑާޑް އަތުން 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ފަހުން ސްޕެނިޝް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޖެރާޑް ޕީކޭއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޓީން ބްރެތުވެއިޓް ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ބްރެތުވެއިޓް ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް އޭގެ ފަހުން ހުލެން ލޮބެޓޭ އާއި މިކޭލް އޮޔާޒަބަލުގެ ލަނޑުތަކުން ސޮސިއެޑާޑުން ވަނީ ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުގައި ބާސާއިން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ސާޖީ ރޮބާޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މޮޅުވީ ސެލްޓަ ވީގޯ އަތުން 2-1 ގެ ނަތީޖައަކުންނެވެ.
ސެލްޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ. އެކަމަކު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އިއާގޯ އަސްޕާސް ވަނީ ސެލްޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އެތުލެޓިކޯއިން ވަނީ މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ކޮރެއާއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ދެ ޓީމުންވެސް ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ރެފުރީ ވަނީ އެތުލެޓިކޯގެ މާރިއޯ ހާމޯސޯ އާއި ސެލްޓަގެ ހޫގޯ މާޔޯއަށް ސީދާ ރަތް ކާޑު ދައްކާފައެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބާސާ އާއި އެތުލެޓިކޯވެސް މޮޅުވިއިރު، ލީގުގައި ދެން ބާސާއިން ކުޅޭ މެޗުގައި ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. އަދި އެތުލެޓިކޯ ނުކުންނާނީ ވާދަވެރި އެލްޗޭއާ ދެކޮޅަށެވެ.