ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑުގެ ނަމުގައި ޚާއްސަ ކާޑެއް ދޫކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އާދީއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު އައްޒަ ވިދާޅުވީ, ބެލެނިވެރިން ކުދިން ބަލާ އަންނައިރު ވެކްސިން ޖަހާފައި ހުރިކަން ކަށަވަރު ކުރުމުގެ ގޮތުން ގްރީން ކާޑުގެ ނަމުގައި ކާޑެއް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު އެކާޑު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާންކަން އައްޒަ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި މަހުގެ ނިޔަލަށް, ސްކޫލްތަކާ ގުޅިގެން މި ކާޑު ތަޢާރަފް ކުރެވޭނެ ކަމަށެވެ.
ވެކްސިން ނުޖަހާ މީހުންނަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭކަން ފާހަގަކުރައްވައި އައްޒަ ވިދާޅުވީ, ސިއްހީ ގޮތުންނާއި އަދިވެސް ތަފާތު އެކި ސަބަބުތަކާ ގުޅިގެން ވެކްސިން ފުރިހަމަ ނުކުރެވޭ މީހުންނަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލިއުން ގެނައުމުން އެކަން ފަހިކޮށްދޭނެ ކަަމަށެވެ.
އޭގެ އިތުރުން އޮގަސްޓް މަސް ނިމޭއިރު އަޅުގަނޑުމެންނަށް ސްކޫލުތަކާ ގުޅިގެން ބެލެނިވެރިންނަށް ވަކި ކާޑެއް ތަޢާރަފް ކުރަން. މިހާރު އަޅުގަނޑުމެން މިކިޔަނީ ގްރީން ކާޑޭ. އަޅުގަނޑުމެން ބަލާނީ ސްކޫލު ތަކުން އެންމެ ފަސޭހަ ގޮތަށް އެތަޢާރަފް ކުރެވޭނީ ކިހިނެއްތޯ. އަޅުގަނޑުމެންނަށް ބެލެނިވެރިން ކުދިން ބަލާ އަންނައިރު ވެކްސިން ޖަހާފައި ހުރިކަން ކަށަވަރު ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ހޯދާފަ ސްކޫލުތަކާއި އެކީގައި މިހާރު ގްރީން ކާޑު ތަޢާރަފް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ.މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު އައްޒަ
ވެކްސިނޭޝަން ޕްރޮގްރާމާ ބެހޭގޮތުން އައްޒަ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 96 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.
އެގޮތުން ބެލެނިވެރިން ވެކްސިނަށް ހޭލުންތެރިކުރުވުމުގެ ގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށާއި, މިޕްރޮގްރާމްތައް އަންނަ ހަފްތާއާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.