ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 12:05
މާލޭގެ މޭޔަރ ޑރ. މުއިއްޒަކީ އުސޫލުތައް އެކިފަހަރު އެކިގޮތަށް ގެންގުޅުއްވުމުގައި ދިގު ރިކޯޑެއްގެ ވެރިއެއް
މާލޭގެ މޭޔަރ ޑރ. މުއިއްޒަކީ އުސޫލުތައް އެކިފަހަރު އެކިގޮތަށް ގެންގުޅުއްވުމުގައި ދިގު ރިކޯޑެއްގެ ވެރިއެއް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
"އެކަލް އެކެޑަހަ، މިކަލް މިކެޑަހަ، ދެކަލް ދެކެޑަހަ"
 
ގޯޅިތައް ހުޅުވައިލަން އެންގީ އެމްޑަބްލިޔުއެސްސީއާ މަޝްވަރާ ކުރުމެއްނެތި
 
މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ މައްޗަށް ސިޓީ ކައުންސިލްގެ އިހުތިސާސެއް ނެތް

ލިޔެ ބަޔާންވެގެންވާ އުސޫލަކަށް ތަބާވުމުގެ ބަދަލުގައި އުސޫލު ތަބާވާން ޖެހޭނީ ތިމަންނާއަށޭ، އުސޫލު އަންނަންވާނީ ތިމަންނާގެ ފަހަތަށޭ ހީކުރާ މީހުން އުޅެއެވެ. އެފަދަ މީހުންނަކީ ކަންކަމުގެ މިސްރާބާއި ހަމަ ނިކަން އަވަހަށް ބަދަލުކުރާ ބައެކެވެ. އޮޅުވައިލާ ބައެކެވެ. އިހަށް އެކޮޅުގައި ހުރިއްޔާ މިހާރު ހުންނާނީ މިކޮޅުގައެވެ. ފަހަރަކު ކޮޅެއްގައެވެ.

މިޒާތުގެ މީހުންނާމެދު ފުވައްމުލަކުގައި ބުނެއުޅެއެވެ. އެކަލް އެކެޑަހަ، މިކަލް މިކެޑަހަ، ދެކަލް ދެކެޑަހައެވެ. މާނަޔަކީ އޭރު އެކޮޅުގައެވެ. މިހާރު މިކޮޅުގައެވެ. ދެފަހަރު ދެކޮޅުގައެވެ. މިބަހުގެ އެންމެ ސާފުކަންބޮޑު މިސާލަކަށް މިވަގުތު ފެންނާންހުރީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒެވެ. އޭނާ އެވަގުތަކު ހުންނަވާ ކޮޅަކީ އުސޫލެވެ. ހަމައެވެ. މަގާމު ބަދަލުވެ ބޭނުންތައް ތަފާތުވެލާއިރަށް އުސޫލުވެސް އޮންނަނީ ބަދަލުވެފައެވެ.

ރައީސް ޔާމީނުގެ ދައުރުގެ ކުރީކޮޅުގައި 2014 ވަނަ އަހަރުގެ ފަހުކޮޅު އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި މާލެއިން ފެނުގެ ޚިދުމަތް ކެނޑި އެތައް ހާސް ބަޔަކަށް ކުރިމަތިވި ތަކުލީފުގެ މަތިން ގިނަބަޔަކު އަދިވެސް ހަނދާން ހުންނާނެއެވެ. އޭރު ޑރ.މުއިއްޒަކީ ހައުސިން އާއި ޕްލޭނިން މިނިސްޓަރެވެ. އެމްޑަބްލިޔުއެސްސީއަށް ބެކަޕް ނިޒާމު ބޭނުންވާކަމާއި އެ ނިޒާމު ބަހައްޓަން ޖާގަވެސް ބޭނުންވާކަން އޭރު ޑރ.މުއިއްޒަށް ގަބޫލުފުޅު ކުރެއްވުނެވެ. މިދެންނެވި ނިޒާމު ގާއިމުކުރުމަށްޓަކައި އަދި މިނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ ކައިރީގައިވާ ބައެއް ގޯޅިގޯޅި ބަންދުކުރައްވައި އެމްޑަބްލިޔުއެސްސީއަށް ހަމަނޭވާލުމުގެ ޖާގައެއް ދެއްވީ މުއިއްޒެވެ. މިކަން ކުރެއްވިއިރު ރައްޔިތުން ކުރެން އެއްސެވި ޚިޔާލެއް ލަފައެއް ނެތެވެ. ސިޓީ ކައުންސިލާއެކު ކުރެއްވި މަޝްވަރާއެއްވެސް ނެތެވެ. ޑރ.މުއިއްޒަށް ފެނިވަޑައިގަތީމާ ކުރެއްވީއެވެ.

ޑރ.މުއިއްޒު މިހާރު އެހުންނެވީ މާލޭގެ މޭޔަރުކަމުގައެވެ. އެއްދުވަހެއްގެ އެރި އިރާއެކު ކުއްލިއަކަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެއެވެ. ރައްޔިތުންނަށް އުނދަގޫވާތީ ޝަކުވާ ކުރަނީއެވެ. އެހެންވީމާ އެމްޑަބްލިޔުއެސްސީއަށް ދީފައިވާ ބިންތައް އެއްމަސްދުވަހުގެ ތެރޭގައި ހުސްކޮށް ގޯޅިތައް ހުޅުވައިލަން އަންގައި އަމުރުކޮށްފީމެވެ. ފެނުގެ ނިޒާމަކާއި ނިޒާމެކެވެ. ޚިދުމަތް ދެވުނަސް ނުދެވުނަސް، މާލޭގެ ރައްޔިތުންނަށް ފެން ލިބުނަސް ނުލިބުނަސް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު އެވީ މިތަކެއްޗާއެކު ކަނޑަށް ފައިބާށެވެ. މާލެއަކުން ޖާގައެއް ނެތެވެ. މިވަރުގެ ނިންމުމެއް ނިންމެވިއިރު ހައުސިން މިނިސްޓްރީއާއެކު ކުރެއްވި މަޝްވަރާއެއްވެސް އަދި އެމްޑަބްލިޔުއެސްސީއާއެކު ކުރެެއްވި މަޝްވަރާއެއްވެސް ނެތެވެ. ބިމަކީ ކޮންބައެއްގެ ތަނެއްތޯ، މިއީ ސިޓީ ކައުންސިލަށް އެކަނި އެންގޭނެ އެންގުމެއްތޯ ވެސް ބެއްލެވުމެއް ނެތެވެ. ދިނީވެސް ތިމަންނާއޭ، އެހެންވީމާ ނެގޭނީވެސް ތިމަންނާއަށޭ ހީފުޅުކުރެއްވީ ކަމަށް ވެދާނެއެވެ.

ޑރ.މުއިއްޒުގެ މިނިސްޓަރުކަމުގެ ދައުރުގައި އީއައިއޭއެއް އެހެން އެއްޗެއް ހެއްދެވުމެއް ނެތި މާލޭގެ ހުޅަނގު ދެކުނު ފަރާތު ފަރުމަތިން އެނބުރޭ ރާޅުގަނޑުތެރޭގައި ތަނެއް ހިއްކަވައި މިތަނަށް މާލޭ އިންޑަސްޓްރިއަލް ވިލެޖޭ ވިދާޅުވެ ނަން ދެއްވައިފިއެވެ. ސްޓެލްކޯއަކީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ޔުޓިލިޓީ ކުންފުންޏެއް ކަމަށް ޑރ.މުއިއްޒު އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާތީ މި ވިލެޖުން ތަންކޮޅެއް ސްޓެލްކޯއަށްވެސް ދެއްވައިފިއެވެ. އެދުވަސް އެހެންގޮސް މިދުވަސް އައިސް އެއްދުވަހަކު ކުއްލިއަކަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ފޮނުއްވައިގެން އެއްކަލަ ބިން ޑރ.މުއިއްޒު ވަނީ ޣަނީމާ ކުރައްވައިފައެވެ.

ކުރެއްވި މަޝްވަރާއެއް އަދި ދެއްވި އިންޒާރެއްވެސް ނެތެވެ. ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްތޯ ބެއްލެވުމެއްވެސް ނެތެވެ. ސްޓެލްކޯއަށް ކަމެއްގެ ހިލަންވީވެސް ސިޓީ ކައުންސިލުން ފޮނުވި ފައުޖު އެތަނަށްގޮސް އެކުއްޖެއްގެ އަތުގައި ޖެހުނު އެއްޗެއް ޣަނީމާކޮށް ފޮރުވައި މިޒާތަކުން ތަން ހުސްކޮށް ނިންމައިލި ފަހުންނެވެ. އޭރު ސީސީޓީވީ ކެމެރާތަކުން، ކޭބަލުން، އިންޖީނުގެ ސްޕެއަރ ޕާޓްސްތަކުން މިހެންގޮސް އެބިމުގައި ސްޓެލްކޯއިން ގުދަންކޮށްފައިވާ ހުރިހާ ސާމާނެއް ގެއްލި ނިމިއްޖެއެވެ. މާލެއަށް ކަރަންޓު ދިނަސް ނުދިނަސް ޑރ.މުއިއްޒަކަށް ފަރުވާލެއް ނެތެވެ. ދިނީވެސް މަށޭ، އަތުލާނީވެސް މަށޭ ހީފުޅު ކުރެއްވީ ކަމަށް ވެދާނެއެވެ.

ޑރ.މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި 2018 ވަނަ އަހަރު ކުރެއްވި އެއްކަމަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް ނުއަގުގައި ވިއްކާން އުޅުއްވި އުޅުއްވުމެވެ. ހުޅުމާލޭގެ މައްޗަށް ގާނޫނީގޮތުން އޮތީ އެޗްޑީސީގެ އިހުތިސާސްކަން ގަބޫލު ނުކުރައްވާތީ ތޯއްޗެކެވެ. އެޗްޑީސީއާއެކު ކުރެއްވި މަޝްވަރާއެއް ނެތެވެ. އަދި ކިޔެެއްތަ މާލޭ ސިޓީ ކައުންސިލާއެކު ކުރެެއްވި މަޝްވަރާއެއްވެސް ނެތެވެ. ސިޓީ ކައުންސިލަކީ ގާނޫނީ ޝަޚުސެއްކަމަށްވެސް އޭރު ޑރ.މުއިއްޒު ގަބޫލެއް ނުކުރައްވައެވެ.

ކޮންމެއަކަސް ދައުލަތުގެ ކޭޝްފްލޯއޭ، ނީލަކޯރުގެ އައްސޭރިން މިސްރުގައި އޮންނަ ދިމްޔާތު ސަހަރޭ ވިދާޅުވެފައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް ވިއްކަވަން ޑރ.މުއިއްޒު ކުރެއްވި މަސައްކަތް ހުއްޓުވީ ކޯޓުންނެވެ. އެއީ ހައުސިން މިނިސްޓްރީއަށް ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫންކަމަށްވާތީއެވެ. ކޮންމެއަކަސް މިއަދު މިފެންނަނީ ތަފާތު މަންޒަރެކެވެ. މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސީ ކުޑައެއްގެ ދަށަށް ހުޅުމާލެ ގެންނެވުމަށް ވަރަށް އަވަދިނެތި ޑރ.މުއިއްޒު އުޅުއްވާ މަންޒަރު އެބަފެނެއެވެ.

އިހުގެ މުސްކުޅިން ބުނެއުޅުނު ބޯދާބަހެކެވެ. ގަތްދެވި ފިލިޔަސް ވީފަރިތައެއް ނުފިލާނެއެވެ. މިބަހުގެ މުރާދަކީ މީހެއްގެ ގައިގައި އަށަގެންފައިވާ ނުބައި އާދައެއް ދުވަހަކުވެސް ނުފިލާނެޔޭ ބުނުމެވެ. ބިންތައް ފޭރުމާއި ގޮތްދެއްކުމަކީ ކޮންމެ މަގާމެއްގައި ހުންނެވިޔަސް ޑރ.މުއިއްޒުގެ ގައިގައި ނިކަން ރަގަޅަށް ހަރުލާފައިވާ އާދައެކެވެ. މާލޭ ސިޓީ ކައުންސިލް، ގަލޮޅު ބިއްލޫރިޖެހިގެއިން ބޭރުކުރުމާއި އައްޑޫ ސިޓީ ކައުންސިލް، ހިތަދޫ ރަސްގެދަރު ޓައުން ހޯލުން ބޭރުކޮށްލަން އުޅުއްވުމަކީ ޑރ.މުއިއްޒުގެ ސީވީގައި ލިޔެވި ބަޔާންވެގެންވާ ކަންކަމެވެ.

މީގެ ތެރެއަށް އެންމެފަހުން އިތުރުވެގެން އެދިޔައީ އިންޑަސްޓްރިއަލް ވިލެޖުގައިވާ ސްޓެލްކޯގެ ބިމެވެ. ދެން އެންމެ އަވަހަށް އިތުރުވާން އޮތީ އެމްޑަބްލިޔުއެސްސީގެ ރިޒާވާއި ބެކަޕް ނިޒާމު ގާއިމުކުރެވިފައިވާ ބިމެވެ. މި ކަންކަމަށް ނިމުމެއް ނެތެވެ. މިދާގޮތަށް ދަންޏާ މާދަމާގެ އިރާއެކު ޑރ.މުއިއްޒު ޓުވީޓު ކުރައްވައިފާނެއެވެ. ރައީސް އޮފީސް ހިންގަމުން ގެންދާ ރަންޖެހިކޮށި ސިޓީ ކައުންސިލަށް ނަގައިފީމެވެ. ތަން ހުސްކޮށްފައި އެއްމަސް ދުވަހުގެ ތެރޭގައި ނިކުންނާށެވެ. ކޮންމެއަކަސް މިހުންނެވީ ފިސާރި މޭޔަރެކެވެ. އެކަލް އެކެޑަހަ، މިކަލް މިކެޑަހަ، ދެކަލް ދެކެޑަހަ މޭޔަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
17%
0%
0%
11%
6%
67%
ކޮމެންޓް
12 އޯގަސްޓް 2021 | ބުރާސްފަތި 09:32
ސަޢީދު
ކީއްކުރަންދައްކާވާހަކައެއް އަހަރުންނަތިކަލޭގެދަސްވެފައިވާތީ ވޯޓް ވެސްނުދެން ނުވެސްދޭނަން އެޑީޕީ މީހުން ވޯޓް ލާން ނޫނީ ކުތީ ނޫންބާ
11 އޯގަސްޓް 2021 | ބުދަ 10:44
Farhaan Jaleel
މިއީ ކާކު ލިޔުނު މަގޭ ރިޕޯޓެއް؟ މީގަ މަގޭ އަކީ ކާކު؟