ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 16:26
ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގެ 6 ވަނަ ބެޗް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގެ 6 ވަނަ ބެޗް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކަރެކްޝަންސް
އެމްސީއެސް ހަރުދަނާ ކުރުން
އެމްސީއެސް ހަރުދަނާކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ: ކޮމިޝަނަރ އޮފް ޕްރިޒަންސް
 
ޤާބިލު މުވައްޒަފުން ހޯދުމަށް އެޑިއުކޭޝަނަލް ޕޮލިސީއެއް ޑްރާފްޓްކުރެވި، ދާދި އަވަހަށް އެންޑޯޒްކުރެވޭނެ
 
ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން 788 އޮފިސަރުންނަށާއި މުވައްޒަފުންނަށް އެކިއެކި ހުނަރާއި ތަމްރީނު ދަސްވެފައިވޭ
 
މުވައްޒަފުން ބިނާ ކުރުމަށް އަބަދުވެސް އިސްކަންދެން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ހަރުދަނާކުރުމަށާއި މުވައްޒަފުން ބިނާ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްސީއެސް ''ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ'' (ޕީ.އާރް.ޓީ.ޓީ)ގެ 6 ވަނަ ބެޗްގެ ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެމްސީއެސް ހަރުދަނާކުރުމަށާއި މުވައްޒަފުން ބިނާ ކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ތަރުތީބުކުރެވިފައިވާ ހުރިހާ ކަމެއް ކުރިއަށް ނުގެންދެވުނު ނަމަވެސް، މުވައްޒަފުން ބިނާ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެގޮތުން ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު، މުވައްޒަފުން ތާޒާ ކުރުމަށާއި އެކި އެކި ގޮތްގޮތުން ހުނަރާއި މައުލޫމާތު ހިއްސާކޮށް ބިނާކުރުމުގެ ގޮތުން 20 ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށާއި މި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން 788 އޮފިސަރުންނަށާއި މުވައްޒަފުންނަށް އެކިއެކި ހުނަރާއި ތަމްރީނު ދަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުވައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން ޢިލްމީ، ޤާބިލު މުވައްޒަފުން ހޯދުމަށް އެޑިއުކޭޝަނަލް ޕޮލިސީއެއް ޑްރާފްޓްކުރެވި، ވަރަށް އަވަހަށް އެންޑޯޒް ކުރެވޭނެކަމަށާއި, އަދި މި ޕޮލިސީގެ ސަބަބުން މުއައްސަސާއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރަން އެދޭ ފަރާތްތަކަށް ވަޒީފާ އަދާކުރަމުން, ލުއި ފަސޭހަކަމާއެކު ކިޔެވޭނެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޕްރައިމަރީ ރެސްޕޮންސް ޓީމެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވައި، ކޮމިޝަނަރ ވިދާޅުވީ އެކި އެކި ސަބަބުތަކާހުރެ އީއެސްޖީގެ އޮފިސަރުންގެ މަދު ކަމަށެވެ. އޭގެ ސަބަބުން ޖަލުތަކުގައި ދިމާވާ ގޮންޖެހުންތަކަށް، ޕީއާރްޓީޓީ ފުރިހަމަކުރި ބެޗްގެ ސަބަބުން ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

''ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ'' (ޕީ.އާރް.ޓީ.ޓީ)ގެ 6 ވަނަ ބެޗް ކުރިއަށް ގެންގޮސްފައިވަނީ 45 ފަސް ދުވަހަށެވެ. މި ބެޗްގައި އެމްސީއެސްގެ އެކި ޖަލުތަކުންނާއި ހެޑް އޮފީހުން 46 އޮފިސަރުން ބައިވެރިވި ނަމަވެސް، މި ޓްރޭނިންގ ފުރިހަމަކޮށްފައިވަނީ 42 އޮފިސަރުންނެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲއެވެ. މިނިސްޓަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް, ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކުގެ އޮފިސަރުން, ސިވިލް މުވައްޒަފުން އަދި ދައުވަތު ދެއްވި އެހެނިހެން މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެރިވެވަޑައިގަތެވެ.

މި ޓްރޭނިންގގެ ބެސްޓް ކޮލަމް، ބެސްޓް އޯލް ރައުންޑް އޮފިސަރާއި އަދި ފިޓެސްޓް އޮފިސަރަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރެވެ. މިގޮތުން ބެސްޓް އޯލް ރައުންޑަށް ޕްރައިވެޓް ޙަމްދޫން އަޙުމަދު ހޮވިފައިވާއިރު، ފިޓެސްޓް އޮފިސަރ ލިބިފައިވަނީ ޕްރައިވެޓް މުޙައްމަދު ޢަލީ ރަޝީދަށެވެ.

މި ރަސްމިއްޔާތުގައި އެމްސީއެސްގެ 50 ވަނަ އަހަރީ ދުވަހަށް ޚާއްސަ ލޯގޯ އާއި އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ދިދަ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް