ހިޔާ ފުލެޓްތަކުގެ މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ އަދަދުން ބާކީވާ ފައިސާ ފްލެޓްތަކުގެ ވެރިފަރާތަަށް ދޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ހުރަވީ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ އެޗްޑީސީން ފްލެޓްތަކުގެ މެއިންޓަނެންސްގެ މަސައްކަތް ކުރާނީ ގާތްގަނޑަކަށް އެއްއަހަރު ދުވަހަށް ކަމަށާއި، ދާއިމީ ގޮތެއްގައި އެމަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެޗްޑީސީން ބާރު އަޅަނީ އެތަނުގައި ދިރިއުޅޭ މީހުން ޖަމިއްޔާއެއް ނޫނީ ބޮޑީއެއް އުފައްދައިގެން އެމަސައްކަތް ކުރުމަށް އިސްނެގުމަށް ކަމަށެވެ.
ސުހައިލް ވިދާޅުވީ ފުލެޓްތަކުގެ މެއިންޓަނަންސް މަސައްކަތާ އެޗްޑީސީން ހަވާލުވެފައިވަނީ ފުލެޓްތައް ދޫކުރާ އަހަރަށް ވެފައި، މަސައްކަތްތައް އިންތިހާއަށް ބުރަ ވެގެންދާނެތީ ކަމަށެވެ.
ކޮންމެ ދެ ޓަވަރަކީ އެއްމެނޭޖްމެންޓް ބޮޑީ ކަމަށް އެހެންވީމަ އެއިން ކޮންމެ މެނޭޖްމެންޓް ބޮޑީއަކުން އަޅުގަނޑުމެން ރެޕްރެޒެންޓޭޓިވްއެއް ހޯދާނަން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން. މިހިސާބުތައް ބަލަހައްޓަން އިނގޭތޯ. ފުރަތަމަ ބަލަމާ ހިނގާ އެއްއަހަރަށް. ހަމަ ގައިމު ވެސް ޚަރަދުކޮށްފައި ބާކީ އެއްޗެއް ހުރެއްޖެއްޔާ އަޅުގަނޑުމެން އަނބުރާ ދޭނަން. އެހެންވީމަ ހިސާބުތައް ފްލެޓްތަކުގެ އޯނަރުންނަށް ދައްކާނަން ދައްކާފައި އަދި އެޗްޑީސީގެ އިންޓެންޝަނެއް ނޫން މިކަން ދާއިމަށް ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމެއް. އަޅުގަނޑުމެން އެންކަރޭޖް ކުރަނީ ވެސް އެތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކުން ޖަމިއްޔާއެއް ނޫނީ ބޮޑީއެއް އުފައްދައިގެން އެބޭފުޅުން އެކަމުގައި އިސްނެންގެވުން. އަޅުގަނޑުމެން ހޭންޑް އޯވަ ޕީރިއަޑްވީމަ އަޅުގަނޑުމެން އިސްނަގައިގެން މިއުޅެނީ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު
ފުލެޓްތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ނަގަނީ 1000 ރުފިޔާއެވެ. ނަމަވެސް އެ ފީ ވެސް ބޮޑު ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ އަދަދުން ބާކީވާ ފައިސާ ފްލެޓްތަކުގެ ވެރިފަރާތަަށް ދޭން ނިންމާފައިވާއިރު، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވެފައިވެއެވެ. ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ހުކުރު ދުވަހުގެ ހަވީރު ބާއްވާފައިވެއެވެ. މި އެއްވުމުގައި ހިޔާ ފްލެޓުތައް ލިބުނު ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ މި އެއްވުމުގައި ބައިވެރިވެ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.