ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 09:51
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބޭރުގެ ގިނަ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވޭ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބޭރުގެ ގިނަ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވޭ
ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތައް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ބޭރުގެ ޑިޕްލޮމެޓުންނާ މަޝްވަރާކުރައްވައިފި
ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ގޮވާލައްވާފައިވޭ
ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެެހީތެރިކަން ބޭނުންވޭ
2030 ވަނަ އަހަރާ ހަމަޔަށް ރާއްޖެއިން ދޫކުރާ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ވަނީ އަމާޒުހިފާފައި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އެ ދާއިރާއިން ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ބޭރުގެ ޑިޕްލޮމެޓުންނާއި، މަލްޓިލެޓެރަލް އެޖެންސީތަކުގެ ބޭފުޅުންނާ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވަކިވަކީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން މާލޭގައި ބާއްވާފައިވާ މި ބައްދަލުކުރެއްވުންތަކުގައި، ސަބްރާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ގޮވާލައްވާފައެވެ. އެކަމަނާ ވަނީ ނާޒުކު، ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް މާލީގޮތުންނާއި އަދި ފަންނީ ގޮތުން އެެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ސަބްރާ ވަނީ ރާއްޖޭގައި އިރުގެ އަލިން އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކަށް އިންވެސްޓުކުރުމަށާއި، 2030 ވަނަ އަހަރާ ހަމަޔަށް ރާއްޖެއިން ދޫކުރާ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި، ސަބްރާ ވަނީ ތިމާވެށީގެ ގޮތުން ހޫނުވަމުން އަންނަ ދުނިޔެއަކާ ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރުވުމުގައި ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއެކު ސަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއާ ސަބްރާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ލާމަރުކަޒީ އުސޫލުން ކަންކަން ހިނގަމުންދާއިރު މީހުންގެ ގައިގައި އެކަމަށް ބޭނުންވާ ހުނަރު އިތުރުކުރުން ހިމެނޭ ކަމަށެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރާއެކު ސަބްރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދެ ގައުމަށް ކުރަމުންދާ އަސަރުތަކާއި، ތިމާވެއްޓަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ފަށާފައިވާ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަންއާއިއެކު ސަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއިން އިސްކަންދޭ ކަންކަމާއި، ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި ޖަޕަނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ރެޕްރެޒެންޓެޓިވް އާއެކު ސަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަން ދެމިއޮތްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޗައިނާގެ ޗާޖް ޑި އެފެއާޒް، ޔޫ ޒޫޔޮންގް އާއެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަބްރާ ވަނީ ޗައިނާ ސަރުކާރުން އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖެއާއި ޗައިނާގައި ތިމާވެއްޓާ ރަށްޓެހި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވެރާ ހަކީމާ އެކު ސަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޔޫއެންޑީޕީގެ ފަރާތުން ތިމާވެއްޓާ ގުޅޭގޮތުން ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ކްލައިމެޓް އެމަރޖެންސީގެ ހާލަތަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ވުޖޫދަށް ނުހަނު ބޮޑު ނުރައްކާތެރިކަމެއް މިވަނީ ކުރިމަތިވެފައެވެ. މިދިޔަ ހޯމަ ދުވަހު އ.ދ. ގެ އިންޓަރގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްއިން ނެރުނު ރިޕޯޓުގައިވާ ގޮތުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އެބައޮތެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސްގައި ހިފެހެއްޓުމަށް ކާބަން ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަންޖެހޭކަން ވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.  


Advertisement
- ކޮމެންޓް